ސުޕްރީމް ކޯޓުގެ ބެންޗަށް ސަލީމް އާއި ހަމީދު އައްޔަނުކޮށްފި ސުޕްރީމް ކޯޓުގެ ބެންޗަށް ސަލީމް އާއި ހަމީދު އައްޔަނުކޮށްފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ސަލީިމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުالله ހަމީދު މިއަދު އައްޔަނުކޮށްފި އެވެ.
ސުޕްރީމް ކޯޓަށް ކުރިމަތިލެއްވީ 12 ބޭފުޅުންގެ ތެރެއިން އެންމެ ގިނައިން މާކްސް ލިބިވަޑައިގަތީ ވެސް ސަލީމް އާއި ހަމީދު އަށެވެ. އެ ދެ ބޭފުޅުން ރާއްޖޭގެ އެންމެ މަތީ ކޯޓަށް އައްޔަނު ކުރުމަށް ފާސްކުރީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހަމީދު އައްޔަނުކުރަން 60 މެންބަރުން ވޯޓު ދެއްވިއިރު ސަލީމް އައްޔަނުކުރަން 61 މެންބަރުން ވޯޓު ދެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިމަތީގައި މިއަދު ދެ ބޭފުޅުން ވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކޮށް މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. ހުވާ ލައިދެއްވީ އެ ކޯޓުގެ ފަނޑިޔާރު އަައިޝާ ޝުޖޫން މުހައްމަދު އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރުން ތިއްބަވަ އެވެ. އޭގެ ތެރެއިން ތިން ފަނޑިޔާރުން އައްޔަނު ކުރީ ރައީސް މުއިއްޒު އެވެ. ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް އައްޔަނުކޮށްފައި ވަނީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވާތީ އެ މަގާމަށް ވެސް ބޭފުޅަކު އައްޔަނު ކުރައްވާނީ ރައީސް މުއިއްޒު އެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން މެޖޯރިޓީ ފަނޑިޔާރުންނަކީ ރައީސް މުއިއްޒުގެ ވެރިކަމުގައި އަލަށް އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަންނަވާނެ ބޭފުޅުންނެވެ.
ފަނޑިޔާރު ސަލީމް ހުންނެވީ މީގެކުރިން ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގަ އެވެ. އޭގެ ކުރިން އެ ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގައި އޭނާ 12 އަހަރު ހޭދަކުރެއްވި އެވެ. އެ ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ އޭނާ ކުރެއްވީ އޯގަސްޓު 9، 2022 ގަ އެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުالله ހަމީދަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން އޭރުގެ ފަނޑިޔާރުންނަށް ދިން ފުލެޓުތައް ގަބޫލު ކުރެއްވި މައްސަލަ ޖޭއެސްސީން ތަހުގީގުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ޖޫން 6، 2022 ގައި ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެވުނު ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ދެ ގޮނޑި ހުސްވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެ މަގާމުން ވަކިކުރުމުންނެވެ. އަޒްމިރަލްދާ އާއި މަހާޒު ވަކިކުރީ، އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކުރަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނި މައްސަލައެއް ސާބިތުވާ ކަަމަށް ޖޭއެސްސީން ނިންމުމުން، ރައްޔިތުންގެ މަޖިލީހުންނެވެ.
މި މައްސަލަ ސާބިތުވާ ކަމަށް ނިންމި ނަމަވެސް، އދ. ގެ ޖަމިއްޔާތަކުންނާއި އަވަށްޓެރި ގައުމުގެ ބާ އެސޯސިއޭޝަންތަކުން ވަނީ ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގާ މެދު ސުވާލުއުފައްދާ، ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ސިފަކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އދ. އަށް ހުށަހެޅި މައްސަލައިގައި ސަރުކާރުން ޖަވާބުދާރީވާން ވެސް އދ. އިން އެންގި އެވެ.
އެ މައްސަލައިގައި ޖަވާބުދާރީވަމުން ދިވެހި ސަރުކާރުން ބުނެފައި ވަނީ ޖުޑީޝަރީއަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންތައް ހަދަނީ ދޮގު ކަމަށާއި ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ