ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ތަކެތި ހޮޅުދޫއަށް ފޮނުވައިފިން - ފެނަކަ

ނ. އަތޮޅު ހޮޅޫދުއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ޙައްލުކުރުމަށް ބޭނުންވާ ތަކެތި މިހާރު ހޮޅުދުއަށް ފޮނުވާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ހޮޅުދޫގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވީ އެރަށުގައި ބޭނުންކުރަމުން އަންނަ 300 ކިލޯވޮޓުގެ ޖަނަރޭޓަރަށް ދިމާވި މެކޭނިކަލް މައްސަލައަކާއި ގުޅިގެންކަމަށާއި އެއީ ބޮޑު މައްސަލައެއް ނޫންކަމަށެވެ. މައްސަލަ ޙައްލުކުރުމުގައި ލަސްތަކެއް އުޅެނީ އެކަމަށް ބޭނުންވާ ސްޕެއަރ އެރަށުން ލިބެން ނެތުމުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެތަކެތި ހޮޅުދޫއަށް ގެންދިއުމާއެކު މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފަށައި ހަވީރުގެ ވަގުތެއްގައި މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެވޭވަރު ވާނެކަމަށެވެ.
ހޮޅުދޫގައި ބޭނުންކުރަމުންދާ އިންޖީނަށް މައްސަލަ ދިމާވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
އެރަށަށް މިވަގުތު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ 250 އާއި 120 ކިލޯވޮޓުގެ ޖަނަރޭޓަރ ބޭނުންކޮށްގެންނެވެ. ނަމަވެސް ޕީކް ގަޑިތަކުގައި ލޯޑު ބޮޑުވުމުގެ ސަބަބުން އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުން އަންނަކަމަށް ފެނަކައިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ