ތައިލެންޑާއި ކެމްބޯޑިއާ ހަނގުރާމަ ހުއްޓާލަން މަޝްވަރާ ކުރަން 2 ފަރާތުން ރުހުންދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިއެއްގެ ބައި އަދާ ކުރެއްވުމަށް ފަހު ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު އުފެދިފައިވާ ނުރައްކާތެރި ބޯޑަރު މައްސަލައަށް ހައްލެއް ގެނައުމަށް މަޝްވަރާ ކުރަން ބޭނުންވާ ކަމުގެ އިޝާރާތެއް ދެ ފަރާތުން ވެސް މިއަދު ދީފި އެވެ.
ހަތަރު ވަނަ ދުވަހަށް ގޮސްފައިވާ މި ހަމަނުޖެހުންތަކުގެ ސަބަބުން މިހާތަަނަށް 33 މީހަކު މަރުވެ، 168،000އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ.
ޓްރަމްޕް އިއްޔެ ޓްރޫތު ސޯޝަލްގައި ވިދާޅުވީ ތައިލެންޑާއި ކެމްބޯޑިއާގެ ލީޑަރުންނާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވީ ދެ ފަރާތުން ހަނގުރާމަ ކުރިއަށް ގެންދާ ނަމަ، އެ ހަމަނުޖެހުންތައް ދެމިއޮތްހާ ހިނދަކު، އެ ގައުމަކާ އެކު ވިޔަފާރީގެ އެއްބަސްވުންތައް ކުރިއަށް ނުގެންދާނެ ކަމަށެވެ. ފަހުން ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ދެ ފަރާތުން ވެސް އެއްވުމަށް އެއްބަސްވި ކަމަށެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ހޫން މަނެޓް މިއަދު ވިދާޅުވީ އެ ގައުމުން އެދެނީ "ވަގުތުން އަދި ޝަރުތެއް ނެތި ހަނގުރާމަ ހުއްޓާލުމަށް" ކަމަށެވެ. އޭނާ ވިދާޅުވީ ތައިލެންޑުގެ ވަގުތީ ބޮޑުވަޒީރު ފުމްތަމް ވެޗަޔަޗައިއާ ޓްރަމްޕް މަޝްވަރާ ކުރެއްވުމަށް ފަހު، ހަމަލާތައް ހުއްޓާލުމަށް ތައިލެންޑުން ވެސް އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް އޭނާގެ އަރިހުގައި ވިދާޅުވި ކަމަށެވެ.
"މިއީ ދެ ގައުމުގެ އަސްކަރިއްޔާއަށާއި ރައްޔިތުންނަށް ވެސް ހިތްވަރު ލިބޭ ހަބަރެއް،" ހޫން މަނެޓް ނެރުއްވި ބަޔާންގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ އެކު ދެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަދި ތައިލެންޑްގެ ހާރިޖީ ވަޒީރާ މުއާމަލާތް ކުރެއްވުމަށް އޭނާގެ ޑެޕިއުޓީ މިނިސްޓަރު ޕްރާކް ސޮހޮންއާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
ތައިލެންޑުން ދެއްކީ ހިފެހެއްޓުންތަކާ އެކު ތާއީދު ކުރާ މަންޒަރެވެ. ޕުމްތަމް ވަނީ ޓްރަމްޕަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ތައިލެންޑުން ހަނގުރާމަ ހުއްޓާލުމަށް އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާކަން ފާހަގަކުރައްވައި "ކެމްބޯޑިއާގެ އިހުލާސްތެރި ނިޔަތެއް" އޮތް ކަމަށް ވިދާޅުވި އެވެ. ސުލްހަވެރި ހައްލެއް ގެނައުމަށް ޓަކައި ވަކި ފިޔަވަޅުތަކެއް އެޅުމަށް ދެ ގައުމުގެ ދެމެދުގައި އަވަސް މަޝްވަރާތަކެއް ކުރުމަށް ފުމްތަމް އެދިވަޑައިގެންނެވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ހަނގުރާމަ އެންމެ ފުރަތަމަ ހޫނުވީ މިދިޔަ ބުރާސްފަތި ދުވަހު ބޯޑަރު ކައިރީގައި އޮތް ލޭންޑް މައިންއެއް ގޮއްވާލައި ތައިލެންޑް ސިފައިންގެ ފަސް މީހަކު ޒަހަމްވުމާ ގުޅިގެންނެވެ. އަދި ދެ ފަރާތުން ވެސް ވަނީ އެއް ބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށް ފުރަތަމަ ހަމަނުޖެހުންތައް ފެށި ކަމަށް ތުހުމަތުކޮށްފަ އެވެ. ދެ ގައުމުން ވެސް ސަފީރުން ހާޒިރުކޮށް ތައިލެންޑުން ވަނީ ކެމްބޯޑިއާއާ އެކު އޮންނަ ބޯޑަރު ހުރަސްކުރުން ބަންދުކޮށްފަ އެވެ.
ޑިޕްލޮމެޓިކް މަސައްކަތްތަކާ އެކު ވެސް، މިއަދު ވެސް ދެ ގައުމުގެ ދެމެދުގައި ދަނީ ހަމަނުޖެހުންތައް ހިނގަމުންނެވެ. ދެ ފަރާތުން ވެސް އެއް ބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށް، ބަޑީގެ ހަމަލާތަކާއި ސިފައިންގެ ހަރަކާތްތައް ހިންގަމުން ދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ