ޒަކާތް ދިނުމުގެ މުހިންމުކަން އެނގޭ ހެއްޔެވެ؟

ޒަކާތަކީ ކުޅަދާނަކަން ހުރި މީހުން ކުޅަދާނަކަން ނެތް ފަގީރުންނަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމެކެވެ.
ޒަކާތަކީ އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރެއިން ހަތަރުވަނަ ރުކުނެވެ. ޒަކާތް ފަރުޟުކުރެއްވީ ހިޖުރައިން ދެވަނަ އަހަރު އެވެ. ބަޤަރާ ސޫރަތުގެ 43 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ. " އަދި ތިޔަބައިމީހުން ނަމާދު ޤާއިމް ކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތް ދޭށެވެ! އަދި ރުކޫއު ކުރާ މީހުންނާއެކުގައި ތިޔަބައިމީހުން ރުކޫއު ކުރާށެވެ. އުމަރުގެފާނުގެ ދަރިކަލުން އަބުދުﷲ ގެ ކިބައިން ރިވާވެގެންވާ ހަދީޘެއްގައި ވަނީ: އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. (އެއީ) ﷲ ފިޔަވައި އަޅުކަމެއް ކުރުން ހައްގުވެގެންވާ އިލާހަކުނުވާކަމަށާއި، މުހައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ގާއިމްކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާންމަހު ރޯދަ ހިފުމާއި ކުޅަދާނަވެގެންވާ މީހާ ހައްޖުވުމަށެވެ.
ޒަކާތްދިނުމަށް އިންކާރުކުރި މީހުންނާއި ހަނގުރާމަ ކުރެއްވުމަށް ގަސްދުކުރައްވައި، އަބޫބަކުރުއްސިއްދީގު ރަޟިޔަ ﷲ އަންހު ވިދާޅުވެފައިވަނީ: ﷲ ގަންދެއްވައި ވިދާޅުވަމެވެ. ނަމާދާ ޒަކާތާ ދެމެދުގައި ތަފާތުކޮށްފި މީހަކާ ތިމަންކަލޭގެފާނު ހަނގުރާމަ ކުރައްވާހުށީމެވެ. ފަހެ ހަމަކަށަވަރުން ޒަކާތަކީ، މުދަލުން އަދާކުރަންޖެހޭ ހައްގެކެވެ. ﷲ ގަންދެއްވައި ވިދާޅުވަމެވެ. ޖަމަލެއްގެ ފައި އައްސައިލުމަށް ބޭނުންކުރެވޭ ވާގަނޑެއް އެބައިމީހުން ރަސޫލާއަށް އެރުވުމަށްފަހު، ތިމަންކަލޭގެފާނަށް ދިނުމަށް ( އެބަހީ: ޒަކާތް ޖަމާކުރުމަށް ވެރިކަމުގެ ފަރާތުން ފޮނުއްވާ އާމިލުންނާ ހަވާލުކުރުމަށް) އެބައިމީހުން އިންކާރު ކުރާނަމަ، އެދިނުމަށް އެއުރެން އިންކާރު ކުޅަ ކަމަށްޓަކައި، ތިމަންކަލޭގެފާނު އެބައިމީހުންނާއި ހަނގުރާމަ ކުރައްވާ ހުށީމެވެ.
ޒަކާތް ދިނުމުގެ އެންމެ ބޮޑު ހިކުމަތަކީ ޒަކާތް ދިނުމުގެ ސަބަބުން މުދާ ސާފުކޮށް ތާހިރުކޮށްދޭ ކަމެއް ކަމުގައިވުމެވެ. އަދި ހަމަ އެހެންމެ ދަހިވެތިކަމުގެ ސިފަ ފިލައިގެން ގޮސް ދީލަތިކަމުގެ ސިފަ އެމީހެއްގެ ގައިގާ އަށަގަންނާނެއެވެ. ޒަކާތް ދިނުމުގެ ސަބަބުން މާތް ﷲ އެމީހެއްގެ މުދާ އިތުރުކޮށްދެއްވައި ނިއުމަތްތައް އިތުރުކޮށްދެއްވައެވެ. ޒަކާތުގެ ސަބަބުން ލިބޭ އިތުރު ފައިދާތަކަށް ބަލާއިރު ޒަކާތް ދޭ މިހާއާއި އެހެންމީހުންގެ މެދުގައި އުހުއްވަތްތެރިކަން އާލާވެ ހަރުދަނާކޮށްދެއެވެ. އަދި މީގެ އިތުރުން މުޖުތަމައުގައިވާ ފަގީރުންގެ ބޭނުންތައް ފުދި ވަޒީފާ ނުލިބުމާއި އެކަމަށް މަގުފަހިވާ އެންމެހާ ސަބަބުތައް ނައްތާލެވެއެވެ.
ޒަކާތުގެ ވާޖިބުކަމާއި އެއީ އިސްލާމްދީނުގައި ފަރުޟު ކުރައްވާފައިވާ ކަމެއްކަމަށް އިންކާރުކޮށް، ޒަކާތް ދިނުމުން މަނާވެގެންފި މީހާ އަކީ ކާފިރުވެއްޖެ މީހެކެވެ. އަދި ޒަކާތަކީ ވާޖިބެއް ކަމަށް އިންކާރު ކުރުމަކާ ނުލައި، އެމީހެއްގެ ކިބައިގައިވާ ދަހިވެތި ކަމާ ހުރެ، ޒަކާތް ދިނުމަށް ފަސްޖެހިއްޖެ މީހާ ކާފިރުނުވިއެއް ކަމަކު އޭނާ ވާނީ ވަރަށް ބޮޑު ފާފަވެރިއަކަށެވެ.
1 ފަގީރުން: ފަގީރަކީ އޭނާގެ އާންމު ބޭނުންތައް ފުރިހަމަ ކުރުމަށްޓަކައި މުދަލެއް ނެތް، އަދި އާމްދަނީ އެއްވެސް ނުލިބޭ މީހާއެވެ.
2 މީސްކީނުން: މިސްކީނަކީ އޭނާގެ އާއްމު ބޭނުންތަކަށް ހޭދަކުރާނެ އެއްޗެއް ލިބުނު ކަމުގައިވިއަސް، އެއް އަހަރު ދުވަހަށް ފުދޭވަރުގެ އެއްޗެއް ނުލިބޭ މީހާއެވެ.
3 ޒަކާތުގެ އާމިލުން: ޒަކާތުގެ އާމިލުންނަކީ ޒަކާތް ޖަމާކޮށް އޭގެ ހައްގު ވެރިންނަށް ޒަކާތް ބެހުމުގެ އެންމެހާ ކަންތައްތައް ކުރުމަށްޓަކައި އިސްލާމީ ގައުމެއްގެ ނަމަ އެގައުމެއްގެ ސަރުކާރުން، އެނޫން ރަށްރަށުގައި ނަމަ އެރަށްރަށުގައިވާ މުސްލިމުންގެ ކަންތައްތައް ބަލަހައްޓާ އިދާރާ އަކުން އިހުތިޔާރު ކުރާމީހުންނެވެ.
4 އަލްމުއައްލަފަތު ގުލޫބުހުމް " އެއުރެންގެ ހިތްތައް އެކުވެރި ކުރައްވާ މީހުން". މިފަދަ މީހުންނަކީ އިސްލާމްދީނަށް އެބައިމީހުން ހިތުގައި ލޯބި ޖެއްސައި، ދީނަށްވަނުމަށް ޝައުގުވެރިވުމުގެ ގޮތުން، ނުވަތަ އެބައިމީހުންގެ ނުބައިކަމުން މުސްލިމުން ސަލާމަތްކޮށް ރައްކާތެރި ކުރުމުގެ ނިޔަތުގައި، ނޫންނަމަ އެބައިމީހުންނަށް އެއްޗެއް ދިނުމުން އިސްލާމްދީން ދިފާއުކޮށްދީ މުސްލިމުންގެ އަދާވަތްތެރިންނާ ދެކޮޅަށް މުސްލިމުންނަށް ވާގިވެރި ވުމުގެގޮތުން މަސައްކަތް ކޮށްފާނެކަމުގެ އުއްމީދުގައި އެބަޔަކަށް އެއްޗެއްދެވޭ މީހުން.
5 އަޅުން މިނިވަން ކުރުން: އަޅުވެތިކަމުގައި ނިކަމެތިކަމުން ސަލާމަތްކޮށްދީ އެބައިމީހުން މިނިވަންކޮށްދިނުން.
6 ދަރަނިވެރިން: އަތުގައި އެއްޗެއްނެތި އަތްމަތިދަތި ހާލުގައި ދަރާފައިވާ މީހާ.
7 ފީ ސަބީލިﷲ ( ﷲ މަގުގައި ޖިހާދުކުރުން ) : ﷲގެ ދީން މަތިވެރިކޮށް، އެކަލާނގެ ކަލިމަފުޅު މީސްތަކުންގެ މެދުގައި އުފުލުމަށްޓަކައި މަސައްކަތް ކުރާ މީހާ.
8 އިބްނުސަބިލުން ( އެބަހީ: ދަތުރުވެރިން ) އެމީހެއްގެ އަމިއްލަ ވަޒަނުގައި އެއީ މުއްސަނދި، ތަނަވަސް މީހަކު ކަމުގައި ވީނަމަވެސް، އޭނާގެ ދަތުރުމަތީގައި އޭނާގެ ފައިސާކޮޅު ގެއްލިގެން، ނުވަތަ ހުސްވެގެން ނަމަވެސް އަތްމަތި ދަތިވެ، އެހީއަށް ބޭނުންވެފައިވާ މީހާ.
އިސްލާމްދީނުގެ ގިނަ އިލްމްވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މިއަށްބައިގެ މައްޗަށް މުދަލުގެ ޒަކާތް ބެހުމަކީ ލާޒިމް ކަމެއް ނޫނެވެ. އޭގެ ތެރެއިން އެވަގުތަކަށް އެންމެ މުހިންމު ބައެއް ނުވަތަ ބައިތަކަކަށް ބެހުމަކީ ހަމަ އެންމެ ރަނގަޅު ގޮތެވެ.
ޒަކާތް ނެރުން ލަސްކުރުމަކީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެހެނީ ޒަކާތް ދިނުމަކީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ވަރަށް މާތް އަޅުކަމެކެވެ. އެހެންކަމުން އެ އަޅުކަން އޭގެ ވަގުތުގައި ފަސްކުރުމެއްނެތި އަދާކުރަންޖެހޭނެއެވެ. ނަމަވެސް ހާލަތެއް މެދުވެރިވެގެން މާބޮޑު ލަސްކުރުމެއްނެތި ޒަކާތް ނެރުން ކުޑަކޮށް ލަސްވުމަކީ މައްސަލައެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ