މަޑަވެލިން ކަރަންޓު ކެނޑި، ކަނު އަނދިރީގައި!

ގދ. މަޑަވެއްޔަށް ކަރަންޓު ދޭ އިންޖީނެއް ގޮވައި، މުޅި ރަށުން ކަރަންޓު ކަނޑައިގެން ގޮސްފި އެވެ.
މަޑަވެލީ ކައުންސިލް މެންބަރު ހަމީޒް އަހުމަދު "އަވަސް" އަށް ވިދާޅުވީ އެ ރަށަށް ކަރަންޓުދޭ ދެ އިންޖީނުގެ ތެރެއިން 250 ކިލޯ ވޮޓުގެ ޖަނަރޭޓަރު ގޮވުމުގެ ސަބަބުން މިއަދު ހެނދުނުން ފެށިގެން ރަށުގައި ކަރަންޓު ނެތް ކަމަށެވެ.
މަޑަވެއްޔަށް ކަރަންޓު ދޭން ބޭނުންކުރަނީ މިއަދު ގޮވި 250 ކިލޯ ވޮޓުގެ އިންޖީނާއި 180 ކިލޯ ވޮޓުގެ އިންޖީނެކެވެ.
މަޑަވެލި އަނދިރީގައި --
ހަމީޒް ވިދާޅުވީ އިންޖީނު ގޮވުމާ ގުޅިގެން މިހާރު ރަށަށް ކަރަންޓުދޭން ބޭނުންކުރަނީ 180 ކިލޯވޮޓުގެ އިންޖީނު ކަމަށެވެ. ނަމަވެސް އެއިން ނެގެނީ އެންމެ 90 ކިލޯ ވޮޓުގެ ކަރަންޓު ކަމުން ރައްޔިތުންނަށް ކަރަންޓު ދެމުން ގެންދަނީ އެކި އިރު އެކި ހިސާބަށް ވަގުތުތައް ބަހާލައިގެންނެވެ.
"އޮފީސް ގަޑީގައި ކަރަންޓު ދޫކުރީ ރަށުގެ އޮފީސްތަކަށް އެކަނި. ފެނަކައިގެ ދެ އޮފިޝަލަކު މިއަދު އަޑުގަދަކުރާއިން ގޮވަމުން ގެންދިޔައީ ކަރަންޓު މައްސަލަ ހައްލުވަންދެން ދެން ކަރަންޓު ދޫކުރާނީ ތިންގަޑި އިރުން އަވަށަކަށް އެއްގަޑި އިރުގެ އުސޫލުން ކަމަށް. އެހެންވެ ވަރަށް ދަތިކޮށް ރަށްޔިތުން މިވަގުތު ތިބީ،" ހަމީޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކަރަންޓުން ކުރަންޖެހޭ ބޭނުންތައް ނުކުރެވޭތީ ކުޑަކުދިން ގެންގުޅޭ ބައެއް އާއިލާތަކުން ކުދިން ގޮވައިގެން ކައިރީގައި ހޯނޑެއްދޫއަށް ގޮސްފައިވާ ކަމަށެވެ. އަދިވެސް ގިނަ ބަޔަކު ހޯނޑެއްދޫއަށް ދާން ތައްޔާރުވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދު ހެނދުނުން ފެށިގެން މަޑަވެލިން ކަރަންޓު ކެނޑިފައިވާއިރު އެރަށަށް އާ ޖެނަރޭޓަރެއް ގެންނަން ދެ ދުވަސް ވަރު ނަގާނެ ކަމަށް ފެނަކައިން ބުނެފައިވާ ކަމަށް ވެސް ހަމީޒް ވިދާޅުވި އެވެ. ނަމަވެސް އެ އިންސްޓޯލްކޮށް މުޅި ރަށަށް ކަރަންޓު ލިބޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޑަވެއްޔަކީ 2000އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ ރަށެކެވެ. ކަރަންޓު ކެނދުމުގެ ސަބަބުން އެރަށުގެ ރައްޔިތުން ވަނީ ވަރަށް ބޮޑު ދަތިކަމެއްގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ