ރައީސް މައުމޫން ސްރިލަންކާގެ ރައީސްއާއި ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ސްރީލަންކާގެ ރައީސް، ރަނިލް ވިކްރަމަ ސިންހައާ ބައްދަލުކުރައްވައިފިއެވެ.
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)އިން ބުނެފައިވަނީ ރައީސް މައުމޫން މިވަގުތު ހުންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި ސްރީލަންކާގައި ކަމަށާއި އެ ބައްދަލުކުރެއްވުން އޮތީ އިއްޔެ ސްރީލަންކާގެ ރައީސްގެ އޮފީހުގައި ކަމަށެވެ.
އެގޮތުން، ސްރިލަންކާގެ ރައީސް އާއި ބަައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މައުމޫނު ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ފާހަގަކުރައްވައި އެގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި އެވެ. ވަކިން ޚާއްޞަކޮށް، އެމަނިކުފާނު ރާއްޖޭގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ސްރީލަންކާ ސަރުކާރުން ރާއްޖެއާ މެދު ގެންގުޅުއްވި ގާތް ރަޙްމަތްތެރިކަމުގެ ހަރުދަނާ ސިޔާސަތަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
ރައީސް މައުމޫން އެންމެ ފުރަތަމަ ރައީސް ވިކްރަމަ ސިންހައާ ބައްދަލުވެޑައިގެންނެވި ހަނދުމަފުޅު އާކުރައްވައި، ރައީސް ވިކްރަމަ ސިންހައާ އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ 1984 ވަނަ އަހަރު ރައީސް މައުމޫން ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަމަށް ވިދާޅުވިއެވެ.
ސްރީލަންކާގެ ރައީސް، ވިކްރަމަސިންހަގެ ވާހަކަފުޅުގައި، ސްރީލަންކާއަށް ކުރިމަތިލާންޖެހުނު ދަތި އުނދަގޫ ޙާލަތުގައި ދިވެހިރާއްޖޭގެ ފަރާތުން އަބަދުވެސް ސްރީލަންކާއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
އިއްޔެގެ ބައްދަލުކުރެއްވުމުގައި ރައީސް މައުމޫންގެ އަރިހުގައި، އެމަނިކުފާނުގެ ދަރިކަލުން، އަހުމަދު ފާރިސް މައުމޫން ވަނީ ބައިވެރިވެވަޑައިގެންފައެވ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ