އާރު.ޓީ.އެލްގެ ޚިދުމަތާއެކު ނ. އަތޮޅުގެ ރައްޔިތުންނަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ: ވަޒީރު އާދަމް ޝަރީފް ޢުމަރު

އާރު.ޓީ.އެލްގެ ޚިދުމަތަކީ ނ. އަތޮޅަށް ވަރަށް ޚާއްޞަ އަދި ނުހަނު ބޭނުންވެފައިވާ ކަމެއް ކަމަށާއި މި ހިދުމަތާއެކު އެ އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކުރައްވައިގެން ސަރުކާރުގެ ދަތުރުފަތުރުގެ ވިޔުގައިގެ ތެރޭގައި ހިމެނޭ އާރް.ޓީ.އެލް.ގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށް އެ އަތޮޅު ވެރިރަށް މަނަދޫގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ވިދާޅުވީ ފެށުނު ޚިދުމަތުގެ ސަބަބުން މަނަދޫގެ ރައްޔިތުންނަށް ޚާއްޞަކޮށް ނ. އަތޮޅުގެ ވަރަށް ގިނަ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ހިދުމަތެއް ކަމުގައި މި ޚިދުމަތް ވެގެން ދާނެ ކަމުގައެވެ.
އާރް.ޓީއެލް.ގެ ޚިދުމަތް މިއަދު ނ. އަތޮޅުގައި ފެށުމުގެ ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރާއި، ޓްރާންސްޕޯރޓް މިނިސްޓަރ މުޙައްމަދު އަމީނުގެ އިތުރަށް އެންވަޔަރުމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ނ.އަތޮޅުގައި މި ފެށުނު އާރް.ޓީއެލްގެ ޚިދުމަތް މިއަދުން ފެށިގެން އަންނަ އޮގަސްޓްމަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް މުޅިން ހިލޭ ދަތުރުތައް ކުރެވޭނެ ގޮތް އެމް.ޓީ.ސީ.ސީން ވަނީ ހަމަޖައްސަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ