ހަވީރު އޮޑިޓު ކުރުމަށް ފަސް ފާމެއްގެ ނަން ހުށަހަޅައިފި
'ހަވީރު' އޮޑިޓު ކުރުމަށް ފަސް އޮޑިޓް ފާމެއްގެ ނަން މިއަދު ހުށަހަޅައިފި އެވެ. މިއަދު ސިވިލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ހަވީރުގެ ހަތަރު ހިއްސާދާރުންގެ ފަރާތުން ފަސް އޮޑިޓް ފާމެއްގެ ނަން ހުށަހަޅާފައި ވަނީ، ހަވީރުގެ ހަތަރު ހިއްސާދާރުން މަޝްވަރާކުރުމަށް ފަހު ހަވީރު އޮޑިޓްކުރުމާ މެދު ގޮތެއް ނިންމުމަށާއި، އޮޑިޓްކުރާނެ އޮޑިޓް ފާމަކާ އެކު ޝަރީއަތަށް ހުށަހެޅުމަށް ގާޒީ އެދިވަޑައިގަތުމުންނެވެ. ހިއްސާދާރުންގެ ފަރާތުން ފަސް އޮޑިޓް ފާމެއްގެ ނަން ހުށަހެޅުމުން ގާޒީ މުހައްމަދު ހަލީމް ވަނީ އޭގެ ތެރެއިން ކޮންމެސް އެއް ފާމެއްގެ ނަން ހުށަހެޅުމަށް ވިދާޅުވެފަ އެވެ. އޮޑިޓު ކުރާނެ ފާމެއްގެ ނަން ހުށަހެޅުމަށް އިތުރު ވަގުތު ބޭނުން ކަމަށް ހިއްސާދާރުންގެ ފަރާތުން ބުނުމުން، ގާޒީ ވަނީ މާދަމާ 14:00 ގެ ކުރިން ލިޔުމުން ވަކި ފާމެއްގެ ނަން ހުށަހެޅުމަށް ވަގުތު ދެއްވާފަ އެވެ. ސިވިލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ހަވީރުގެ މިލްކުވެރިކަމާ މެދު ހައިކޯޓުން މައްސަލަ ނިންމައި ކޮށްފައިވާ ހުކުމާ ގުޅިގެން ހަވީރަށް މިހާތަނަށް ލިބިފައިވާ އާމްދަނީގެ ތަފްސީލު ސާފުކުރުމަށާއި ހިއްސާދާރުންނަށް ހައްގުވާ ސާފު ފައިދާގެ ބައި، ކޯޓު މެދުވެރިކޮށް ހޯދުމަށް އެދި ހަވީރު ނޫހުގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހ. މީރުބަހުރުއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަން އަދި ހ. ޓައިމްލެސް މުހައްމަދު ނައީމް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތަކެވެ. އެ މައްސަލަ ވަކިގޮތަކަށް ނުނިމެނީސް އަދި ހަވީރު ހިންގުން ހަމައަކަށް ނޭޅެނީސް ޑރ. މުހައްމަދު ޒާހިރު ހުސައިންނާއި ހަވީރާއި ގުޅުން ހުރި މީހަކަށް އެއްވެސް އެހެން މީޑިއާއެއް ރެޖިސްޓްރީކޮށް ނުހިންގޭނެ ކަމަށް ބުނެ ތިން ހިއްސާދާރުންގެ ފަރާތުން ވަނީ ވަގުތީ އަމުރަކަށް އެދިފަ އެވެ. އެ އަމުރާ ގުޅިގެން ޝަރީއަތަށް ޖަވާބުދާރީވަމުން ހަވީރު މީޑިއާ ގުރޫޕުގެ ފަރާތުން ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ އެ އަމުރަކީ ހުށަހެޅިފައިވާ މައްސަލައާ އެއްވެސް ގުޅުމެއް ނެތް އަމުރެއް ކަމަށެވެ. އަދި އެދިފައިވާ އަމުރު ނެރެދީފި ނަމަ ހަވީރު މުވައްޒަފުންގެ ހައްގުތައް ނިގުޅައިގަނެވި، ވަޒީފާ އަދާކުރުމުގެ ހައްގު ނުލިބި ބަނދެވިގެންދާނެ ކަމަށްވެސް ވަކީލު ވިދާޅުވި އެވެ. ތިން ހިއްސާދާރުންގެ ފަރާތުން ވަނީ ވަޒީފާގެ ބާވަތުން ހަވީރުގެ މުވައްޒަފުންނާއި ހިންގުމާއި ހަވާލުވެ ތިިބި މީހުންނަށް ހަވީރުގެ ގިނަ ސިއްރުތަކެއް އެނގޭނެ ކަމަށާއި އެހެންކަމުން މިހާލަތުގައި އެހެން މީޑިއާއެއް އުފެއްދުމުގެ ފުރުސަތު ހަވީރުގެ މުވައްޒަފުންނަށް ވެސް އަދި ހަވީރު މީޑިއާ ގުރޫޕަށް ދީފި ނަމަވެސް ހަވީރުގެ ހައްގުތައް ގެއްލިގެންދާނެ ކަަމަށް ބުނެފަ އެވެ. ނަމަވެސް ވަކީލު މުއިއްޒު ވިދާޅުވީ، އެފަދަ އެއްވެސް ނުރައްކާތެރިކަމެއް އޮތްކަން ސާބިތުނުވާ ކަމަށާއި، އެ އަމުރަށް އެދުމުގެ ޝަރުއީ އަދި ގާނޫނީ އެއްވެސް ހައިސިއްޔަތެއް ތިިން ހިއްސާދާރުންނަށް ލިބިގެން ނުވާ ކަމަށެވެ. ޝަރީއަތުގައި ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން އަދި މުހައްމަދު ނައީމުގެ ވަކީލު އަބްދުﷲ ނަސީރު ވިދާޅުވީ އެދިފައިވާނީ ވަގުތީ އަމުރަކަށް ނޫން ކަމަށާއި އެދުނީ ކޯޓު އަމުރަކަށް ކަމަށެވެ. އެއަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ އަމުރަށް އެދިފައި ވަނީ ވަގުތީ އަމުރަށް އެދޭ ފޯމަކުން ކަމަށާއި، އަމުރުގައި ފުރިހަމަވާން ޖެހޭ ޝަރުތުވެސް ފުރިހަމަވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން އެދިފައިވާ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ކަނޑައަޅައި ދިނުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ. މިއަދުގެ ޝަރީއަތް ނިންމާލީ، ވަގުތީ އަމުރާ މެދު ވަކި ގޮތެއް ނިންމުމަށް ވަކި ޝަރީއަތެއް ނުބާއްވާނެ ކަމަށާއި، އަމުރާ މެދު ނިންމަވާ ގޮތެއް އަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ މައްސަލައިގެ އަޑު އެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ. ހަވީރު ނޫސް އެޖެންސީއަކީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގެ އިބްރާހިމް ރަޝީދުގެ ހިއްސާ ވެސް ވާތަނެއް ކަމަށް ހައި ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ. ހަވީރު ނޫހުގެ މިލްކިއްޔާތާ ބެހޭ ގޮތުން ހައި ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ކުރުމަށް ޑރ. ޒާހިރު ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ބަލައިގަންނަން ނުފެންނަ ކަމަށް ނިންމައި އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ