ސްކޫލް ދަރިވަރުންނާއި ޓީޗަރުން ޕޮޒިޓިވްވިޔަސް ސްްކޫލުގައި ކޮވިޑެއް ނުފެތުރޭ: އެޗްއީއޯސީ

އިއްޔެ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސްކޫލެއްގެ މުވައްޒަފުންތަކަކާއި ދަރިވަރުންތަކެއް ހިމެނުނު ނަމަވެސް އެމީހުން ޕޮޒިޓިވްވީ ސްކޫލް ތެރެއިން ނޫން ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ކުޑަ ކުދިން އިތުރުވި ނަމަވެސް އެ ބަލި އެ ކުދިންނަށް ޖެހެނީ ސްކޫލްގެ ތެރެއިން ނޫން ކަމަށެވެ. އެގޮތުން ޕޮޒިޓިވްވި ސްކޫލު ދަރިވަރުންގެ ތެރޭގައި ސްކޫލަށް ދާ ކުއްޖަކު ނުހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްްލާ ވިދާޅުވީ، ސްކޫލުތަކުގެ ސްޓާފުންގެ ތެރޭގައި ވެސް ޕޮޒިޓިވްވި މީހުންގެ ތެރެއިން ކޮންޓެކްޓުންގެ ގޮތުގައި އިތުރު ސްޓާފުން ތިބީ ސްކޫލުން ބޭރުގައި، އެ މީހުން އެއްކޮށް މާސްކް ނާޅައި ކައިރީގައި ގިނަ ވަގުތު ހޭދަ ކޮށްފައި ތިބީމަ ކަމަށެވެ. އޭނާ ވިދާޅުވީ ސްކޫލުން ކޭސް އެއް ފެނުނު ކަމުގައި ވިޔަސް ސްކޫލް މާހައުލުގެ ތެރޭގައި މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަމެއް ދީގެން ރަނގަޅަށް އެކަންކަން ބެލެހެއްޓޭތީ ސްކޫލް މާހައުލުގައި ކޮންޓެކްޓުން ގާތްގަނޑަކަށް އެއްވެސް ގޮތަކަށް ނުފެންނަ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ސްކޫލުތަކުން ފެނުނު ކޭސްތައް ވެސް ފެނިފައި ވަނީ އެހެން ކޭސްތަކާ ގުޅިގެން ކަމަށާއި އަދި އެކްސްޕޯޝާ އައިސްފައި އޮތީ ސްކޫލް ތެރެއިންނެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ އެ ކުދިންނަށް ބަލި ޖެހެނީ ގޭތެރެއިން ކަމަށާއި، އޭގެ މާނައަކީ ގޭތެރެއަށް ބަލި އަންނަނީ ކަމަށެވެ. އަދި އެކުދިންނަށް ބަލިޖެހެނީ ހަމައެކަނި ވަކި ތާކަށް ގޮސްގެން ނޫން ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ސްކޫލްތަކުގައި ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށާއި އެހެން ކަމުން ސްކޫލްތަކުން ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. އަދި މުޖުތަމައު ތެރޭގައި ބަލި އުޅޭ ނަމަ ޕޮޒިޓިވް ކޭސްތައް ފެންނާނެ ކަމަށާއި، ނަމަވެސް އެހާ ރަނގަޅަށް ސްކޫލް މާހައުލުގައި ފިޔަވަޅުތައް އެޅިފައި ހުރީމައި ކޮންޓެކްޓުންގެ ގޮތުގައި ސްކޫލް ތެރެއިން ނަގަން ޖެހޭ މީހުން ވަރަށް މަދު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު މިހާތަނަށް 3103 މީހަކަށް މި ބަލި ޖެހިފައިވާއިރު، 2397 މީހަކު ވަނީ މި ބަލީގައި ރަނގަޅުވެފައެވެ. މި ބަލިގައި 15 މީހަކު މަރުވެފައިވާއިރު، މި ބައްޔަށް މިހާރު ފަރުވާ ކުރަމުން ދަނީ 676 މީހުންނެވެ. އަދި މި ވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 478 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ