އާރުޑީސީގެ އެމްޑީއަކަށް އައްޔަނުކުރި ނަޒީމުގެ ކޮރަޕްޝަނުގެ އެތައް މައްސަލަތަކެއް އާރުޑީސީގެ އެމްޑީއަކަށް އައްޔަނުކުރި ނަޒީމުގެ ކޮރަޕްޝަނުގެ އެތައް މައްސަލަތަކެއް

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިދިޔަ ބުދަ ދުވަހު އައްޔަނުކުރި މއ. އެލީޒިއަމް، އިބްރާހިމް ނަޒީމްގެ މައްޗަށް މީގެ ކުރިން ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި، އޭގެން އެއް މައްސަލައިގައި ދައުވާ ވެސް އުފުލާފައިވާކަން އެނގިއްޖެ އެވެ.
މިހާ ހިސާބަށް ނަޒީމް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ނޮވެމްބަރު 21، 2023 ގަ އެވެ.
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނަޒީމް އައްޔަނުކުރީ އެ މަގާމުގައި ހުންނެވި އަހްމަދު ޒުހައިރު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލު ކުރުމަށްފަހު އެވެ.
ނަޒީމްއަކީ މީގެ ކުރިން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އޭނާ އެ މަގާމު ފުރުއްވި ދުވަސްވަރު ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން އޭރު ބަލައި އެ މައްސަލަތަކުގައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ވެސް ފޮނުވި އެވެ.
އޭގެތެރޭގައި އެ ކުންފުންޏަށް 5000 ޓަނުގެ ސިމެންތި ގަތުމުގެ މުއާމަލާތުގެ ތެރެއިން ހިންގި 10 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަން ވެސް ހިމެނެ އެވެ.
10 މިލިއަން ރުފިޔާގެ ކޮރަޕްޝަން
ނަޒީމްގެ މެނޭޖިން ޑިރެކްޓަރުކަމުގައި އެމްއާރުޑީސީގެ ޕްރޮޑަކްޝަން ފެސިލިޓީއަށް ބޭނުންވާ 5000 ޓަނުގެ ސިމެންތި 20 ދުވަސްތެރޭގައި ސަޕްލައި ކުރުމަށް ރެއިޒް ކްރައުން ޕްރޮޑަކްޝަން ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލު ކުރީ ޑިސެމްބަރު 25، 2014 ގަ އެވެ. އެ އެއްބަސްވުމުގައި ސޮއި ކޮށްފައި އޮތީ ވެސް ނަޒީމް ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ އެއްބަސްވުމުގައި އޮތްގޮތުން ރެއިޒް ކްރައުން ޕްރޮޑަކްޝަންއަށް ފައިސާ ދޫކުރަން ޖެހެނީ ސިމެންތި ސަޕްލައި ކުރުމަށްފަހު ބިލް ކުރުމުން ކަމަށާއި އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ދޫކުރަން ނުޖެހޭ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ.
އެހެންނަމަވެސް އެމްއާރުޑީސީގެ ބޯޑުން ފާސް ކުރުމެއްނެތި މުޅި އެއްބަސްވުމުގެ ޖުމުލަ އަގަށްވާ 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ކުންފުންޏަށް އެޑްވާންސްކޮށް ދޫކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެއިތުރުން 20 އޯޑަރު ކުރާތާ 20 ދުވަސް ތެރޭގައި ސިމެންތި ސަޕްލައި ކޮށްދޭން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައި އޮތް ނަމަވެސް އެކި ފަހަރު މަތިން އެ މުއްދަތު އިތުރު ކޮށްދެމުން ގޮސްފައިވާކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެމްއާރުޑީސީއަށް އެ ސިމެންތި ލިބިފައި ވަނީ 169 ދުވަސްފަހުން ކަމަށާއި އެކަމުގެ ސަބަބުން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ގެއްލުންވި ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
އެ މައްސަލައިގައި އޭސީސީން ޕީޖީ އޮފީހުގައި އެދުނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ނާޒިމްގެ މައްޗަށް ކޮށްދިނުމަށެވެ. ނަމަވެސް އޭރުގެ ޕީޖީން ނިންމީ އެ ހިޔާނާތަކީ ނަޒީމް އަމިއްލައަށް ހިންގި ހިޔާނާތެއް ނޫން ކަމަށާއި އެ މައްސަލައިގައި ނަޒީމްގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވެން ނެތް ކަމަށެވެ.
އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ނަޒީމް ވަކިކުރީ ވެސް މި މައްސަލަ ފަޅާ އެރުމުންނެވެ.
ލޭންޑިން ކްރާފްޓެއް ގަތުމުގައި ހިންގި ކަމަށް ބުނާ ކޮރަޕްޝަން
ނަޒީމްގެ މެނޭޖިން ޑިރެކްޓަރުކަމުގައި އެމްއާރުޑީސީގެ ބޭނުމަށް 200 ޓަނުގެ ލޭންޑިން ކްރާފްޓެއް 14.99 މިލިއަން ރުފިޔާއަށް ގަތުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑު ކިޔާ އަމިއްލަ ކުންފުންޏަކާ އެކު ސޮއިކުރީ އޮކްޓޫބަރު 8، 2014 ގަ އެވެ. އެއްބަސްވުމުގައި އޮތްގޮތުން 90 ދުވަސް ތެރޭގައި ލޭންޑިން ކްރާފްޓް ސަޕްލައި ކުރަން ޖެހެ އެވެ.
އެ ކުންފުނިން ސަޕްލައި ކުރި ލޭންޑިން ކްރާފްޓު އެއްބަސްވުމުގައިވާ ޓެކްނިކަލް ސްޕެސިފިކޭޝަނަށް ނުފެތޭ ކަމަށް ބުނެ އެ ލޭންޑިން ކްރާފްޓާ ހަވާލުނުވެ އެމްއާރުޑީސީން އެއްބަސްވުން އުވައިލި އެވެ.
ނަމަވެސް އޭރު އޮތީ މުޅި އެއްބަސްވުމުގެ ޖުމުލަ އަގުގެ 50 ޕަސެންޓަށްވާ 7.49 މިލިއަން ރުފިޔާ އެމްއާރުޑީސީން އެ ކުންފުންޏަށް ދީފަ އެވެ. އެ އަދަދަކީ މުދަލާއި ހިދުމަތް ހޯދުމުގައި އެމްއާރްޑީސީން އަމަލުކުރަމުން ދިޔަ ގަވާއިދުގައި މަސައްކަތާ ހަވާލުވާ ފަރާތަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެވޭނެ ކަމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ވެސް އިތުރު އަދަދެކެވެ.
އެޑްވާންސްގެ ގޮތުގައި 7.49 މިލިއަން ރުފިޔާ ޓްރޮޕިކް އިންވެސްޓްމެންޓަށް ދިނީ އެ ކުންފުންޏާއެކު އެމްއާރުޑީސީން ވެފައި އޮތް އެއްބަސްވުމަށް އިސްލާހު ގެނައުމަށް ބޯޑުން ފާސްކޮށްގެންނެވެ. އެއްބަސްވުން އިސްލާހުކޮށް އެ ފައިސާ ދޫކުރަން އެމްއާރުޑީސީގެ ބޯޑުން ފާސްކުރީ ނަޒީމް އަށް އެނގިހުރެ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ.
އަދި އިސްލާހު ކުރި އެއްބަސްވުމުގައި އާއި އެޑްވާންސް ފައިސާ ޓްރޮޕިކް އިންވެސްޓްމެންޓަށް ދޫކުރަން ޕޭމަންޓު ވައުޗާގައި ސޮއި ކޮށްފައި އޮތީ ވެސް ނަޒީމް ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ.
ޓްރޮޕިކް އިންވެސްޓްމަންޓް ކުންފުނިން ސަޕްލައި ކުރި ލޭންޑިން ކްރާފްޓު ޓެކްނިކަލް ސްޕެސިފިކޭޝަނަށް ނުފެތޭ ކަމަށް ބުނެ އެ ކުންފުންޏާއެކު އެމްއާރުޑީސީން ވެފައި އޮތް އެއްބަސްވުން އުވައިލި ނަމަވެސް އެޑްވާންސްގެ ގޮތުގައި ދިން ފައިސާ އެމްއާރުޑީސީއަށް ލިބިފައެއް ނުވެ އެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ނަޒީމް ހިމެނޭހެން އެމްއާރުޑީސީގެ ބޯޑުގައި އޭރު ތިއްބެވި އިތުރު ތިން ބޭފުޅަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފަ އެވެ.
އެ މައްސަލައިގައި ނަޒީމްގެ މައްޗަށް ދައުލަތުން ދައުވާ ވެސް އުފުލި އެވެ.
އެ މައްސަލައިގައި ނަޒީމްގެ މައްޗަށް ދައުލަތުން އުފުލީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅީ ޖުލައި 8، 2021 ގަ އެވެ. އެ މައްސަލައިގައި ނަޒީމްގެ އިތުރުން ދެން ދައުވާ އުފުލީ ވ. ނަލަދުވެލި، މުހައްމަދު ރިޔާޒް އާއި މއ. ޔެލޯޑައިމަންޑް، އަހްމަދު ރަޝީދު އާއި ގ. މާބަދި، މުހައްމަދު އަލީދީދީ ގެ މައްޗަށެވެ.
ނަމަވެސް 2021 ގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު އެ މައްސަލައިގައި އެއްވެސް އަޑުއެހުމެއް ބާއްވާފައެއް ނުވެ އެވެ. އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 93 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނަންބަރަށް ރިއާޔަތްކޮށް އެ މައްސަލަ މި އަހަރުގެ ފެބްރުއަރީގައި މުރާޖާ ކުރުމުން ކޯޓުން ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމައިފަ އެވެ.
ޖުމްހޫރީ މައިދާން ތަރައްގީ ކުރުމުގައި ހިންގާފައިވާ ކޮރަޕްޝަން
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މިނިވަން 50 ފާހަގަ ކުރުމަށް ޖުމްހޫރީ މައިދާން ތަރައްގީ ކުރިއިރު އެތަނުގައި ޓެރާޒޯ ފްލޯރިން (ތަޅުން) އެޅުމުގެ މަސައްކަތާއި ޓެރާޒޯ އެޅި ސަރަހައްދުގައި ލައިޓު ޖެހުމުގެ މަސައްކަތް އެމްއާރުޑީސީން އަމިއްލަ ކުންފުންޏަކާ ހަވާލުކުރި އެވެ.
ނަމަވެސް އެ މަސައްކަތް އެމްއާރުޑީސީން ހަވާލު ކުރީ އޭރުގެ ހައުސިން މިނިސްޓްރީން އެންގި ވަކި ކުންފުންޏަކާ ކަމަށް އޭސީސީގެ ތަހުގީގުގައި ބުނެފައިވެ އެވެ. ޖުމްހޫރީ މައިދާނުގައި ޓެރާޒޯ އެޅުމުގެ މަސައްކަތް އެ ކުންފުންޏާ އެމްއާރުޑީސީން ހަވާލު ކުރީ 500،000ރ. އަށެވެ. އަދި އެ ތަނުގައި ލައިޓު ޖެހުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 400،000ރ. އަށެވެ.
އެހެންނަމަވެސް އެ ދެ މަސައްކަތަށް ހަރަދު ކުރަން އެމްއާރުޑީސީގެ ބޯޑުން ނިންމާފައި އޮތީ ޖުމުލަ 750،000ރ. ކަމަށް އޭސީސީން އޭރު ބުނެފައިވެ އެވެ. ބޯޑުގެ ނިންމުމާ ހިލާފަށް އެ މަސައްކަތް ކުރި ކުންފުންޏަށް އިތުރަށް ފައިސާ ދޫކުރީ ނަޒީމް ހުއްދަ ދީގެންކަން ކަމާއި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ވެސް ނަޒީމް ކަން އޭސީސީގެ ތަހުގީގަށް އެނގުނު ކަމަށް އެ ކޮމިޝަނުން އޭރު ބުނެފައިވެ އެވެ.
އެ މައްސަލައިގައި ނަޒީމްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ ދައުލަތުން އޭރު ނަޒީމްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެ އެވެ.
~
މި ނޫނަސް ބައެއް އެހެން މައްސަލަތަކުގައި ވެސް ނަޒީމްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައިވެ އެވެ. އެގޮތުން އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ވަކި ކުރުމަށްފަހު އޭރުގެ ހައުސިން މިނިސްޓްރީގެ ނައިބެއްގެ ގޮތުގައި ހުންނަވާ ކުރެއްވި ބައެއް ކަންކަން ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ