ޑީއާރުޕީން ވަކިކޮށްފައިވާ އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ބައިވެރި ކުރައްވައިގެން ނުވަތަ އޭނާއަށް ޖާގަ ދީގެން ޕާޓީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ހިންގަވާ ހަރަކާތްތަކަކީ ޕާޓީ އަށް ފައިދާ ހުރި ކަންތައްތަކެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫނާއި ތަސްމީން ފެކްޝަންގެ މީހުންގެ މެދުގައި ޑީއާރުޕީ އޮފީހުގައި ހިނގި ބޮޑު ކުރިމަތިލުމަކަށް ފަހު ބޭއްވި ކައުންސިލް ބައްދަލުވުން ނިންމަވާލައްވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ އުމަރު ޕާޓީން ވަކިކޮށްފައި ވަނީ ހުރިހާ ގުނަވަންތަކުން ނިންމައިގެން ކަމަށްވާއިރު އޭނާ ބައިވެރިވެވަޑައިގަންނަވާ ހަރަކާތްތަކުން ކުރާނެ ފައިދާއެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ މައުމޫނާ ހިޔާލު ތަފާތުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އުމަރުގެ މައްސަލަ އެއީ އެއް ކަންތައް ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ މައުމޫން ބެއްވެވި ބައްދަލުވުމުގައި ވެސް ތަސްމީން ބައިވެރިވެވަޑައިނުގަތީ އުމަރު ވަޑައިގަންނަވާތީ އެވެ. ތަސްމީން ވިދާޅުވެފައި ވަނީ ޕާޓީން ވަކިކޮށްފައިވާ ފަރާތަކާ އެކު އެއް ތަނަކުން ނުފެންނާނެ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިވެހި ގައުމީ ޕާޓީއާއެކު އިއްތިހާދުވުމަށް ޑީއާރުޕީ ކައުންސިލުން ފާސްކުރި ފާސްކުރުމާ ގުޅޭ ގޮތުން ތަސްމީން ވިދާޅުވީ އެއީ ޕާޓީ އަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.
ތަސްމީން ވިދާޅުވީ ގައުމީ ޕާޓީއާ އެކު ވާ އެއްބަސްވުމުގެ ދަށުން އޭނާ އަށް ގައުމީ ޕާޓީން ތާއީދުކުރުމުގެ އިތުރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކައުންސިލްތަކުގެ އިންތިހާބުގައި ދެ ޕާޓީން ގުޅިގެން ކެންޑިޑޭޓުން ނެރުމަށް އެއްބަސްވެފައިވާ އިރު އެކަން ކާމިޔާބު ނުވެއްޖެ ނަމަ ވަކިވަކިން ކެންޑިޑޭޓުން ނެރުމުގެ ހައްގު އޮންނާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
އުމަރު ނަސީރަށް ޖާގަ ދީގެން ހިންގާ ހަރަކާތްތަކަކީ ޑީއާރުޕީ އަށް ފައިދާ ހުރި ކަންތައްތަކެއް ނޫން: ތަސްމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ