ތޫފާން ޔާގީ | ޗައިނާގެ ހައިނާންއާއި ވިއެޓުނާމާއި ފިލިޕީންސަށް ބޮޑެތި ގެއްލުންތަކެއް

ޔަގީ ތޫފާނުގެ ބާރު އެންމެ ގަދަވިއިރު ގަޑިއިރަކު 234 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހުނުކަމަށް ރެކޯޑުކުރެވިފައިވާތީ އެ ތޫފާނަކީ މި އަހަރު ދުނިޔެ ތަޖުރިބާކުރި ދެވަނައަށް އެންމެ ބާރުގަދަ ވައިގެ ތޫފާނެވެ.
އޭޝިޔާއަށް މި އަހަރު އެރި އެންމެ ވަރުގަދަ ތޫފާން ޔާގީގެ ސަބަބުން އުތުރު ވިއެޓްނާމާއި ފިލިޕީންސް އަދި ޗައިނާގެ ހައިނާންއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ ގިނަ ބަޔަކަށް ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދާންޖެހިއްޖެ އެވެ. 
އުތުރު ވިއެޓްނާމުގެ ރަށްތަކަށް ޔަގި ތޫފާނު އެރިއިރު ގަޑިއިރެއްގައި 160 ކިލޯމީޓަރުގެ ބާރު މިނުގައި ވައިޖެހުނެވެ. އޭގެ އެއް ދުވަސްކުރިން ޗައިނާގެ ހައިނާނަށް އެ ތޫފާނު ވާސިލުވިއިރު ގަޑިއިރަކު 234 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހުނެވެ. 
ވިއެޓްނާމު ސަރުކާރުން ބުނި ގޮތުގައި ހޮނިހިރުދުވަހު ހަވީރު ފަހެއް ޖެހުމާ ހަމައަށް ހަތަރު މީހުން މަރުވެ 78 މީހަކަށް އެކި މިންވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި އެތައް ބަޔަކު ކަނޑަށް ގެއްލިފައިވާކަމަށް ދައުލަތުގެ މީޑިޔާއިން ރިޕޯޓުކޮށްފައިވެ އެވެ. 
އެންމެ ފުރަތަމަ ޔަގީ އެރީ ފިލިޕީންސްއަށެވެ. އެ ތޫފާނުގެ ސަބަބުން އެ ގައުމުން 16 މީހަކު މަރުވި އެވެ. އަދި ފަހުން ޗައިނާގެ ހައިނާނަށް ތޫފާން ޔަގީ އަރައި އެ ރަށުން ދެ މީހުން މަރުވި އެވެ. މި ތޫފާނު އުފެދުނީ ފިލިޕީންސްގެ އިރުމަތިންނެވެ. 
ތޫފާނުން އަސަރުކުރި ގައުމުތަކުގައި ފުޅާކޮށް ކަރަންޓުގެ ހިދުމަތްވަނީ ކެނޑިފަ އެވެ. 
ޔަގީ ތޫފާނުން އެންމެ ބޮޑަށް އަސަރުކުރި އެއް ޝަހަރަކީ ވިއެޓުނާމުގެ އައްސޭރި ޝަހަރެއްކަމަށްވާ ހައިފޮންގް އެވެ. އެ ޝަހަރުގެ ފެކްޓަރީތައް ބަންދުކުރަންޖެހުނުއިރު، ގަޑިއިރަކު 90 ކިލޯމީޓަރުގެ ބާރުމިނުގައި ޖެހުނު ވައިގެ ސަބަބުން ގެދޮރުގެ ފުރާޅުތައް ލުއްސައިގެން ގޮސް ކުޑަދޮރުތައް ހަލާކުވި މަންޒަރު ފެންނަ ވީޑިޔޯތައް މީސްމީޑިޔާގައި ދައުރުކޮށްފައިވެ އެވެ. 
ޗައިނާގެ ހައިނާނަކީ 10 މިލިއަނެއްހައި މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށަކަށްވާއިރު އެ ރަށަށް ޔަގީ ތޫފާން އަރައި ގަސްތައް ވެއްޓި މަގުތަކުގައި ފެން ބޮޑުވެ، 800،000 އަށްވުރެ ގިނަ ގެދޮރުން ކަރަންޓު ކެނޑުނެވެ. 
ވިއެޓުނާމް ސަރުކާރުން ބުނި ގޮތުގައި ތޫފާނުގެ ސަބަބުން 50،000 މީހުން އަައްސޭރިފަށުގައި ހުރި އަވަށްތަކުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް އާންމުންނަށް އެހީތެރިވުމަށް 450،000 ސިފައިން ނެރެފައިވެ އެވެ. އަދި ހަތަރު އެއާޕޯޓެއްގެ ހިދުމަތްވަނީ ހުއްޓާލާފަ އެވެ. 
އެގޮތުން 8.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވެރިރަށް ހަނޯއީ ހިމެނޭހެން އުތުރު ވިއެޓްނާމުގެ 12 ޕްރޮވިންސެއްގެ ހައި ސުކޫލުތައް ބަންދުކުރަން ސަރުކާރުން ނިންމާފައިވެ އެވެ. 
ޔަގީ ތޫފާނުގެ ބާރު އެންމެ ގަދަވިއިރު ގަޑިއިރަކު 234 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހުނުކަމަށް ރެކޯޑުކުރެވިފައިވާތީ އެ ތޫފާނަކީ މި އަހަރު ދުނިޔެ ތަޖުރިބާކުރި ދެވަނައަށް އެންމެ ބާރުގަދަ ވައިގެ ތޫފާނެވެ. މި އަހަރު ރެކޯޑުކުރެވިފައިވާ އެންމެ ބާރުގަދަ ވައިގެ ތޫފާނަކީ ޕެސިފިކަށް އެރި ހަރިކޭން ބެރީލް އެވެ. 
ފިލިޕީންސްގެ އައްސޭރީގައި އުފެދުނު ވައިގެ ތޫފާން ޔައިގީ ޗައިނާގެ ހައިނާނަށް ވާސިލުވިއިރު އެ ތޫފާނުގެ ބާރުގަދެވެ ހަތަރުވަނަ ގިންތީގެ ތޫފާނަކަށްވަނީ ބަދަލުވެފަ އެވެ. އުޅަނދުފަހަރު ފުރޮޅައިލާ، ގަސްތައް ލުހެލައި މަގުތަކާއި ބުރިޖުތަކާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންވާ މިންވަރަށް އެ ތޫފާނުގެ ބާރު ގަދަވި އެވެ. 
ޗައިނާގެ ޝިންހުއާ ނިއުސްއިން ރިޕޯޓުކުރި ގޮތުގައި ޔަގީގެ ސަބަބުން ހައިނާނުގެ 830،000 ގެއަކުން ކަރަންޓު ކެނޑުނެވެ. އަދި މިލިއަނެއްހައި މީހުން ގެދޮރު ދޫކޮށް ރައްކާތެރި ތަންތަނަށް ބަދަލުވާން ޖެހުނެވެ. 
ސައެންސްވެރިން ވިދާޅުވާ ގޮތުގައި ކަނޑުތައް ހޫނުވެ މޫސުމީ ބަދަލުތަކުގެ އަސަރުތައް ބޮޑުވުމާއެކު ވައިގެ ތޫފާނުތަކުގެ ބާރުވަނީ އިހުނަށްވުރެ ގަދަވެފަ އެވެ. ފާއިތުވި ހަފުތާގައި ޝަންޝަން ތޫފާނުވަނީ ޖަޕާނުގެ ހުޅަނގަށް އަރާފަ އެވެ. އެ ތޫފާނަކީ ފާއިތުވި އެތައް ދަހަރެއްގައި ޖަޕާނަށް ކުރިމަތިވި އެންމެ ބާރުގަދަ ތޫފާނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ