ކޫޓްގެ މައްސަލަ އޭނާ އިސްތިއުނާފު ނުކުރާނެ

އިނގިރޭސި ޕްރިމިއާ ލީގުގެ ކުރީގެ ރެފްރީ ޑޭވިޑް ކޫޓް ސަސްޕެންޑް ކޮށްފައިވާ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފު ނުކުރާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.
ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ކޫޓް ފުރަތަމަ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ ތެރޭގަ އެވެ. އަދި މި ހިނގާ ޑިސެމްބަރ މަހުގެ ކުރީކޮޅު އޭނާ ރެފްރީ ކަމުން ވަނީ ވަކިކޮށްފަ އެވެ.
އުމުރުން 42 އަހަރުގެ ކޫޓް ސަސްޕެންޑް ކޮށްފައިވަނީ ލިވަޕޫލް އާއި އެ ޓީމުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕްއަށް އަމާޒުކޮށް އޭނާ ބަދުބަސްތަކެއް ބުނެފައިވާ ވީޑިއޯއެއް އާންމުވުމާއި ގުޅިގެން، އެ މައްސަލަ ބެލުމަށްފަހުގައެވެ.
އިނގިރޭސިވިލާތުގެ ޕީޖީއެމްއޯއެލް އިން ކޫޓްގެ މައްސަލަ ބަލަން ފެށުމާއިއެކު މިދިޔަ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ވަގުތީ ގޮތުން ކޫޓް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި ކޫޓްގެ އިތުރު މައްސަލަތަކެއް އޭގެ ދެ ދުވަސް ފަހުން ފެންމަތިވުމާއެކު ސީރިއަސް މައްސަލައެއްގެ ގޮތުގައި އޭނާގެ މައްސަލަ ޕީޖީއެމްއޯއެލް އިން ވަނީ ބަލަން ފަށާފަ އެވެ.
2020 ވަނަ އަހަރު ލިވަޕޫލް އާއި ބާންލީ ކުޅުނު މެޗުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެ މެޗުގައި ރެފްރީކަން ކުރި ކޫޓް އަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި އެކަމާއި ގުޅޭގޮތުން ކޫޓް ލިވަޕޫލް އާއި ކްލޮޕްއަށް އޮތް ނަފުރަތު ހާމަވާ ގޮތަށް ދައްކާފައިވާ ވާހަކަތަކުގެ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ދައުރުވާން ފެށުމާއިއެކު އެ މައްސަލަވަނީ ފެންމަތިވެފަ އެވެ.
އަދި ޔޫއެފާއިން އޭނާގެ ނަން އުނިކޮށްފައިވަނިކޮށް މި އަހަރު ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ކޫޓް މަސްތުވާތަކެތި ބޭނުންކުރާ ފޮޓޯތަކެއް ވަނީ މީޑިޔާގައި ދައުރުވާން ފަށާފަ އެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗު އޮފިޝަލެއްގެ ގޮތުގައި ކޫޓް ވަނީ މަސައްކަތް ކޮށްފަ އެވެ.
އަލަށް ދައުރުވާން ފެށި ފޮޓޯ ތަކާއި ގުޅޭ ގޮތުން ޕީޖީއެމްއޯއެލް އިން ބުނެފައިވަނީ ކޫޓް ހުރީ ސަސްޕެންޝަނުގައި ކަމަށާއި އަދި އޭނާއާއި ގުޅޭ ގޮތުން ދައުރުވާ ވީޑިއޯ އާއި ފޮޓޯ ތަކުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި މައްސަލައާއި ގުޅޭ ގޮތުން ބަލަންޖެހޭ ހުރިހާ ކަމެއް ބަލާނެ ކަމަށާއި މިކަމާއި ގުޅޭގޮތުން އިތުރު އެއްވެސް ވާހަކައެއް މިވަގުތު ދައްކަން ބޭނުން ނުވާ ކަމަށްވެސް އެ ފަރާތުންވަނީ ބުނެފަ އެވެ.
ޕްރިމިއާ ލީގުގެ ގަވާއިދު ބުނާ ގޮތުން ލީގުގެ މެޗުތައް ރެފްރީކަން ކުރާ ފަރާތްތަކުން އެ ރެފްރީން ސަޕޯޓް ކުރާ ޓީމުތައް އަންގާ ރިޕޯޓް ކުރަން ޖެހެއެވެ. އަދި ކޫޓޭ އަންގާފައިވާ ގޮތުގައި އޭނާއަކީ ނޮޓްސް ކައުންޓީގެ ސަޕޯޓަރެކެވެ. އެހެންކަމުން އޭނާއަށް ކޮޓްސް ކައުންޓީ އާއި ނޮޓީންހަމް ފޮރެސްޓްގެ އެއްވެސް މެޗެއްގައި ރެފްރީ ކަމެއް ނުކުރެވޭނެ އެވެ.
ކޫޓް އެންމެ ފުރަތަމަ ޕްރިމިއާ ލީގުގެ މެޗެއްގެ ރެފްރީކަން ކޮށްފައިވަނީ 2018 ވަނަ އަހަރު ވެސްޓްބްރޮމް އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލު ކުރި މެޗެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ