ޓްރަމްޕް ފެއްޓެވި ވިޔަފާރީގެ ހަނގުރާމައިގައި އެމެރިކާއަށް ގޮތް ހުސްވަނީ

ވޮޝިންޓަން (17 އެޕްރީލް 2025): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއާ ދެކޮޅަށް ފައްޓަވާފައިވާ ވިޔަފާރީގެ ހަނގުރާމައިގައި ދޫނުދީ ފަހު މީހާއާ ޖެހެންދެން ހަނގުރާމަ ކުރާނެކަމަށް ޗައިނާ ބުނެފައިވަނިކޮށް ޓްރަމްޕް ޗައިނާގެ މުދަލާ ދެކޮޅަށް 245 އިންސައްތައަށް ޓެރިފް މަތިކޮށްފިއެވެ. މިއީ ދެގައުމުގެ ދެމެދުގައި ވިޔާފާރީގެ މުއާމަލާތްތައް ހިންގުން ހުއްޓުމަކަށް އަންނާނެ ވަރުގެ ޓެރިފްއެކެވެ. މިވަރުން ވިޔަފާރި ނުކުރެވެނެކަމަށް ރިޕޯޓްތައް ބުނެއެވެ. ވައިޓް ހައުސް ގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވިގޮތުގައި މިއީ ޗައިނާގެ ފިޔަވަޅުތަކުގެ ރައްދުގައި ރައީސް ޓްރަމްޕް އެޅުއްވި ފިޔަވަޅުތަކެއް ނަމަވެސް ޓްރަމްޕް ހުންނެވީ ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ވާހަކަ ދައްކަވައިގެން ދެ ގައުމަށް އެއްބަސްވެވޭ ދާއިމީ ހައްލެއް މި މައްސަލައަށް ހޯއްދަވަން ތައްޔާރަށެވެ. އެކަމުގެ އިންތިޒާރުގައެވެ. ނަމަވެސް މައްސަލަ ހައްލުކުރުމަށްޓަކައި މަޝްވަރާކުރަން އެދި ޗައިނާގެ ރައީސްގެ ފަރާތުން ޓްރަމްޕަށް އެއްވެސް ހުށަހެޅުމެއް އަދި ނުލިބޭކަމަށް ކެރޮލިން ވިދާޅުވިއެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެމެރިކާއަކީ އާންމު ދިރިއުޅުމުގެ ބޭނުންތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ވަރަށް މަދުން ނޫނީ އުފައްދާ ގައުމަކަށް ނުވާތީ ވިޔަފާރީގެ ހަނގުރާމައިގައި ޗައިނާގެ މައްޗަށް ކުރިއެރުން ހޯދުމަކީ އެމެރިކާއަށް މުސްތަހީލް ކަމެކެވެ. ކާބޯތަކެތި ފިޔަވައި އެމެރިކާގެ އާންމުން އިމާރާތް ކުރުމަށާއި އެނޫންވެސް ކަންކަމަށް ދުވަހުން ދުވަހަށް ބޭނުންވާ ހާޑްވެއާ އާއި އިލެކްޓްރޯނިކްސް އަދި އެނޫންވެސް ތަކެތީގެ ގާތްގަނޑަކަށް 70 އިންސައްތަ އަކީ ޗައިނާގައި އުފައްދާ ތަކެތި ކަމަށްވާތީ މިތަކެތީގެ އަގުތައް ބޮޑުވެއްޖެނަމަ އެމެރިކާގެ ރައްޔިތުން ޓްރަމްޕާ ދެކޮޅަށް މުޒާހަރާކޮށް އުތުރިއަރާ ހިސާބަށް ކަންތައް ދާނެކަމުގެ ބިރު ޓްރަމްޕް އާއި އޭނާގެ ޓީމު އިހްސާސް ކުރާކަމަށް ވެއެވެ. ޓްރަމްޕް ވިދާޅުވާ "މޭކް އެމެރިކާ ގްރޭޓް އަގެއިން" ޝިއާރު ޖަހައިގެން ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން އަޅާ ރަތްކުލައިގެ ތޮތްޕަކީވެސް ޗައިނާގައި އުފައްދާ ތޮތްޕެކެވެ. އެމެރިކާގެ ސިނާއަތުގައި އާންމުން ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި އެމެރިކާގައި އުފައްދާ ނިސްބަތަކީ އެމެރިކާގެ ސިނާއަތުގެ އެންމެ އަށް އިންސައްތައެވެ. ޗައިނާ ފިޔަވައި އެހެން ގައުމަކުން އެމެރިކާއަށް ބޭނުންވާވަރަށް މިތަކެތި ލިބެނެ ގޮތެއްވެސް ނެތެވެ. މުހައްލިލުން ވިދާޅުވާގޮތުގައި ޓްރަމްޕް މިހާރު ހުންނެވީ މިމައްސަލައިގައި ގޮތް ހުސްވެފައެވެ. ޗައިނާ އާ ވާހަކަދައްކައިގެން ޑީލަކަށް ގޮސްގެން މައްސަލަ ހައްލުކުރަން ކެތްމަދުވެފައެވެ. ނަމަވެސް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި މިކަމުގައި އިސްވެ އާދޭސް ކުރަންޖެހޭނީ ޗައިނާގެ ރައީސެވެ. އެމެރިކާއަކީ ދޮން މީހުންގެ ގައުމަކަށްވާތީ އެމެރިކާގެ ދޮންނަސްލުގެ ރައީސަކު ޗައިނާގެ ރައީސަށް އިސްވެ އާދޭސްކުރުމަކީ ޓްރަމްޕް ފަދަ ވައިޓް ސްޕްރެމަސިސްޓް ފިކުރު ގެންގުޅުއްވާ ބޮޑާ ބޭފުޅަކަށް ގަބޫލުކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ. ޗައިނާގެ ރައީސަށް މިކަން އެނގިވަޑައިގަންނަވާތީ މިމައްސަލައިގައި އިސްވެ ޓްރަމްޕާ ވާހަކަ ދައްކަވާކަށް ޗައިނާގެ ރައީސް ބޭނުންފުޅެއް ނުވެއެވެ. އެމެރިކާގައި މައިގަނޑު ގޮތެއްގައި އުފައްދަނީ ހަތިޔާރެވެ. ދެން މަދަނީ މަތިންދާ ބޯޓާއި ސެމީކޮންޑަކްޓާސް އަދި އެތަކެތި އުފައްދާ މެޝިންތަކެވެ. އެހެންކަމުން ޗައިނާއިން އެތެރެކުރާ ތަކެތީގެ އަގު ބޮޑުކުރުމަށް ޓްރަމްޕް އަޅުއްވާ ޓެރިފްގެ ފިޔަވަޅުތަކުގެ ގެއްލުންލިބޭނީ ޚުދު އެމެރިކާގެ އާންމުންނަށެވެ. މިކަން ޚުދު ޓްރަމްޕަށްވެސް އެނގިވަޑައިގަންނަވާކަމަށް ވެއެވެ. އާންމުންގެ ކަންބޮޑުވުން ކުޑަކުރުމަށްޓަކައި ޓްރަމްޕް ވަނީ ޗައިނާގައި އުފައްދާ އައިފޯނާއި ލެޕްޓޮޕް އައި އިލެކްޓްރޯނިކްސްގެ ބާވަތްތަކުން ވަގުތީގޮތުން ޓެރިފް ނުނަގަން ނިނަމަވާފައެވެ. ޓްރަމްޕް އެންމެ ކަންބޮޑުވެވަޑައިގަތްކަމަށް ވަނީ ޗައިނާގެ މުދަލުން ޓެރިފް ބޮޑުކުރަން ޓްރަމްޕް ދެވަނަ ފަހަރަށް ނިންމި ނިންމެވުމަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާގެ މުދާ ގަތުން ބޮޑުތަނުން މަދުކޮށްލުމަށް ޗައިނާ ނިންމި ނިންމުމާ މެދުގައެވެ. ޗައިނާވަނީ 2025 ވަނަ އަހަރާއި 2027 ވަނަ އަހަރާ ދެމެދު އެމެރިކާގެ ބޮއިންގް ކުންފުނިން އުފައްދާ މަތިންދާ ބޯޓުގެ 179 ބޯޓާއި އެތަށް ސަތޭކަ ޓަނެއްގެ މަތިންދާ ބޯޓު ސްޕެއާޕާޓްސް ގަތުމަށް ކުރިން ނިންމާފައެވެ. މިއީ ގާތްގަނޑަކަށް 700 ވަރަކަށް ބިލިޔަން ޑޮލަރުގެ ޑީލް އެކެވެ. ޗައިނާ މިހާރުވަނީ އެމެރިކާއަށް އަދަބު ދިނުމުގެ ގޮތުން މި ޑީލް ކެންސަލްކޮށްފައެވެ. ކެންސަލް ކުރުމަށްފަހު އޭގެބަދަލުގައި ޗައިނާގެ ރައީސް ޝީ އަމުރު ކުރެއްވީ ޗައިނާ އަމިއްލަ ޓެކްނޮލޮޖީގައި އުފައްދާ ކޮމާކް ސީ 919 މަރުކާގެ މަތިންދާ ބޯޓު އުފައްދާ މިންވަރު އިތުރުކޮށް މަތިންދާ ބޯޓު އުފައްދާ ސިނާއަތު ފުޅާކުރުމަށް ޓަކައި އެދާއިރާއަށް އިތުރަށް އިންވެސްޓް ކުރުމަށެވެ. އަދި މިވަގުތަށް ޗައިނާއަށް ބޭނުންވާ މަތިންދާ ބޯޓުތައް ގަތުމަށްޓަކައި ޔޫރަޕްގެ އެއާބަސް ކުންފުންނާ އެކު ޑީލަކަށް ދިޔުމަށެވެ. މިހެންވެއްޖެނަމަ އެމެރިކާގެ ބޮއިންގް ކުންފުންޏަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެ އަޑިއަޅާލާނެއެވެ. އެއީ މި ދާއިރާގައިވެސް އެމެރިކާގެ ބޮޑު ވާދަވެރިއަކަށް ޗައިނާ ވެގެންދާނެތީ އޭވިއޭޝަން ދާއިރާގެ އެމެރިކާގެ އުފެއްދުންތައްވެސް ދަށަށްދާނެތީއެވެ. ބޮއިންގް ކުންފުނީގެ ގާތްގަނޑަކަށް 15 އިންސައްތަ އުފެއްދުންތައް ގަންނަނީ ޗައިނާއިންނެވެ. މިއީ އެމެރިކާގެ އިގްތިސާދަށް އެނގުން ވާނެވަރުގެ ކަމެއްކަމަށްވަނީ ބެލެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ