ސުޕްރީމް ކޯޓަކަށް ނުދަން، ގައުމީ ޚިދުމަތުގައި ދެމިހުންނާނަން – ޑިފެންސް މިނިސްޓަރ

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމަށް ބައެއް އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް ޑިފެންސް މިނިސްޓަރު ދޮގު ކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓަރު ރޭ ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން ޑިފެންސް މިނިސްޓަރު "ވަގުތަށް" ވިދާޅުވީ ރޭ ސުޕްރީމް ކޯޓަށް ވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު ނުދަން ރޭ ސުޕްރީމް ކޯޓަކަށް. ފެތުރެމުން ދަނީ ދޮގު ވާހަކަތަކެއް." ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ވެސް މިހުންނެވީ ގައުމީ ޚިދުމަތުގައި ޤާނޫނީ ޒިންމާތައް އަދާކުރައްވަން ކަމަށެވެ.
"މިހުރީ ޤާނޫނީ ޒިންމާތައް އަދާކުރުމުގައި. ގައުމީ ޚިދުމަތުގައި ދެމިހުންނާނަން." މިނިސްޓަރު ވިދާޅުވިއެވެ.
ރޭ ބަންޑާރަނައިބު އަލްއުސްތާޛް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމަށް ބުނެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވަނީ ފޮޓޯއެއް އާންމު ކުރައްވާފައެވެ. ނަމަވެސް އެއީ ކޮން ވަގުތަކު ނަގާފައިވާ ފޮޓޯއެއް ކަމެއް ކަށަވަރެއް ނުވެއެވެ. އަދި ފޮޓޯ އިން ފެންނަނީ އަނިލް ކަމެއް ވެސް ކަށަވަރެއް ނޫނެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން ފަނޑިޔާރުންނާއި ބައްދަލުކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެކެވެ. އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އާންމު ގޮތެއްގައި ވަރަށް ދަންވަދެން އޮފީހުގައި މަސައްކަތް ކުރައްވާ ބޭފުޅުންނެވެ. އެހެންކަމުން ރޭގަނޑު ލަސް ގަޑިތަކުގައި މީގެ ކުރިން ވެސް އެބޭފުޅުން ރަސްމީ ބައްދަލުވުންތައް ބާއްވަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ