ސިނގިރޭޓު އުފައްދާކަމުގެ ތުހުމަތުކުރެވޭ ގެއިން ދުންފަތް ހިމެނޭހެން 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގެންފި

ހ. ހުޅުގަލި ނަމަކަށް ކިޔާ ގެއެއްގައި ސިނގިރޭޓު އުފައްދާކަމުގެ މައުލޫމާތު ލިބިގެން އެ ގެ ބަލައި ފާސްކުރުމަށް ފަހު، ދުންފަތް ހިމެނޭ 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގެން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ރޭ ބުނީ، އެ ގޭގައި ހިންގާ ޕްރައިވެޓް އޮފީހެއްގައި ސިނގިރޭޓު އުފައްދާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވެ، ރޭ ކޯޓު އަމުރެއްގެ ދަށުން އެ އޮފީސް ބަލައި ފާސްކުރަމުން ފުލުހުން ވަނީ ވަދެފައެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި މިއަދު ބުނީ، ރޭ ހިންގި ސިނގިރޭޓު އޮޕަރޭޝަންގައި 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގެންފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދުންފަތް ހުރި ފޮށިގަނޑުތަކެއް ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ އެކު ސިނގިރޭޓުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެއާއެކު ސިނގިރޭޓަށް އޮންނަ ޑިމާންޑު ވެސް ވަނީ އުފުލިފައެވެ. ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްގެން ކުޑަ އަގެއްގައި ސިނގިރޭޓު ވިއްކި މައްސަލައެއް ވެސް މި ފަހުން ވަނީ ފެންމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ