ސުޕްރީމް ކޯޓުން ހުކުމް ލަސްވާ މައްސަލާގައި ފަނޑިޔާރުންނާ ބައްދަލުކުރަން ވަޑައިގަތުމުން އެ ކޯޓުން އެދުނީ ޝަކުވާއެއް އޮތް ނަމަ ލިއުމުން ހުށަހެޅުމަށް ކަމަށް ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ލަސްވާތީ ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވަން މީދޫ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ވަނީ ކޯޓަށް ވަޑައިގެންފަ އެވެ. އެކަމަކު އެއްވެސް ފަނޑިޔާރަކާ ބައްދަލެއް ނުވި އެވެ.
ސުޕްރީމް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ އެއްވެސް ކަންބޮޑުވުމެއް އޮތް ނަމަ ލިއުމުން ހުށަހަޅަން ކޯޓުން ޖަވާބު ދީފައިވާ ކަމަށެވެ. އެހެންވެ ކޯޓުން އެދުނު ގޮތަށް ލިއުމުން ވެސް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝަރީއަތް ނިމި ހަމައެކަނި ހުކުމް ކުރުމުގެ މަރުހަލާގައިވާ މައްސަލައަކީ ހަމައެކަނި މެމްބަރުންގެ މަސްލަހަތު ހިމެނޭ ކަމެެއް ނޫން ކަމަށެވެ. އެއީ މެމްބަރުން ތަމްސީލްކުރައްވާ ދާއިރާތަކުގެ ރައްޔިތުންގެ މަސްލަހަތާ ވެސް ގުޅިފައިވާ ނިންމުމެއް ކަމަށް އަމީތު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަދިވެސް މަސައްކަތް ކުރާނަން މައްސަަލައާ ގުޅޭ މައުލޫމާތު ހޯދަން. އަޅުގަނޑުމެން މިތިބީ ހުކުމުގެ އިންތިޒާރުގައި. އަޅުގަނޑުމެން އުއްމީދުކުރަނީ ހުކުމް އަންނާނީ އިންސާފުވެރިކޮށް ކަމަށް،" އަމީތު ވިދާޅުވި އެވެ.
މެމްބަރު ސައުދު ވިދާޅުވި ގޮތުގައި ހުކުމް ލަސްވާ ކޮންމެ ދުވަހަކީ އެ ދާއިރާތަކުގެ ރައްޔިތުންގެ އެތައް ހައްގުތަކެއް ގެއްލިގެންދާ ކަމެކެވެ. މަޖިލީހުގެ ވަކި ދާއިރާތަކަކީ ހުސް ކަމެއްގެ ތެރޭގައި އޮންނަން ޖެހޭ ދާއިރާތަކެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ހުސްކަމަށް ވީހާވެސް އަވަހަށް ހައްލު ހޯދައިދޭން އެބަ ޖެހޭ ސުޕްރީމް ކޯޓުން. އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތަށް ވުރެން އަޅުގަނޑުމެންނަށް މުހިއްމީ ތަމްސީލްކުރާ ދާއިރާގެ ރައްޔިތުންގެ ހައްގުތައް،" ސައުދު ވިދާޅުވި އެވެ.
"މި ހުކުމާ ގުޅޭގޮތުން މީޑިއާތަކާއި ރައްޔިތުންގެ މެދުގައި އެކި ގޮތްގޮތަށް ވާހަކަ އެބަ ދެކެވޭ. އެކަމަކު އަޅުގަނޑުމެން އުއްމީދުކުރަނީ ހަމަހަމަކަމާއި އިންސާފުން ހުކުމް ކުރާނެ ކަމަށް. ސުޕްރީމް ކޯޓަށް ފުރިހަމަ އިތުބާރު އަޅުގަނޑުމެންގެ އެބައޮތް."
މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި ޝަރީއަތުގެ އަޑު އެހުންތައް ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ހުކުމް ކުރުމެވެ.
ސުޕްރީމް ކޯޓުން އެދުނީ ޝަކުވާއެއް އޮތް ނަމަ ލިޔުމުން ހުށަހަޅަން: މެމްބަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ