ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވެފައިވާ އަބްދުﷲ ރަޝީދު މަރުވެގެން ގޮސްފައި ވަނީ ކަމާއި ބެހޭ ފަރާތްތަކުގެ އިހުމާލުން ކަމަށް މަޝްހޫރު ޤާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
2015 ވަނަ އަހަރު ކުރިޔަށް ގެންދިޔަ މޭ ޑޭ މުޒާހަރާ ތެރެއިން ފުލުހަކަށް ޙަމަލާ ދިން މައްސަލައަކާ ގުޅިގެން ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ދިޔަ އަބްދުﷲ ރަޝީދު މަރުވެގެން ގޮސްފައި ވަނީ އެތެރެ ހަށީގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުންނެވެ.
ޖަލު ތެރޭގައި މިފަދަ ގޮތަކަށް ޤައިދީއަކު މަރުވެގެން ގޮސްފައި ވާތީ މިކަމުގެ ޒިންމާ ކަމާއި ބެހޭ ހުރިހާ ފަރާތްތަކުން ވެސް ނަންގަވަން ޖެހިވަޑައިގަންނަވާނޭ ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ. އެގޮތުން އަބްދުﷲ ގެ މައްޗަށް ދޮގު ތުހުމަތުތަކެއް ކުރި ފުލުހުންނާއި, ދޮގު ދައުވާތަކެއް ކުރި ޕްރޮސެކިޔުޓަރ ޖެނެރަލާއި, ދަޢުލަތުގެ ވަކީލުންނާއި, ޖަލު ބަލަހައްޓާ ކަރެކްޝަންސްގެ އޮފިސަރުންގެ ވެސް އަބްދުﷲ ގެ މަރުގެ ޒިންމާ ނަންގަވަން ޖެހޭނޭ ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ.
އަދި މިއީ ސިޔާސީ ސަބަބުތަކަކަށްޓަކައި އަބްދުﷲ އަށް ނުޙައްޤުން ދިން ބޮޑު އަނިޔާއެއް ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ. އަދި އެހެން ކަމުން މިފަދަ ބޮޑު ޖަރީމާއެއް ހިންގުމަށް ފަހު ޒިންމާ އުފުލަން ޖެހޭ ފަރާތްތަކުން އަތް އުރާލައިގެން ތިބެ ސަލާމަތް ވުމުގެ ފުރުސަތު ދީގެން ނުވާނޭ ކަމަށް ވެސް ހިސާން ވަނީ ވިދާޅުވެފައެވެ.
އަދި ސަރުކާރުން ޖަލުތަކުގައި މަރުވެ ފަނާވެގެންދާ މީހުންގެ ޙައްޤުގައި ބަހެއް ބުނާ އަޑު ނީވޭ ކަމަށާއި މިމައްސަލައާ ގުޅިގެން ސަރުކާރާއި ކަމާއި ބެހޭ ފަރާތްތަކުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ވެސް ހިސާން ވަނީ ބުނެފައެވެ.
މިއަހަރު މިހާ ތަނަށް ނުވަ ޤައިދީއަކު ވަނީ އެކި އެކި ސަބަބުތަކާއި ބަލިތަކުގެ ސަބަބުން މަރުވެގެން ގޮސްފައެވެ.
އަބްދުﷲ ރަޝީދު މަރުވީ ކަމާއި ބެހޭ ފަރާތްތަކުގެ އިހުމާލުން: ހިސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ