އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގްރެސްއެއް ބާއްވަން ގައުމީ މަޖިލީހަށް ހުށަހަޅަނީ އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގްރެސްއެއް ބާއްވަން ގައުމީ މަޖިލީހަށް ހުށަހަޅަނީ

އެމްޑީޕީގެ ކޮންގްރެސްގެ އާދަޔާ ހިލާފު ބައްދަލުވުމެއް ބޭއްވުމުގެ މަސައްކަތް ފެށުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް އަންނަ ހޮނިހިރު ދުވަހުގެ ރެއަށް އެޖެންޑާކޮށްފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި އެޕްރީލް 12، ގެ ރޭ 8:30 ގައި ގައުމީ މަޖިލީހުގެ ޖަލްސާ އޮންނާނީ އެމްޑީޕީގެ އޮފީހުގައި ކަމަށެވެ. މި ޖަލްސާގައި ކޮންގްރެސް ބޭއްވުމުގެ މަސައްކަތުގައި އުޅޭނެ ޓީމެއް އެކުލަވާލައި، ކޮންގްރެސް ބާއްވާނެ ތަނެއް ނިންމުން ފަދަ މަޝްވަރާތަކެއް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންގްރެސް ބާއްވާނެ ތާރީހެއް އެ ޖަލްސާގެ ދެތިން ހަފުތާ ފަހުން އިތުރު ޖަލްސާއެއްގަ ނިންމޭނެ ކަމަށް ބެލެވެނީ. މިއީ ޕާޓީގެ ޗެއާޕާސަން މީގެ ކުރިން ވެސް ކޮންގްރެސް އަވަސްކުރުމަށް ވިދާޅުވި ގޮތުގެ މަތިން ކުރިއަށް ގެންދާ މަސައްކަތެއް،" އިބުރޭ ވިދާޅުވި އެވެ.
އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގްރެސްއެއް ބޭއްވުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައި މިވަނީ އެކަން ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޑީގަ ހުންނަވައިގެން ގައުމީ މަޖިލީހުގެ މެންބަރުންތަކެއް މެދުވެރިކޮށް ގަރާރެއް ހުށަހަޅަން އުޅޭކަމުގެ އަޑުތަކެއް ވެސް ފެތުރިފައިވަނިކޮށެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީން އެންމެ ފަހުން ކޮންގްރެސް ބޭއްވީ އޯގަސްޓު، 2022، ގަ އެވެ. އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އާންމު އުސޫލުގެ ދަށުން ކޮންގްރެސް އޮންނާނީ ކޮންމެ ފަސް އަހަރަކުންނެވެ. ނަމަވެސް ކޮންމެ ވަގުތެއްގައި ވެސް އާދަޔާ ހިލާފު ކޮންގްރެސް ބޭއްވުމުގެ ފުުރުސަތު އޮވެ އެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ހިމެނެނީ ގައުމީ މަޖިލީހުގެ މެންބަރުން، ދާއިމީ ކޮމިޓީތަކުގެ މުގައްރިރުން، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސުން، ޕްރޮވިންސްތަކުގެ ނައިބު ރައީސުން، ދާއިރާތަކުގެ ނައިބު ރައީސުން، ގޮފިތަކުގެ ރައީސުން ނުވަތަ ނައިބު ރައީސުން، ޕާޓީއަށް ނިސްބަތްވާ ލޯކަލް ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުން، އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އަދި އިސްތިއުނާފުގެ ފަނޑޔާރުގެ މަޖިލީހުގެ ހުރިހާ މެންބަރުންނެވެ.
މިއީ އެމްޑީޕީގެ އެންމެ ބޮޑު ސިޔާސީ ހަރަކާތެވެ. 2022 ގައި އެމްޑީޕީން ބޭއްވި ކޮންގްރެސްގައި ވެސް 1،100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި އެވެ.
އެމްޑީޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސް އަކީ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އޭރު ރައީސަކަށް ހުންނެވި ސޯލިހު އާ ދެމެދު ސިޔާސީ ގޮތުން ޖެހިފައި އޮތް މައްސަލަތަކުގެ ހުޅުފަޅައިގެންދިޔަ ހަރަކާތަށެވެ.
ރާއްޖޭގެ ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ނަޝީދު ކޮންގްރެސްއަށް ހުށަހަޅަން މަސައްކަތް ކުރެއްވި ނަމަވެސް، ކޮންގްރެސް ނިންމާލީ 2023 ގެ ރިޔާސީ އިންތިހާބަށް އެކުގައި މަސައްކަތް ކުރަން ދެ ބޭފުޅުން ވެސް އެއްބަސްވުމަށްފަހު އެވެ.
ނަމަވެސް، ރިޔާސީ ޓިކެޓަށް ނަޝީދު ވެސް ވާދަކުރެއްވި އެވެ. ޕްރައިމަރީ ނާކާމިޔާބުވުމުން އެމަނިކުފާނު ވަނީ އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފަ އެވެ. އެމްޑީޕީއަށް 2023 ގެއްލުނު މައިގަނޑު ސަބަބަކީ އެއީ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ސޯލިހާއި އެމްޑީޕީއާ ދެކޮޅަށް ދެ އަހަރެއްހާ ދުވަހު މަސައްކަތް ކުރުމަށްފަހު އެޕްރީލް 5، ގައި ނަޝީދު ވަނީ މިވަގުތު ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން ކަމަށް ވިދާޅުވެފަ އެވެ. މިއާއެކު ނަޝީދު އެމްޑީޕީއަށް އެނބުރި ގުޅުމުގެ ފުރުސަތު އޮތް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ