މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭ މައްސަލަ ދެނެގަތުމަށާއި އެ މައްސަލައަށް ހައްލެއް ހޯދަން ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ދިރާސާއެއްކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.
މާލެއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ނެޓްވޯކުގެ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން 11:15ހާއިރު ކަރަންޓު ކެނޑުމަށްފަހު އަލުން ކަރަންޓު ދީ ނިމުނީ ދަންވަރު 1:30 ހާއިރު އެވެ.
ރޭ މާލޭގެ ބޮޑު ބަޔަކު ދެގަޑިއެއްހާ އިރަށް ކަރަންޓު ކެނޑުނު މައްސަލައާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްޓެލްކޯގެ ޑިރެކްޓަރު އިބްރާހިމް ނާޝިދު ވިދާޅުވީ މާލެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރަން ދިރާސާކުރަން އެ ކުންފުނިން އަގުތައް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
"މާލޭގެ މިހާ ބޮޑު ޕޮޕިއުލޭޝަނަށް [އާބާދީ] އަކަށް އިފެކްޓް [އަސަރު] ނުކުރާނެ ގޮތަށް ސިސްޓަމް ރީ ޑިޒައިންކުރުމުގެ މަސައްކަތް މިކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވީ މާލެއިން ކަރަންޓު ކެނޑެނީ އެއްގޮތަކަށް ވެސް ކަރަންޓު އުފެއްދޭ މިންވަރު މަދުވެގެނެއް ނޫން ކަމަށެވެ. ނެޓްވޯކަށް ދިމާވާ މައްސަލައަކުން ކަރަންޓު ކެނޑުނު ނަމަވެސް، ކެނޑޭ ވަގުތު ކުޑަކުރަން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގެ ހައްލެއްގެ ގޮތުން ސަރުކާރުން އެބަހިންގާ ބޮޑު ދެ ޕްރޮޖެކްޓެއް. މާލެ- ހުޅުމާލެ އިންޓަ ކަނެޓް ޕްރޮޖެކްޓް އަދި ހުޅުމާލޭގައި ބެހެއްޓޭ 50 މެގަވޮޓްގެ ޕަވާ ޕްލާންޓް ގާއިމުކުރުމުން ކަރަންޓު ކެނޑުމުން ދިމާވާ މައްސަލަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ،" ނާޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގައި ކަރަންޓު ދިނުމަށް މިހާރު ބޭނުންކުރާ ސިސްޓަމަކީ ގިނަ ދުވަސްވެފައިވާ ސިސްޓަމަކަށްވުމުން ސިސްޓަމްގެ މައްސަލަތަކާ ގުޅޭ ދިރާސާތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސިސްޓަމަށް ދިމާވާ މައްސަލަތައް އެ ދިރާސާއިން ދެނެގަނެވޭނެ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.
ޑިރެކްޓަރު އިބްރާހިމް ރައޫފް ވިދާޅުވީ މާލެއިން އެހާ ގިނަގިނައިން ކަރަންޓު ކެނޑުމުންނުދާ ކަމަށެވެ. އަދި މާލެއިން ކަރަންޓު ކެނޑެނީ ނިސްބަތުން ވަރަށް މަދުން ކަމަށް ވެސް ރައޫފް ވިދާޅުވި އެވެ.
"ނިސްބަތުން ވަރަށް މަދުން ކެނޑެނީ. އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކަށް ބެލިއަސް ކަރަންޓު މާލެއިން ކެނޑޭ ނިސްބަތް ކުޑަވާނެ. މާލެއިން ކަރަންޓު ކެނޑެން ދިމާވަނީ ނެޓްވޯކުގެ މައްސަލައަކުން ޖަނަރޭޓަރެއްގެ ޓެކްނިކަލް މައްސަލައަކުން،" އޭނާ ވިދާޅުވި އެވެ.
ރައޫފް ވިދާޅުވީ ރޭގަނޑު ކަރަންޓު ކެނޑުމުން އެ މައްސަލަ ހައްލުކުރަން ވަގުތުތަކެއް ހޭދަވަނީ، ދަންވަރު ޑިއުޓީގައި ތިބޭ މުވައްޒަފުން މަދުވުމުން މައްސަލަ ދެނެގަތުމަށް ވަގުތުތަކެއް ނަގާތީ ކަމަށެވެ.
"ގިނަ މުވައްޒަފުން ތިބޭނީ ނިދާފައި. އެ މީހުން އަލުން އޮފީހަށް އައިސް އެކަމަށް އެޓެންޑްކުރަން ވަގުތުތަކެއް ނަގާނެ. އަޅުގަނޑުމެން ވެސް ގަބޫލުން އެހެން ފަހަރުތަކަށްވުރެ ރޭގައި ކަރަންޓު ކެނޑުނު ވަގުތު ދިގުވެގެން ދިޔަ،" އޭނާ ވިދާޅުވި އެވެ.
ރައޫފް ވިދާޅުވީ އެ ކުންފުނީގެ ނެޓްވޯކު ގާއިމުކުރެވިފައިވާ ގޮތުން ކަރަންޓު އަލުން ދިނުމަށް ސަބްސްޓޭޝަންތަކަށް ދާން ޖެހޭ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފުލް އޮޓޮމޭޝަން ސިސްޓަމަކަށް ހެދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލެއިން ކަރަންޓް ކެނޑޭ މައްސަލަ ދެނެގަތުމަށް ދިރާސާކުރަން ބަޔަކާ ހަވާލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ