ޕާކިސްތާނަށް އެހީވުމުގެ ގޮތުން ބީސީއެމްއިން ޖާފަތެއް ބާއްވައިފި

ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)އިން އިންތިޒާމުކޮށްގެން ރޭ މެންހަޓަން ބިޒްނަސް ހޮޓަލުގައި ޖާފަތެއް ބާއްވައިފިއެވެ. ޕާކިސްތާނުގެ ސަގާފަތް ދައްކުވައިދޭ ގޮތަށް ކުރިއަށްގެންދިޔަ، އެ ޖާފަތް ޝަރަފުވެރިކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާއެވެ. އެ ޖާފަތުގައި، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް ގިލާނީ އާއި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޖާފަތުގައި ވާހަކަދައްކަވަމުން ސަފީރު ގިލާނީ ވަނީ ޕާކިސްތާނާއި ރާއްޖެއަކީ ވަރަށް ޒަމާންވީ ގުޅުމެއް އޮތް ދެ ގައުމުކަން ފާހަގަކުރައްވައި، ރާއްޖެއަކީ ޕާކިސްތާނު މީހުންގެ ދެވަނަ ގެ ކަމަށް ސިފަކުރައްވާފައެވެ. ޕާކިސްތާނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޑިނަ ނައިޓުގެ ތެރެއިން-- ފޮޓޯ ސަން ނާއިލް ހުސައިން ސަފީރު ވިދާޅުވީ ޕާކިސްތާނަށް ކުރިމަތިވާ އުނދަގޫ ވަގުތުތަކުގައި ދިވެހިރާއްޖެ ފާހަގަކުރެވެނީ އަބަދުވެސް އެންމެ ގާތުގައި އޮންނަ ގައުމުގެ ގޮތުގައިކަމަށެވެ. މިފަހުން ޕާކިސްތާނަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ފެންބޮޑުވުމުގެ ކާރިސާއާ ގުޅޭގޮތުން ސަފީރު ވިދާޅުވީ، އެ ހާދިސާގައި ޕާކިސްތާން ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް އަހަރެއްގެ މަސައްކަތުން ނިންމާފައިވާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ނެތިގޮސްފައިވާކަމަށެވެ. ޕާކިސްތާނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޑިނަ ނައިޓުގައި ޕާކިސްތާނުގެ ސަފީރު ވާހަކަދައްކަަނީ-- ފޮޓޯ ސަން ނާއިލް ހުސައިން ސަފީރު އިތުރަށް ވިދާޅުވީ، ގެއްލުން ލިބުނު ސަރަހައްދުތައް އާރާސްތުކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ ފަރާތްތަކާއެކު ފަށާފައިވާ ކަމަށާއި، ގެއްލުން ލިބުނު ޝަހަރުތައް ބިނާކުރުމަށް ވަގުތު ނަގާނޭކަމަށެވެ. ޕާކިސްތާނުގެ ސަގާފަތް ދައްކުވައިދޭ ގޮތަށް ކުރިއަށްގެންދިޔަ، އެ ޖާފަތުގައި ޑރ. އަޝްރަފް ވަނީ ޕާކިސްތާނުގެ މަޝްހޫރު ފަލްސަފާވެރި ޅެންވެރިއާ، އަދި ފާރިސީ ބަހާއި އުރުދޫ ބަހުގެ އެންމެ މަގުބޫލު އަދީބް ޢައްލާމާ އިޤުބާލުގެ އުރުދޫ ޅެމެއް ހުށަހަޅައިދެއްވާފައެވެ. ޕާކިސްތާނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޑިނާ ނައިޓުގައި، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވާހަކަދައްކަވަނީ -- ފޮޓޯ ސަން ނާއިލް ހުސައިން މީގެ އިތުރުން އެ ޖާފަތުގައި ވަނީ ޕާކިސްތާނުގެ އިހުގެ ފަންނުވެރިކަން ދައްކުވައިދޭ ބައެއް ތަކެތި ވެސް ދައްކާލާފައެވެ. ޕާކިސްތާނަށް އެހީވުމުގެ ގޮތުން އެ ޖާފަތް ކުރިއަށްގެންދިޔައީ 350 ރުފިޔާއަށް ޓިކެޓް ވިއްކައިގެންނެވެ. ބީސީއެމްއިން ބުނީ އެ ޖާފަތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެ ޖަމުއިއްޔާއަށް ލިބުނު ފައިސާ ބޭނުންކުރާނީ ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހުނު އަންހެނުންނަށް ކޮންމެހެން ބޭނުންވާ ތަކެއްޗާއި ކާނާއާއި ބޭސް ފޯރުކޮށްދިނުމަށް ކަމަށެވެ. ޕާކިސްތާނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޑިނަ ނައިޓުގައި ދައްކާލުމަށް ބަހައްޓާފައި ހުރި ޕާކިސްތާނުގެ އިހުގެ ފަންނުވެރިކަމުގެ މަސައްކަތެއް--- ފޮޓޯ ސަން ނާއިލް ހުސައިން މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހާ ހަމައަށް ޕާކިސްތާނަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން އެގައުމުގެ ބިމުގެ ތިންބައިކުޅަ އެއްބައި ދުވަސްތަކެއް ވަންދެން ފެނުގެ އަޑީގައި އޮތެވެ. ޖުމްލަ ގޮތެއްގައި ޕާކިސްތާނަށް ލިބުނު ގެއްލުންތަކުގެ އަގު 40 ބިލިއަން ޑޮލަރަށް އަރާނޭކަމަށް ޕާކިސްތާނުގެ ސަރުކާރުން ވަނީ ބުނެފައެވެ. ފެންބޮޑުވުމުގެ މި ކާރިސާގައި 1700 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 33 މިލިއަނަށްވުރެ ގިނަ މީހުންގެ ދިރިއުޅުން ވަނީ އަލުން ފަށަން ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ