މައުމޫން ބޭނުންފުޅުވާ ގޮތަށް ޕީޕީއެމް ބައްޓަންކޮށްދޭނަން: އުމަރު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރުޕީގެ ކުރީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ބޭނުންފުޅުވާ ގޮތަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް )ޕީޕީއެމް(ގެ ކަންތައްތައް ބައްޓަންކޮށްދެއްވާނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ބުދަދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމުގައި އުމަރު ވިދާޅުވީ "ޕާޓީ ތެރޭގައި ރައީސް މައުމޫންގެ ނުފޫޒު ގަދަވުމަކީ ކަންބޮޑުވާ ކަމެއް ނޫން" ކަމަށެވެ.
"ހަގީގަތުގައި މިޕާޓީ އަކީ ރައީސް މައުމޫން އުފެއްދެވުމަށް މަސައްކަތްކުރައްވާ ޕާޓީއެއް. އެހެންވީމާ ރައީސް މައުމޫން ބޭނުންފުޅުވާ ގޮތްތަކަކަށް ޕާޓީ އަޅުގަނޑުމެން ބައްޓަންކޮށްދޭނަން. އެކަމަށް އެއްވެސް މީހަކު ހުރަހެއް ނާޅާނެ،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްއާ ގުޅެމުންދާ މީހުންގެ 80 ޕަސެންޓަކީ މައުމޫނުގެ ސަޕޯޓަރުން ކަމަށާއި އެކަން އެ ޕާޓީގެ އެހެން މެމްބަރުންނަށް ނޯޅޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. ނަމަވެސް އެކަން ޑީއާރުޕީގެ މެމްބަރުންނަށް އޮޅި، "އެ ބޭފުޅުން އެތިބީ ކަނޑުވެފައި" ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މައުމޫނަށް ކިތަންމެ ބާރުތަކެއް ދެއްވި ނަމަވެސް އެކަން ނާޖާއިޒު ގޮތުގައި ބޭނުން ނުކުރައްވާނެކަން ޔަގީންވާ ކަމަށާއި ޕާޓީ އުފެއްދުމުގެ މަސައްކަތުގައި މިހާތަނަށް ވެސް އެފަދަ ކަމެއް ކުރައްވާފައި ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ޕާޓީގެ ކަންކަން ނިންމަމުންދަނީ ވަގުތީ ހިންގާ ކޮމިޓީން ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމްގައި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ، ޕީއޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވީ ޕީޕީއެމްގެ ކަންތައްތައްތައް ތަރުތީބު ކުރާނީ ޑިމޮކްރަސީގެ ހަމަތަކުގެ މައްޗަށް ކަމަށާއި ޕާޓީގައި ކުރިއަށް ދިއުމުގެ ފުރުސަތު އެންމެންނަށް ވެސް އޮންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ