ފަލަސްޠީނު ރައްޔިތުން އެބައިމީހުންގެ ބިމުން ބޭރުކޮށްލުމަށް ރޭވޭ އެއްވެސް ރޭވުމަކަށް ތާއީދެއް ނުކުރާނެކަމަށް ސައޫދީން ބުނެފިއެވެ.
ސައޫދީ އަރަބިއްޔާއިން މިކަން ހާމަކޮށްފައިވަނީ އެގައުމުގެ ބޭރުގެ ކަންތައްތަކާބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ ފަލަސްޠީނު ރައްޔިތުން އެބައިމީހުންގެ ބިމުން ބޭރުކޮށްލުމަށް ރޭވޭ އެއްވެސް ރޭވުމަކަށް އެ ޤައުމުން ތާއީދު ނުކުރާނެކަމަށެވެ. އަދި 1967 ގެ ބޯޑަރުތަކުގެ ތެރޭގައި، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ބަލައިގެން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުން ފިޔަވައި އެހެން އެއްވެސް ގޮތަކަށް އެއްބަސްނުވާނެކަމަށް ބުނެފައިވެއެވެ.
މި ބަޔާނުގައި، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކާ ދެކޮޅަށް އިޒްރޭލުން އަޅާ ފިޔަވަޅުތަކާއި، ބިން އަތުލުމާއި، ރައްޔިތުން ބިމުން ނެރެލުމުގެ މަސައްކަތްތަކަށް އިންކާރުކުރާކަން ސައޫދީން ހާމަކޮށްފައިވެއެވެ. އަދި ފަލަސްޠީނު ދައުލަތެއް ޤާއިމްކުރުމާ ބެހޭގޮތުން ސައޫދީ އަރަބިއްޔާގެ ސިޔާސަތަކީ ބަދަލުނުކުރެވޭނެ އަދި އެއްވެސް މަޝްވަރާއަކަށް ހުޅުވާލެވިފައިނުވާ ސިޔާސަތެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.
ކްރައުން ޕްރިންސް އަދި ބޭރުގެ ކަންތައްތަކާބެހޭ މިނިސްޓަރު މުޙައްމަދު ބިން ސަލްމާން އަލްސަޢޫދު އަކީ މިކަމުގައި ސައޫދީ އަރަބިއްޔާގެ މިސިޔާސަތު ތަކުރާރުކޮށް ހާމަކުރައްވާ ބޭފުޅެކެވެ. މިގޮތުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޝޫރާ ކައުންސިލްގެ ނުވަވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އަދި ނޮވެމްބަރު މަހު ރިޔާދުގައި ބޭއްވި ޚާއްސަ އަރަބި-އިސްލާމިކް ސަމިޓްގައިވެސް މި ސިޔާސަތު އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.
ސައޫދީ އަރަބިއްޔާއިން ބުނެފައިވާގޮތުގައި އެޤައުމުން ފަލަސްޠީނުގެ މައްސަލައިގައި މިގެންގުޅޭ ސިޔާސަތަކީ ކުރީގެ އަދި މިހާރުގެ އެމެރިކާގެ ސަރުކާރުތަކަށްވެސް އެނގިފައިވާ ކަމެކެވެ. އަދި ފަލަސްޠީނު ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ހޯދައިނުދީ އެސަރަހައްދުގައި ދެމެހެއްޓެނިވި އަދި އިންސާފުވެރި ސުލްހައެއް ޤާއިމްކުރެވޭނެކަމަށް ސައޫދީ އަރަބިއްޔާއިން ނުދެކެއެވެ.
އަދި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ އެހީތެރިކަން ބޭނުންވާކަމަށް ސައޫދީން ބުނެފައިވެއެވެ.
ސައޫދީ އަރަބިއްޔާއިން މިހާރު ބުނަމުންދާގޮތުގައި ފަލަސްޠީނު ރައްޔިތުންގެ މައްސަލަ ހައްލުކުރުމަކާ ނުލައި އިޒްރޭލާއެކު އެއްވެސް ޑިޕްލޮމެޓިކް ގުޅުމެއް ޤާއިމްނުކުރާނެއެވެ. އަދި އިޒްރޭލުން ފަލަސްޠީނު ބިންތަކުގައި ކުރަމުންދާ އާބާދުކުރުމުގެ މަސައްކަތްތަކަށާއި ރައްޔިތުން ނެރެލުމަށް އަޅާ ފިޔަވަޅުތަކަށް ސައޫދީ އަރަބިއްޔާއިން ހަރުކަށި އިންކާރެއް ކުރެއެވެ. އަދި ފަލަސްޠީނު ރައްޔިތުން ދިމާވެފައިވާ އިންސާނީ ހާލަތު ރަނގަޅުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ މައްޗަށް ޒިންމާއެއް އޮތްކަމަށްވެސް ސައޫދީ އަރަބިއްޔާއިން ބުނެފައިވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ފަލަސްޠީނު ރައްޔިތުން އެބައިމީހުންގެ ބިމުން ބޭރުކޮށްލުމަށް ރޭވޭ އެއްވެސް ރޭވުމަކަށް ތާއީދެއް ނުކުރާނަން: ސައޫދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ