މޯލްޑިވްސް ޒަކާތު ހައުސްއިން ފޯރުކޮށްދިން ފައިސާގެ އެހީތެރިކަމާއެކު ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ މުސްލިމުންނަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީޑިއާ ތަކަށް މަޢުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ
ސަޢީދު ވިދާޅުވީ ޤަތަރު ރެޑް ކްރެސެންޓުން ދަނީ ރާއްޖޭގެ ޒަކާތު ފަންޑުގެ އެހީތެރިކަމާއެކު ފަލަސްޠީންގެ މުސްލިމުންނަށް ފެން ކޭސް ފޯރުކޮށްދެމުން ކަމަށެވެ.
ޤަތަރު ރެޑް ކްރެސެންޓުން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު ބަންދުކޮށްފައިވާ 6،000 ކޭސް ފެން ފަލަސްޠީންގެ ރައްޔިތުންނަށް ވަނީ ފޯރުކޮށްދީފައެވެ. މި ތަކެތި ފޯރުކޮށްދީފައިވަނީ އަލް ޝިފާ އަދި އަލް ހަޔާތު ހޮސްޕިޓަލްގައި ތިބި ބަލިމީހުންނަށެވެ. ދިވެހިރާއްޖޭގެ ޒަކާތު ފަންޑުގެ އެހީގައި 60،000 ފަލަސްޠީންގެ މުސްލިމުންނަށް 50،000 ފެން ކޭސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިސްރާޢީލުގެ ނިރުބަވެރި ޔަހޫދީން ފަލަސްޠީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ހައުސްއިން 1 ލައްކަ ޑޮލަރުގެ އެހީއެއް ދިނުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.
ދިވެހި ސަރުކާރާއި ރައްޔިތުން ދަނީ ފަލަސްޠީނުގެ މުސްލިމުންނަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަނަށް އައިރު ސަރުކާރުން އިސްނަގައިގެން ޓެލެތޯންތަކާއި ފަންޑް ރެއިޒިން ހަރަކާތްތައް ބާއްވާފައިވެއެވެ. އަދި ފަލަސްޠީނުގެ މުސްލިމުންނާއެކު ދިވެހިން ތިބިކަން ދެއްކުމުގެ ގޮތުން ޔަހޫދީ އިސްރާޢީލު ދައުލަތުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ރާއްޖޭގެ ޒަކާތު ހައުސްގެ އެހީގައި ފަލަސްޠީނަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ