ސައުދީގެ މިނިސްޓްރީ އޮފް ޖަސްޓިސް އާއި ސުޕްރީމް ކޯޓާއި ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސް އާ ދެމެދު، ދެ ޤައުމުގައި އެއްބާރުލުން އިތުރުކޮށް ދާއިރާ ކުރިއެރުވުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ރާއްޖޭގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އަދި މިނިސްޓްރީ އޮފް ޖަސްޓިސް ޑރ. ވާލިދް އަލް ސަމާނީއެވެ. މި ފަހުމުނާމާގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.
ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދާ އިންޓަރނޭޝަނަލް ޖުޑީޝަލް ކޮންފަރަންސްގެ ހަވާސާގައި ސޮއި ކުރެއްވި މި ފަހުމުނާމާ އަކީ ދިވެހިރާއްޖޭގެ ޖުޑިޝަރީން ޢަރަބި އިސްލާމީ ޤައުމެއްގެ ޖުޑިޝަރީއާ ދެމެދު ސޮއި ކުރެވުނު ފުރަތަމަ ފަހުމުނާމާއެވެ.
މިފަހުމުނާމާގެ ސަބަބުން، ދެ ޤައުމުގެ ދޭތެރޭގައި ގިނަ ދާއިރާތަކުން އެއްބާރުލުން ދެވިގެންދާނެއެވެ. އެގޮތުން:
ޝަރުޢީ ނިޒާމުތަކާއި ގުޅުންހުރި ޤާނޫނީ އަދި އިދާރީ އުސޫލުތައް ހަރުދަނާކުރުން.
ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޕްރޮފެޝަނަލް ޤާބިލުކަމާއި ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުން.
ޝަރުޢީ މަސައްކަތްތައް ކުރުމުގެ އުސޫލުތަކާއި ނިޒާމުތައް ހަރުދަނާކުރުން.
ދާއިރާއާގުޅޭ މަޢުލޫމާތާއި، ތަޖުރިބާ އަދި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާގުޅޭ މަޢުލޫމާތު ބަދަލުކުރުން.
ތަޖުރިބާކާރުންނާއި ފަންނީ މާހިރުންގެ ދެމެދުގައި ޒިޔާރަތްތައް ބަދަލުކުރުމާއި އެ ފަރާތްތަކުގެ ހުނަރާއި ތަޖުރިބާ ހިއްސާކުރުން.
ޢިލްމީ އަދި ފަންނީ ކޮންފަރެންސްތަކާއި، ސެމިނަރތަކާއި މަޝްވަރާ ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމްތައް އަދި މަސައްކަތު ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ