މާލެ-ރަސްމާލެ ގުޅުވާލާ ކަނޑު އަޑީގެ ޓަނަލްގެ ޑިޒައިން މަސައްކަތް ފަށަނީ

މާލެ އާއި ރަސްމާލެ ކަނޑު އަޑީގެ ރޭލު ޓަނަލަކުން ގުޅާލަން މި ސަރުކާރުން ނިންމާފައިވާ ގޮތަށް އެ މަޝްރޫއުގެ ޑިޒައިން މަސައްކަތް ކުރުމަށް އެކަމަށް ގާބިލް ދެތިން ކުންފުންޏެއް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.
ރަސްމާލެ އާއި މާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލަން ނިންމެވި ކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި ތިން ކައުންސިލަރުން ހުވާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ. ރައީސް މުއިއްޒު އެ ދުވަހު ވިދާޅުވީ މާލެ އާއި ރަސްމާލެ ގުޅުވާލުމަށްޓަކައި ފަންނީ އިނޮވޭޓިވް މަސައްކަތްތަކެއް ފަށައި ވަރަށް ގާބިލު ކުންފުނިތަކާ އެކުގައި މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެ ޓަނަލްގައި ރޭލެއް ދުއްވުމަށް ހަމަޖެހިފައިވާ އިރު، އެ ތަން ހަދާނީ ރޭލުގައި އިންނަ އިރު ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އޮފީހުގައި ރައީސް ޑރ. މުއިއްޒު "ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ ކަނޑު އަޑީގެ ޓަނަލްގެ ޑިޒައިން މަސައްކަތް ދެ ތިން ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެއީ އެކަމަށް ގާބިލް ކުންފުނިތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
"އެކަމަށް ގާބިލް ދެތިން ކުންފުންޏެއް އަޅުގަނޑު މި ގެންނަނީ. އެއީ އޭގެ ކޮންސެޕްޓް ޑިޒައިން މަސައްކަތް ކުރަން. ފީސަބިލިޓީއަކާ އެކީގައި ޑިޒައިން ހަދާނީ. އެއަށްފަހު ދެން އޮތް މަރުހަލާ ކުރިއަށް ދާނެ،" ރާއްޖެ ތަރައްގީގެ އާ ހަރުފަތަކަށް އަރައިގެންދާނެ މަޝްރޫއުގެ ފަހުގެ ތަފްސީލް ދެއްވައި ރައީސް ވިދާޅުވިއެވެ.
މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ "ރަސްމާލެ"ގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު، އެ މަސައްކަތް ކުރުމަށް އާބަންކޯ އިން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ.
ފުށިދިއްގަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވާ ޖުމްލަ ބިމަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮލުމުން ވާވަރުގެ ތިން ގުނައެވެ. މި ބިން ހިއްކުމުގެ މަސައްކަތް ނިންމާލުމަށް ހަމަޖެހިފައި ވަނީ އަށް މަސް ދުވަހުގެ ތެރޭގައެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ މި ބޮޑު މައްސަލަ އަށް ޖުމްލަ ހައްލެއް ގެނެސްދޭނެ މަޝްރޫއެއް ކަމުގައި މި ސަރުކާރުން ގަބޫލު ކުރެއެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލެ ކައިރިން ގޯތި ދިނުމަށް ނިންމާފައިވާ ހުުރިހާ ބިންތަކެއް ހިމެނޭ ރަށްތައް ގުޅާލާނީ ބްރިޖަކުން ކަމަށެވެ. މިހާރު ފެށިގެން ކުރިއަށްދާ ތިމަލާޖެ ބްރިޖު އަދި ދަނީ ތިލަފުއްޓާ ހަމައަށް ކަމަށާއި އުތުރުތިލަފަޅާ ހަމައަށް ގުޅާލުމަށް އިތުރު ދެ ބްރިޖު ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެ ބްރިޖުތައް ވެސް ނިންމާނީ މި ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ