އައްޑޫގެ 4 ސަރަހައްދެއް ހިމާޔަތް ކޮށްފި

އައްޑޫ ސިޓީގައި 4 ސަރަހައްދެއް ހިމާޔަތް ކޮށްފިއެވެ.
ހިމާޔަތްކުރުމަށް ނިންމާފައިވަނީ އައްޑޫ ސިޓީގެ ކޮޑަ ކަނޑަ އާއި ކަނޑިހެރަ، ހިތަދޫ މާކިޅި އާއި މެދެއާރަ އަދި ފެހެލެ ކިޅި، ހުޅުދޫ މާފިށި ކިޅިއާއި (ކޭވަކާ ގޮނޑޮ)، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ސަރަހައްދެވެ.
އެ ސަރަހައްދުތައް ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދު ގައިވާގޮތުގެ މަތިން ކަމަށް އެންވާރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ 4 ސަރަހައްދަކީ އައްޑޫ ސިޓީ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް 30 ސެޕްޓެންބަރު 2019 ގައި ޔުނެސްކޯ އަށް ހުށަހެޅިފައިވާ، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދުތަކެކެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ މަތިން އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 11 ސަރަހައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅާ ގެޒެޓްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ