ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް މިއަހަރުގެ ނޮވެންބަރު މަހު ފަށާނެ: ރައީސް

ދުނިޔޭގައި އުފައްދާ އެންމެ ބޮޑު އެއް ބްރޭންޑުގެ މަތިންދާބޯޓް ކަމުގައިވާ އެއަރބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް މިއަހަރުގެ ނޮވެންބަރުމަހު ރާއްޖެ ގެނެސް، ދަތުރުތައް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެއަރބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ރާއްޖެއަށް ގެނައުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެެޑާއި ޓްރޫނޯޑްއާ ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ. ޓްރޫނޯޑްއަކީ އެއަރލައިންތަކަށް މަތިންދާބޯޓު ފޯރުކޮށްދޭ ކުންފުންޏެކެވެ.
މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއިން ގިނަ މަންޒިލްތަކަށް ޑައިރެކްޓް ފްލައިޓު އިތުރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި ޗައިނާގެ އެކި ސަރަހައްދުތަކަށް ސީދާ ދަތުރުތައް ހަމަޖެއްސިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ ޤައުމީ އެއަރލައިންނަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނެސް ދުރު ރާސްތާތަކަށް ޑައިރެކްޓް ދަތުރުތައް ހަމަޖެއްސުންކަމަށެވެ. އެގޮތުން މިހާރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށާއި އެ ބޯޓުގެ ދަތުރުތައް މިއަހަރުގެ ނޮވެންބަރު މަހު ފެށޭނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
"ނޮވެންބަރު މަހު ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ފެށޭނެ. ވައިޑް-ބޮޑީ މަތިންދާބޯޓާއެކީގައި 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ހައި ސީޒަންގައި ރާއްޖެއަށް ޒިޔާރަތްކުރާނެ" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވައިޑް-ބޮޑީ މަތިންދާބޯޓާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެކަމަށެވެ. އަދި ފަތުރުވެރިން އެންމެ ގިަނއިން ރާއްޖެއަށް ޒިޔާރަތްކުރާ މޫސުމުގައި މިއަހަރަށް ކަނޑައެޅި 2 މިލިޔަން ޓާގެޓަށްވުރެ އިތުރަށް ޒިޔާރަތްކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނައުމާ ބެހޭގޮތުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާޒް ވިދާޅުވެފައިވަނީ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ އެއަރބަސް އޭ 330-200 ބްރޭންޑުގެ މަތިންދާބޯޓުތަކެއް ކަމަށެވެ. އަދި މި ބޯޓު 13000 ކިލޯ މީޓަރު ދުރަށް އެއްވެސް އެއަރޕޯޓެއްގައި ނުޖައްސާ ޑައިރެކްޓުކޮށް ދަތުރުކުރާނެކަމަށް އިޔާޒް ވިދާޅުވެފައިވެއެވެ.
ބައިޑް-ބޮޑީ އެއަރބަސްގެ ދަތުރުތައް އެންމެ ފުރަތަމަ ކުރާނީ ޗައިނާއަށެވެ. އަދި މުސްތަޤުބަލުގައި ޔޫރަޕާއި ސައުތު އެފްރިކާގެ ޤައުމުތަކަށްވެސް ދަތުރުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އަންނަ އަހަރުގެ ތެރޭގައިވެސް ވައިޑް-ބޮޑީ މަތިންދާބޯޓެއް ޤައުމީ އެއަރލައިންނަށް އިތުރުކުރެވޭނެކަމަށް އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތު ދެއްވައެވެ.
މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެންނަ އެއަރބަސްގައި 3 ކުލާސް ހިމެނެއެވެ. އެއީ ބިޒްނަސް ކުލާހާއި ޕްރިމިއަމް އިކޮނޮމިކް ކުލާހާއި އިކޮނޮމިކް ކުލާހެވެ. މަތިންދާބޯޓުގައި ޖުމްލަ 264 ގޮނޑި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ