ކޮޅިގަނޑު ކޮމޮރިންކަނޑު ހުރަސްކުރަނީ: ރާއްޖޭގެ އުތުރަށް މޫސުން ގޯސްވާނެ!

ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު ލޯޕްރެޝަރ އޭރިއާއެއްގެ ގޮތުގައި ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑު ހުރަސްކޮށް އަރަބިކަނޑަށް ދަތުރުކުރާތީ މިރެއާއި މާދަމާ އުތުރުގެ ރަށްތަކަށް ވިލާގަނޑުގައި ވައިގަދަވެ ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓުން ބުނީ، ބޭ އޮފް ބެންގާލުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު އިއްޔެ ވަގުތެއްގައި ސްރީލަންކާ ހުރަސްކޮށްފައިވާ ކަމަށެވެ. މި ކޮޅިގަނޑުގެ ބާރު ދަށްވެ މިވަގުތު ހުރީ ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑުތެރޭ، ލޯޕްރެޝަރ އޭރީއާއެއްގެ ގޮތުގައި ކަމަށްވެސް ބުނެފައި ވެއެވެ.
ކުރިޔަށް އޮތް 24 ގަޑިިއިރުގެ ތެރޭގައި މި ކޮޅިގަނޑު ރާއްޖޭގެ އުތުރުން އަރަބިކަނޑަށް ދަތުރުކުރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ.
އުތުރަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ބުނިއިރު، އެއިދާރާއިން ވަނީ ރާއްޖޭގެ ދެކުނަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ.
މެޓުން ބުނީ ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ދެމެދުގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ސަރަހައްދަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މޫސުން ލަފާކުރާގޮތުން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އަދި ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވެއެވެ.
ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ