ގާސިމް ބޭރަށް ގެންދިއުން ލަސްވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުން ލަސްވާތީ ޖުމްހޫރީ ޕާޓީއާއި ގާސިމްގެ އާއިލާގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އައިޖީއެމްއެޗު ކައިރީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ކަރެކްޝަނާއި ހަވާލު ކުރަން ޖެހޭ ހުރިހާ ލިއުމެއް ރޭ ހަވާލުކޮށް ނިމިފައިވާ ކަމަށާއި އެހެންނަމަވެސް ކަރެކްޝަނުން މިހާތަނަށް އައިއިރު ތަންފީޒު ކުރަމުންދަނީ ހުކުމުގެ އެއްބައި ކަމަށެވެ.
ސަމީރު ވިދާޅުވީ ގާސިމަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދައިދޭން އަންގާފައިވާ އެންގުމަށް އަމަލު ނުކުރާ ކަމަށެވެ. މީގެ އިތުރުން ކަރެކްޝަނުގެ މެޑިކަލް ބޯޑުން ރޭ ބައްދަލު ކުރި ކަމަށާއި އެ ބައްދަލުވުމުގައި ނިންމި ގޮތެއް ވެސް އަންގާފައި ނުވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ގާސިމްގެ އާއިލާއިން އެދެނީ ވީހާ އަވަހަކަށް ގާސިމް ބޭރަށް ގެންދެވޭނެ ގޮތް ހަމަޖެހުން ކަމަށާއި މިވަގުތު ހަމަޖެހުނު ނަމަވެސް ތިބީ އެކަމަށް ތައްޔާރަށް ކަމަށެވެ.
ގާސިމަށް ފަރުވާދެމުންދަނީ ހިތުގެ އާލާސްކަން ފުޅަކަށްވާތީ ލަސްވަމުންދާ ނަމަ ހާލުކޮޅު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ސަމީރު ވިދާޅުވިއެވެ.
މިހާރު އައިޖީއެމްއެޗްގައި އެޑްމިޓުކޮށްފައިވާ ގާސިމްގެ ހާލުކޮޅު ރަނގަޅުނުވާ ކަމަށް ވެސް ސަމީރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ