ދިއްދުއަށް މަސް އެޅި މައްސަލަ: ކޯޓުން ކަންތައްތަކެއް ސާފުކުރަން ޖެހޭތީ، ދައުވާ ލިބޭ އެންމެ ރަށަށް ދިއުމުގެ ހުއްދަ ދެއްވައިފި

ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު އަތޮޅު އޮފީހަށާއި އަތޮޅު ގެއަށާއި ރަށު އޮފީސް ތެރެއަށް ރޯ މަސްތައް އަޅާލި މައްސަލައިގައި، ދައުވާ ލިބޭ އެ ރަށުގެ 18 މީހުންނާއި އެ ހާދިސާއާ ގުޅިގެން ސަރުކާރުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ލިބޭ 10 މީހުންގެ ޝަރީއަތް ވަގުތީ ގޮތުން މެދު ކަނޑައިލެއްވުމަށް ފަހު، އެ ދައުވާ ލިބޭ އެންމެން ވަގުތީ ގޮތުން ރަށަށް ދިއުމުގެ ހުއްދަ ޖިނާއީ ކޯޓުން ދެއްވައިފި އެވެ.
ކޯޓްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ދައުވާ ލިބޭ ދިއްދޫ މަސްވެރިންގެ ޝަރީއަތް މެދުކަނޑައިލެއްވުމަށް ފަހު ރަށަށް ދިއުމުގެ ހުއްދައެއް ވަގުތީ ގޮތުން ދެއްވީ މައްސަލަ މިހާރު ގޮސްފައި އޮތް މަރުހަލާގައި ކޯޓުން ބަލަންޖެހޭ ކަންތައްތަކެއް ބަލައި ސާފުކުރަން ޖެހޭތީ ކަމަށެވެ.
މިއީ ދިއްދު އަށް މަސް އަޅައިގެން ޣައިރު ގާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގައި ދައުވާ ލިބޭ އެ ރަށުގެ މީހުންގެ ޝަރީއަތް މެދުކަނޑައިލެއްވުމަށް ފަހު ރަށަށް ފުރުމުގެ ހުއްދަ ދެއްވި ދެ ވަނަ ފަހަރެވެ. މި މައްސަލައިގެ ޝަރީއަތް ޖިނާއީކޯޓުގައި ފައްޓަވާފައިވަނީ މިދިއަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ދިއްދޫގައި ހުންނަ ސަރުކާރުގެ އިމާރާތްތަކަކަށް ގާތްގަނޑަކަށް 25 ޓަނުގެ ރޯމަސް އަޅައިލި ކަމުގެ ކުށުގައި ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލުންގެ ޓީމުގެ ހިމެނި ވަޑައިގަންނަވާ އިބްރާހިމް ރިޒާ ވިދާޅުވީ އޭނާގެ މުވައްކިލުން ރަށަށް ދިއުމުގެ ވަގުތީ ހުއްދައެއް ކޯޓުން ދެއްވީ، މައްސަލައިގައި ކޯޓަށް ހާޒިރުވާން ޗިޓާ ހަވާލުމަށް އަންގާރަ ދުވަހު ކޯޓަށް ދިއުމުން ކަމަށެވެ.
ދިފާއީ ޓީމުގެ އަނެއް ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ރަށަށް ދިއުމުގެ ހުއްދަ ދެއްވިއަސް ވަކި މުއްދަތެއް ކޯޓުން ވިދާޅުވެފައި ނުވާތީ މަދުވެގެން އެއް މަސް ދުވަހުގެ ފުރުސަތު ދެއްވުމަށް އަނގަ ބަހުން ކޯޓުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.
"އެހެންނޫނީ ދަތުރެއް ކޮށްފައި ރަށަށް އަރާ ތަނުން އަންނަން ވިދާޅުވެދާނެ. އެހެންވެއްޖިއްޔާ އެކަންވާނީ ވަރަށް ބޮޑު ތުރާލަކަށް،" ސުއޫދު ވިދާޅުވި އެވެ.
އިސްގާޒީ އަބްދުﷲ އަރީފު ބައްލަވާ މައްސަލައިގެ އަޑު އެހުމުގައި މިހާރު އޮތީ ހެކިން ހާޒިރު ކުރުމުގެ މަރުހަލާ ފައްޓަވައިފަ އެވެ. ނަމަވެސް އެންމެ ފަހުން މި މައްސަލައިގައި ޝަރީއަތުގެ މަޖިލިހެއް މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިރު ދައުލަތުން ހާޒިރު ކުރަން ބޭނުންވި ހެކިން ވަނީ ކޯޓަށް ހާޒިރުވުމަށް ފަހު ހެކިބަސް ދޭން އިންކާރުކޮށް ހެކިބަސް އަދާނުކޮށްފަ އެވެ. އިތުބާރުހުރި ގޮތެއްގައި ހަވީރަށް އެނގިފައިވާ ގޮތުގައި މިއީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހެކިން ކޯޓަށް ހާޒިރުވެ ހެކިބަސް އަދާނުކުރި ފުރަތަމަ ފަހަރެވެ.
އެ ދުވަހު ހެކިން ހެކިބަސް އަދާ ނުކުރުމުން މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ވީޑިއޯ އާއި ފޮޓޯ އާއި ދައުވާ ސާބިތުކުރަން ހުށަހެޅި އެހެނިހެން ތަކެތީގެ އެހީގައި މައްސަލަ ކުރިޔަށް ގެންގޮސް ދެއްވުމަށާއި އިތުރު ހެކިން ހާޒިރުކުރަން ދައުލަތުން އެދިފައި ވަނިކޮށް އެ ދުވަހު ޝަރީއަތުގެ މަޖިލިސް މެދުކަނޑައިލެއްވީ މައްސަލަ ދެން ގެންދަވާނެ ގޮތެއް ފަހުން ދަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ދިއްދުއަށް ރޯމަސްތައް އަޅާލި މައްސަލައިގައި ދައުވާ ލިބޭ ދިއްދޫ މީހުންނަކީ ނިރޮޅު އިބްރާހިމް ރަޝީދާއި ރޯމްގޭ އަބޫބަކުރު އަބްދުﷲ އާއި އޯޓަމްވިލާ އަބްދުﷲ ވަހީދާއި ދިލާސާވިލާ މުހައްމަދު ވަހީދާއި ކަނދޮޅުމާގޭ އަބްދުﷲ ސައީދާއި އުންމީދު އަހުމަދު މުހައްމަދާއި ހަސީނާ މަންޒިލް އަހުމަދު ހަސަނާއި އިސްކިރީނުގޭ އަހުމަދު ޝާކިރާއި ސުހާނީ، މުހައްމަދު ނައީމާއި ލިރުޝާ، އަލީ ނަސީރާއި ހުދުވެލި، މުހައްމަދު ވަހީދާއި ކަރަންކާވިލާ، އަބްދުއްރަހީމާއި ސެވީނާ، އަހުމަދު ރަޝީދާއި ޗޮކްލެޓްގޭ އަހުމަދު ރިޝްވާނާއި ރަބީއީ މަންޒިލް އާދަމް ނަސީރާއި ނޫރާނީވިލާ، ފަރުހާދު އަބޫބަކުރާއި ސާހަތު އިބްރާހިމް ރަޝީދާއި ބިލެތްކަފާގޭ މުހައްމަދު ޝަފީގެވެ.
މަސް އެޅި މައްސަލައިގައި މި 18 މީހުންގެ މައްޗަށް ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ދައުވާ ކުރައްވަނީ ގާނޫނުލް އުގޫބާތުގެ 58 މާއްދާގެ ދަށުން އަމަން ނަގާލުމުގެ ކުށުގަ އެވެ. މީގެ އިތުރުން ތިން އިމާރާތުގެ ތެރެއަށް އަޅާލި މަސްތައް ނަގައި އުކާލައި ސާފުކުރުމަށް ހަރަދުވި 35،000ރ. އާއި މަސްތައް އެޅުމުގެ ސަބަބުން ދެ އޮފީހަށް ލިބުނު ގެއްލުމުގެ ބަދަލު އެ މީހުންގެ އަތުން ހޯދުން ވެސް ދައުވާގައި ހިމެނެ އެވެ. މި މައްސަލައާ ގުޅިގެން ހިނގި އެހެން ހާދިސާއެއްގައި ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅިކަމުގެ ކުށުގައި ދައުވާ ކުރައްވާ 10 މީހުންގެ މައްޗަށް ދައުވާކުރައްވަނީ ގާނޫނުލް އުގޫބާތުގެ 86 ވަނަ މާއްދާގެ ހ، ގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ