ހަތަރު ޕާޓީއަށް ފައިސާ ދޫކޮށްފި، އެމްޑީޕީއަށް ދޫކުރަނީ ބަންދަށްފަހު

ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުޠު ހަމަވާ ސިޔާސީ 4 ޕާޓީއަކަށް ފިނޭންސް މިނިސްޓްރީން ފައިސާ ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީއިން) ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ފައިސާ ދީފައިވާ ސިޔާސީ 4 ޕާޓީއަކީ، ޕީޕީއެމްއާއި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭ ކަމަށެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތުހަމަވަނީ ސިޔާސީ 6 ޕާޓީއެއްގައެވެ.
އީސީއިން ބުނީ  އެމްޑީޕީއަށްވެސް ފައިސާ ދޫކުރަން މިހާރު ފިނޭންސަށް ފޮނުވާފައިވާކަމަށެވެ. އަދި ސަރުކާރު ހުޅުވުނުހާ އަވަހަށް އެމްޑީޕީއަށްވެސް ފައިސާ ދޫކުރެވޭނެކަމަށް އެ ކޮމިޝަނުން ބުނެ އެވެ. ނަމަވެސް އަދިވެސް ޕީއެންސީއަށް ފައިސާ ދޫކުރަން މާލީ ވުޒާރާއަށް ފޮނުވާފައިނުވާކަމަށާއި، އެއީ އެ ޕާޓީގެ އެކައުންޓު ނަންބަރު އަދި ހަމަނުޖެހޭތީކަމަށް ކޮމިޝަނުން ބުންޏެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ނިންމާފައިވާ ސިޔާސީ 6 ޕާޓީއަކީ ދައުލަތުގެ ބަޖެޓަށް މިއަހަރަށް ފާސްކުރިއިރު، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެމްބަރުން ހަމަވާ ޕާޓީތަކެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމަޔަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ. ސިޔާސީ ޕާޓީތަކަށް ދޫކުރާނީ އެ އަހަރަކަށް ފާސްކުރާ ބަޖެޓުގެ 0.01 އިންސައްތައަށްވާ ފައިސާކަމަށްވެސް ޤާނޫނުގައި ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ޕާޓީތަކަށް ފައީސާ ކަނޑައަޅާފައިވަނީ ބޮލަކަށް 289.62 ރުފިޔާގެ މަގުންކަމަށެވެ. އެއީ ޖުމުލަ 152،266 މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ