ދިރާގު ގޭމާސް ގިލްޑްއިން އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ ގޭމިން މުބާރާތް އައްޑޫ ސިޓީގައި
ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އިން "ގޭމްކުއެސްޓް-އައްޑޫ އެޑިޝަން"ގެ ނަމުގައި ގޭމިން މުބާރާތެއް އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ. އެ މުބާރާތަކީ، ޑީޖީޖީއިން އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ ގޭމިން މުބާރާތެވެ. ދިރާގާއި އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އިންތިޒާމްކުރަމުންދާ ގޭމްކުއެސްޓް-އައްޑޫ އެޑިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގައެވެ. ދިރާގުން ބުނީ އެއީ އައްޑޫ ސިޓީގައި ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެއް ކަމަށެވެ. އެގޮތުން، އައްޑޫ ސިޓީއަށް ނިސްބަތްވާ، އަލަށް ގޭމް ކުޅެން ފަށާ ގޭމާސްއިން ފެށިގެން އެންމެ ތަޖުރިބާކާރު ގޭމާސްއަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. "ގޭމްކުއެސްޓް-އައްޑޫ އެޑިޝަން"ގައި ހިމެނޭ ގޭމްތަކުގެ ތެރޭގައި، އީއޭއެފްސީ 25 އަދި ވީއާރް ސިމިއުލޭޝަން ގޭމްތައް ހިމެނެއެވެ. އަދި، އީއޭއެފްސީ 25 މުބާރާތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމާސްއަށް ޖުމްލަ 10،000 ރުފިޔާގެ ޕްރައިޒްޕޫލެއް ވަނީ ކަނޑައަޅައިފައެވެ. މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ގޭމަރުންނަށް، އެކަމަށް ޚާއްސަ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ. އެގޮތުން، ރަޖިސްޓަރީކުރުމުގެ ސުންގަޑިއަކީ މާދަމާއެވެ. ދިރާގުން ބުނީ، ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މި ގޮތުން، މި އަހަރު ޑީޖީޖީއިން ވަނީ ޑީޖީޖީގެ ސީސަން 1 ލޯންޗްކޮށް "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2025" އިއުލާނުކޮށް، ވާދަވެރި ގޭމިންގެ މުޅިން އައު މުބާރާތްތަކެއް ތައާރަފުކޮށްފައެވެ. ޑީޖީޖީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓުން ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ