މީރާއަށް 15 ބިލިއަން ރުފިޔާ ނުލިބި އެބަހުރި، އެ ފައިސާ ހޯދަން އެބަޖެހޭ: ނާޒިމް

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބެންޖެހޭ 15 ބިލިއަން ރުފިޔާ ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ހަފްތާގެ އަންގާރަ ދުވަހު ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި މީރާ ހާޒިރުކުރާނެ ކަމަށެވެ.
ޕޯސްޓްގައި ނާޒިމް ވަނީ މި އަހަރުގެ މެއި މަހުގެ ނިޔަލަށް ނުލިބި ހުރި ފައިސާގެ އަދަދު 15 ބިލިއަނަށް އަރާކަމަށް ވިދާޅުވެ. އެކަމުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.
Advertisement
މި ފައިސާ ހޯދަން ޖެހޭ ކަމަށާއި، މިކަމުގެ އެންމެ ފުނަށް ދާނެކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ހިއްސާކުރެއްވި ތަފްސީލުތަކަށް ބަލާއިރު، މިއަހަރުގެ މެއި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 9.5 ބިލިއަން ނުލިބެއެވެ. އަދި  5.8 ބިލިއަންގެ އިންޓްރެސްޓާއެކު ދައުލަތަށް ނަގަންޖެހޭ ޖުމްލަ 15 ބިލިއަން ރުފިޔާ ވެސް ހިމެނެއެވެ.
މީގެ އިތުރުންވެސް ނާޒިމް ވަނީ މި ފެށޭ ހަފުތާގައި މާލިއްޔަތު ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް މުނައްވަރު އައްޔަނުކުރުމަށް އިންޓަވިއު ކުރުމާއި، އެމްއެމްއޭ އާއި މީރާ، އެޓާނީ ޖެނަރަލް އޮފީސް އަދި ފިނޭންސް މިނިސްޓްރީ ހާޒިރުކުރުން ފަދަ މުހިންމު މަސައްކަތްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.
ނާޒިމް މިފަދައިން ވިދާޅުވިއިރު، ރޭ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވަނީ މިހާތަނަށް ދައުލަތަށް ނުލިބި 13 ބިލިއަން ރުފިޔާ ހުރިކަމަށާއި، މި ފައިސާ އެކަނި ހޯދިޔަސް ރާއްޖޭގެ ދަރަނީގެ މައްސަލަ ޙައްލުވާނެ ކަމަށާއި، މިފައިސާ ހޯދާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ