މުޒާހަރާގައި އުމަރު ނަސީރު މީހެއްގައި ޖެއްސެވި ކަމަށް ބުނެ ފުލުސް އޮފީހަށް ހާޒިރު ކުރައްވައިފި

ރައީސް އޮފީސް ކުރިމަތީގައި އިދިކޮޅު ބައެއް ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މުޒާހަރާގައި އައިޑީޕީގެ ރައީސް އުމަރު ނަސީރު މީހެއްގެ ގައިގައި ޖެއްސެވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އޭނާ ރޭ ފުލުސް އޮފީހަށް ހާޒިރު ކުރައްވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީގެ ހަރަކާތްތަކުގައި ވަރަށް ގާތުން މަސައްކަތް ކުރައްވާ އުމަރު ފުލުސް އޮފީހަށް ހާޒިރު ކުރެއްވީ މީހަކު ހުށަހަޅާފައިވާ މާރާމާރީގެ މައްސަލައެއްގައި ބަޔާނެއް ނެގުމަށް ކަމަށެވެ. އެއަށް ވުރެ އިތުރު ތަފުސީލެއް އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅެއް ނުވެ އެވެ.
އުމަރު މިއަދު ވިދާޅުވީ ރޭ ގެ 15: 10 އަށް ފުލުސް އޮފީހަށް ހާޒިރު ކުރެއްވުމަށް ފަހު ބަޔާން ނަގައި ދޫކޮށްލެއްވީ 00: 11 ޖަހާކަންހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ މުޒާހަރާގައި އެއްވެސް މީހެއްގެ ގައިގައި އޭނާ ޖައްސަވާފައި ނުވާނެ ކަމަށާއި އަދި އެމްޑީޕީގެ ބަޔަކު ވެސް އިދިކޮޅު ބައެއްގެ ގައިގައި ޖަހާފައި ނެތް ކަމަށެވެ.
"އެމްޑީޕީގެ ވަރަށް އިސް އެކްޓިވިސްޓެއްގެ ގައިގައި އަޅުގަނޑު ޖެހި ކަމަށް ބުނެ ދެ ހެކިންނާ އެކު މައްސަލަ ފުލުހުންނަށް ހުށަހަޅާފައި އޮތް. އެކަމަކު އަޅުގަނޑު ފުލުހުން ކައިރީގައި ރޭގައި ބުނިން އަޅުގަނޑު މާރާމާރީއެއް ހިންގާފައެއް ނޯންނާނެ އޭ. އެ ސަރަހައްދުގައި ކެމެރާތައް ވެސް ހުންނާނެ އޭ. ރައީސް އޮފީހުގެ ކެމެރާއިން ފެންނަންވާނެ އޭ. ކެމެރާތައް ވެސް ބަލާށޭ އަޅުގަނޑު މީހެއްގެ ގައިގައި ޖެހިތޯ ބަލަން. އަޅުގަނޑު ބުނިން ޕޮލިގްރަފީ ޓެސްޓް ]މީހަކު ދޮގު ހަދާތޯ ބަލަން ކުރާ ޓެސްޓެއް[ ވެސް ހަދާށޭ. މިހާރު ފުލުސް އޮފީހުގައި ހުންނަ ކަމަށް ވަނީ ޕޮލިގްރަފީ ޓެސްޓް ހެދެން ވެސް. އެހެންވީމަ އެ ޓެސްޓް ހަދައިގެން ވެސް މިކަން ޔަގީން ކުރަން އަޅުގަނޑު އެދުނިން،" އުމަރު ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހުގެ މުޒާހަރާ ފެށިތަނާ ކަހަލަ ގޮތަކަށް އަމީރު އަހުމަދުމަގުން ރައީސް އޮފީސް ގޭޓް ކުރިމަތިން ކަހަލަ ގޮތަށް އެއްވެ ތިބި ޑީއާރުޕީގެ ސަޕޯޓަރުންގެ ތެރޭގައި ހުންނަވާފައި އުމަރު ކުއްލި ގޮތަކަށް އެމްޑީޕީގެ ސަޕޯޓަރުންނާ ދިމާލަށް ދުއްވައިގަތް މަންޒަރު ބައެއް ނޫސްވެރިންނަށް ވެސް ފެނިފައި ވެ އެވެ. ދެ ޕާޓީގެ މީހުންގެ މެދުގައި މައްސަލަ ހޫނުވި ކަމަށް ފާހަގަ ކުރެވުނީ އެ ހިސާބުންނެވެ.
އެހެން ނަމަވެސް އުމަރު ވިދާޅުވީ އެ ދުވަހު ދުއްވައިގަތީ ޑީއާރުޕީގެ ސަޕޯޓަރުންތަކެއް އެމްޑީޕީ މީހުންނާ ދިމާލަށް ދާން އުޅޭހެން ހީވެގެން އެ މީހުން މައިތިރި ކުރުމަށް ކަމަށެވެ. އަދި އެ ވަގުތު ތެރޭގައި އެއްވެސް މީހެއްގެ ގައިގައި ނުޖައްސަވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ