ޒުވާނުންނަށް މަގުދެއްކުމުގައި ނަބަވީ މަންހަޖު
އިންސާނީ ތާރީޚުގައި ޒުވާނުން ބިނާކުރުމުގެ އެންމެ ކާމިޔާބު ނަމޫނާ ފެންނާން އޮތީ ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ސިޔަރަތުންނެވެ. ގަބީލާ ދެކޮޅުވެރިކަމާއި ހަމަނުޖެހުން ބޮޑު މުޖުތަމަޢެއްގައި އުޅެމުންދިޔަ ޒުވާނުންތަކެއް، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ރަނގަޅު އަޚްލާގުގެ ވެރި ލީޑަރުންނަށާއި ޢިލްމުވެރިންނަށާއި ކޮމާންޑަރުންނަށް އެކަލޭގެފާނު ބަދަލުކޮށްލެއްވިއެވެ. ޒަމާނީ ދިރާސާތަކުން ހާމަވާ ގޮތުގައި، ރަނގަޅު ޒުވާނުންތަކެއް ތަރުބިޔަތުކުރުން ބިނާވެފައިވަނީ ހަމައެކަނި ޤަވާޢިދުތަކެއްގެ މައްޗަކަށް ނޫނެވެ. އެއާއެކުގައި، އެކަމުގައި ނަފްސާނީ އެހީތެރިކަމާއި އިތުބާރު އުފެއްދުމާއި ބާރުވެރިކުރުވުމާއި އަދި މުހިންމު މަސްއޫލިއްޔަތުތައް ހަވާލުކުރުން ހިމެނެއެވެ. މިސާލަކަށް، "ޕޮޒިޓިވް ޔޫތު ޑިވެލޮޕްމަންޓް" ނަޒަރިއްޔާގައި ޒުވާނުންނަކީ ހަމައެކަނި މައްސަލަ ހުރި ބައެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ މުޖުތަމަޢުގެ އެހީތެރިކަމާއެކު ތަރައްޤީކުރެވިދާނެ، ހުނަރުތަކާއި ޤާބިލުކަން ހުރި ބައެއްގެ ގޮތުގައި ދެކެއެވެ (ބެންސަން އެޓް އަލް، 2005). އިޙްސާސްތައް ދެނެގަތުމާއި އޯގާތެރިކަމާއެކު މަގުދައްކައިދިނުން ނަބަވީ މަންހަޖުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، ޒުވާނުންގެ ނަފްސާނީ ބޭނުންތައް ދެނެގަތުމާއި އަޅާލުމާއެކު މަގުދައްކައިދިނުމެވެ. ޒުވާނުންނަށް ކުރެވޭ ކުށްތަކުގެ ސަބަބުން އެމީހުން ލަދުގަންނަވައި ދެރަކޮށްލުމުގެ ބަދަލުގައި، އެމީހުންގެ އިޙްސާސްތަކާއި ނަފްސާނީ ގޮންޖެހުންތައް ދެނެވަޑައިގެން، ޙިކުމަތާއި ރަޙުމާއެކުގައި ރަސޫލާ ﷺ މުޢާމަލާތް ކުރެއްވިއެވެ. މީގެ ފާހަގަކޮށްލެވޭ އެއް މިސާލަކީ، ޒިނޭކުރުމުގެ ހުއްދައަށް އެދި ރަސޫލާ ﷺ ގެ އަރިހަށް އައި ޒުވާނާގެ ޙާދިސާއެވެ. އަޞްޙާބުން އޭނާއާމެދު ޣީރަތްތެރި ނަޒަރަކުން ދެކެވަޑައިގެން ހިނދު ވެސް، ރަސޫލާ ﷺ އިޚްތިޔާރުކުރެއްވީ އަރިހުގައި އޭނާ ބައިންދަވައިގެން މަޑުމައިތިރިކަމާއެކު ވާހަކަދެއްކެވުމަށެވެ. އެކަލޭގެފާނު އޭނާގެ ބުއްދިއާއި ޟަމީރާ މުޚާޠަބުކުރައްވައި، އޭނާގެ މަންމައަށް ނުވަތަ ދަރިއަކަށް ނުވަތަ އުޚުތަކަށް އެފަދަ ކަމެއް ވުމަށް އޭނާ އެދޭނެތޯ ސުވާލު ކުރައްވައި، އެކަމުގެ ނުބައިކަން އަމިއްލައަށް އިޙްސާސްކޮށްދެއްވިއެވެ. އަދި އެއަށްފަހު އޭނާގެ ހިތް ތާހިރުކޮށްދެއްވުމަށް އެދި ދުޢާކޮށްދެއްވުމުން، އެ ޒުވާނާގެ ހިތުން އެ ނުބައި އެދުންވެރިކަން ފިލައިދިޔަ ކަމަށް ރިވާވެގެން ވެއެވެ (އަޙްމަދު، 22211). މިއީ ޒުވާނުން ކުރާ ކުށްތަކުގެ ސަބަބުން އެމީހުން ލަދުގަންނަވާލުމުގެ ބަދަލުގައި، ނަފްސާނީ ގޮތުން ގާތްކަންދީގެން އިޞްލާޙުކުރުމުގެ ފުރިހަމަ ނަބަވީ ފިލާވަޅެކެވެ. ހެދިބޮޑުވުމާ ބެހޭ ނަފްސާނީ ޢިލްމު (ޑިވެލޮޕްމަންޓަލް ސައިކޮލޮޖީ) ގެ ދިރާސާތަކުން ދައްކާގޮތުގައި، ފުރާވަރު ކުދިންގެ އުޅުން ބައްޓަންކުރުމުގައި ނަފްސާނީ އަމާންކަމާއި އިޙްތިރާމް އެކުލެވޭ މުޢާމަލާތްތައް ވަރަށް މުހިންމެވެ. ޑެނިއަލް ސީގަލް (1999) ބަޔާންކުރައްވާ ގޮތުގައި، އިޙްސާސްތައް ކޮންޓްރޯލްކުރުމާއި އިޖުތިމާޢީ ގުޅުންތަކަކީ ތަރައްޤީވަމުން އަންނަ ސިކުނޑިއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމެވެ. ހަމައެފަދައިން ޑޭވިޑް ޔޭގަރ (2024) ފާހަގަކުރައްވާ ގޮތުގައި، ފުރާވަރުގެ ކުދިންނަކީ އިޙްތިރާމް ލިބުމަށާއި މުޖުތަމަޢުގައި އެކުދިންނަށް އޮންނަ މަޤާމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ބައެކެވެ. އަދި އަބަދު ފާޑުކިޔައި ކޮންޓްރޯލްކުރުމުގެ ބަދަލުގައި، ލޯތްބާއި އޯގާތެރިކަމާއެކު މަގުދެއްކުމުން އެކުދިންގެ ފަރާތުން ފެންނަ އިޖާބަ މާ ރަނގަޅެވެ. އަމިއްލަ ހުނަރުތަކާއި ޤާބިލުކަން ދެނެގަތުން ނަބަވީ އިސްތިރާޖީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު އަނެއް ކަމަކީ، ޒުވާނުންގެ ކިބައިގައި ހުންނަ އަމިއްލަ ހުނަރުތަކާއި ޤާބިލުކަން ދެނެގަތުމެވެ. އިންސާނުންގެ ކުޅަދާނަކަމާއި ޚާއްސަ ސިފަތައް އެކަކު އަނެކަކާ ތަފާތުވާނެކަން ނަބިއްޔާ ﷺ ދެނެވަޑައިގަންނަވައެވެ. އެހެންކަމުން، އެންމެން އެއް މިންގަނޑަކަށް ފައްތަން މަޖުބޫރުކުރެއްވުމުގެ ބަދަލުގައި، ކޮންމެ ޒުވާނެއްގެ ކިބައިގައި ހުރި ޚާއްސަ ހުނަރުތައް ދެނެގަނެ، އެމީހަކު ކުޅަދާނަ ދާއިރާއަކުން ކުރިއަށްދިއުމަށް އެކަލޭގެފާނު މަގުފަހިކޮށްދެއްވިއެވެ. މިސާލަކަށް، ޒައިދު ބިން ޘާބިތު ރަޟިޔަﷲ ޢަންހުގެ ކިބައިން ފެނިވަޑައިގެންނެވި ތޫނުފިލިކަމުގެ ސަބަބުން، ޔަހޫދީންގެ ބަސް ދަސްކުރެއްވުމަށް ޒައިދުގެފާނަށް ރަސޫލާ ﷺ އަމުރުކުރެއްވިއެވެ. އެކަލޭގެފާނު ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެ ބަސް ދަސްކުރައްވައި، ރަސޫލާ ﷺ ގެ ސިޓީފުޅުތައް ލިޔުއްވުމާއި ކިޔުއްވުމުގެ ފުރިހަމަ ޒިންމާ އުފުއްލެވިއެވެ (އަބޫ ދާއޫދު، 3645). ހަމައެފަދައިން، އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ތަފްސީރު ޢިލްމުގެ ދާއިރާއިން، މުޢާޛު ބިން ޖަބަލް ރަޟިޔަﷲ ޢަންހު ފިޤުހު ޢިލްމުގެ ދާއިރާއިން، އަދި އުބައްޔު ބިން ކަޢުބު ރަޟިޔަﷲ ޢަންހު ޤުރްއާން ކިޔެވުމުގެ ދާއިރާއިން ފާހަގަކުރެއްވިއެވެ (މުސްލިމް، 2477؛ އައްތިރުމިޛީ، 3791). މީހުންގެ ކިބައިގައި ހުންނަ ތަފާތު ހުނަރުތައް ދެނެގަތުމުގައި ރަސޫލާ ﷺ ގެންގުޅުއްވި ފުރިހަމަ މަންހަޖާ، ޒަމާނީ ތަޢުލީމީ ދިރާސާތަކުގެ ހޯދުންތައް މިއަދު މިވަނީ ފުރިހަމައަށް ދިމާވެފައެވެ. އެގޮތުން، ހަވަރޑް ގާޑްނާގެ "މަލްޓިޕަލް އިންޓެލިޖެންސް" ތިއަރީ ބުނާގޮތުގައި، އިންސާނުންނަށް ތަފާތު ބާވަތްތަކުގެ ތޫނުފިލިކަމާއި ވިސްނުމުގެ ސިފަތައް ލިބިގެންވެއެވެ. މީގެ ސަބަބުން ކޮންމެ ފަރުދަކަށް ވެސް އަމިއްލަ ޚާއްސަ ޢިލްމީ ޝަޚްޞިއްޔަތެއް ކަނޑައެޅިގެންދެއެވެ (ގާޑްނާ، 2011). މި ތަޞައްވުރަކީ، ހުރިހާ ޒުވާނުން އެއް މިންގަނޑަކުން މިނުމުގެ ބަދަލުގައި، ކޮންމެ މީހެއްގެ އަމިއްލަ ޤާބިލުކަން ދެނެގަނެ އެކަން ކުރިއެރުވުމަށް ނަބިއްޔާ ﷺ ގެންގުޅުއްވި އުސޫލާ މުޅިން އިއްތިފާޤުވާ ވިސްނުމެކެވެ. ޒިންމާދާރުކަމާއި ލީޑަޝިޕްގެތެރެއިން ޒުވާނުން ބާރުވެރިކުރުވުން ނަބިއްޔާ ﷺ ޒުވާނުން ބާރުވެރިކުރުވުމުގައި ގެންގުޅުއްވި އަނެއް އުޞޫލަކީ، ޅައުމުރުގައި އެމީހުންނާ ޒިންމާތައް ޙަވާލުކުރެއްވުމެވެ. ޒަމާނީ މުޖުތަމަޢުތަކުގައި ބައެއް ފަހަރު ޒުވާނުންގެ ޤާބިލުކަން އެކަށީގެންވާ ވަރަށްވުރެ ދަށްކޮށް ވަޒަންކުރެވި، ޒިންމާދާރުކުރުވުން ބޮޑުމީހަކަށް ވަންދެން ލަސްކުރެވެއެވެ. މިއާ ޚިލާފަށް، ނަބިއްޔާ ﷺ ވަނީ - މަގުދައްކައިދިނުމާއެކު - ލީޑަރަކަށްވުމުގެ ފުރުޞަތުތައް ޒުވާނުންނަށް ދެއްވާފައެވެ. އުސާމާ ބިން ޒައިދު ރަޟިޔަﷲ ޢަންހު ޅަފުރާގައި ލަޝްކަރެއްގެ ކޮމާންޑަރަކަށް ޢައްޔަންކުރެއްވިއެވެ (މުސްލިމް، 2426). މުޢާޛު ބިން ޖަބަލް ރަޟިޔަﷲ ޢަންހު ޒުވާން ޢުމުރުގައި މުދައްރިސެއް އަދި ފަނޑިޔާރެއްގެ ގޮތުގައި ޔަމަނަށް ފޮނުއްވިއެވެ (އަލްބުޚާރީ، 1496). އަދި މަދީނާގައި ދަޢުވަތުގެ މަސައްކަތް ކުރެއްވުމަށް މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހުއާ ޒިންމާ ޙަވާލުކުރެއްވިއެވެ (އަލްބުޚާރީ، 4710). މި ޒަމާނުގެ "ޔޫތު ޑިވެލޮޕްމަންޓް" އާ ބެހޭ ދިރާސާތަކުން ހާމަވާގޮތުގައި، އިސްނެގުމުގެ ރޫޙާއި ޒިންމާދާރުކަން ތަރައްޤީވަނީ، ގޮންޖެހުންތަކާއި އަމިއްލަ ޒިންމާ އެކުލެވޭ ފަދަ ޙަރަކާތްތަކުގައި ޒުވާނުން ބައިވެރިވުމުންނެވެ (ލާސަން، 2000). ލާސަން އިތުރަށް ފާހަގަކުރައްވާ ގޮތުގައި، މިއަދުގެ ގިނަ ޒުވާނުންނަކީ ފޫހިކަމާއި، މިސްރާބެއް ނެތުމުގެ އިތުރުން، ކަންކަމާ ދުރުހެލިވުމުގެ އިޙްސާސް ކުރަމުންދާ ބައެކެވެ. ސަބަބަކީ، މާނަހުރި ގޮތެއްގައި އިސްނެގުމުގެ ފުރުޞަތު އެމީހުންނަށް ލިބެނީ ވަރަށް މަދުން ކަމަށްވާތީއެވެ. އެހެންނަމަވެސް، ނަބަވީ މަންހަޖަކީ މިފަދަ ނޭދެވޭ އަސަރުތަކުން ޒުވާނުން ސަލާމަތްކޮށް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ޒިންމާދާރުކަން ޢަމަލީ ގޮތުން ބިނާކޮށްދޭ އެންމެ ފުރިހަމަ ނަމޫނާއެވެ. ރޫޙާނީ ބިންގާ ވަރުގަދަކުރުން ނަބަވީ މަންހަޖުގެ އެންމެ މުހިންމު އެއް އަސާސަކީ، ފުރާފުރިހަމަވަމުން އަންނަ ޒުވާނާޔާ މާތްﷲ އާ އޮންނަ ރޫޙާނީ ގުޅުން ބަދަހިކުރުމަށް މަގު ދައްކަވައި، އެކަމަށް ބޭނުންވާ ތަރުބަވީ ބިންގާ އަޅައިދެއްވުމެވެ. ނަބިއްޔާ ﷺ ޒުވާނުން ތައްޔާރުކުރެއްވީ ހަމައެކަނި ދުނިޔަވީ ކާމިޔާބީއަކަށް ނޫނެވެ. އެއާއެކު، އެކަލޭގެފާނު އެމީހުންގެ ކިބައިގައި ރޫޙާނީ ހޭލުންތެރިކަމާއި ނަފްސާނީ ހަމަޖެހުން ބިނާކޮށްދެއްވިއެވެ. މި މަންހަޖު ފުރިހަމަގޮތެއްގައި ފެނިގެންދާ އެއް މިސާލަކީ، އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ޅަފުރާގެ ޒުވާނެއްގެ ގޮތުގައި ހުންނަވަނިކޮށް، ނަބިއްޔާ ﷺ އެކަލޭގެފާނަށް ދެއްވި މަތިވެރި ނަޞޭޙަތްޕުޅެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((احْفَظِ اللَّهَ يَحْفَظْكَ)) "ތިބާ މާތްﷲ (ގެ ދީން) ރައްކާތެރިކުރާށެވެ! އޭރުން އެކަލާނގެ ތިބާ ރައްކާތެރިކުރައްވާނެއެވެ" (އައްތިރުމިޛީ، 2516). ޒުވާނުން ބިނާކުރުމުގައި ދީންވެރިކަމާއި ރޫޙާނީ ހޭލުންތެރިކަމުގެ މުހިންމުކަން ޒަމާނީ ދިރާސާތަކުން ދަނީ ފާހަގަކުރަމުންނެވެ. ޕެމެލާ ކިންގް އަދި ކްރިސް ބޮޔަޓްޒިސް (2015) ހަދާފައިވާ ދިރާސާތަކުން ހާމަވާގޮތުގައި، ދީނީ އަދި ރޫޙާނީ އަސާސްތަކުގެ ސަބަބުން، ފުރާވަރުގެ ކުދިންގެ އަމިއްލަ ޝަޚްޞިއްޔަތު ދެނެގަތުމަށާއި، ދުޅަހެޔޮކަމަށާއި، ކަންކަމާ ކުރިމަތިލުމުގެ ހިތްވަރަށާއި، އަދި އަޚްލާޤީ ތަރައްޤީއަށް ހެޔޮ އަސަރުތަކެއް ކުރެއެވެ. ޒުވާނުންނާ ގުޅުންހުރި ސީރިއަސް މައްސަލަތަކެއް މިއަދުގެ ގިނަ މުޖުތަމަޢުތަކަކަށް ވަނީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި މާޔޫސްވުމާއި، މަސްތުވާތަކެއްޗަށް ދެވިހިފުމާއި، އަނިޔާވެރިކަމާއި، އަމިއްލަ ޝަޚްޞިއްޔަތު އޮޅުމާއި، އަދި ދިރިއުޅުމުގެ މަޤްޞަދެއް ނެތުން ހިމެނެއެވެ. މިކަންކަމަށް އޮތް ޙައްލެއްގެ ގޮތުގައި ގިނަފަހަރަށް ފެންނަނީ ހަމައެކަނި އަދަބު ދިނުމާއި، ފާޑުކިޔުމާއި، ނުވަތަ މާ ބޮޑު ނަތީޖާއެއް ނެތް ވާހަކަތަކެއް ދެއްކުމެވެ. ނަމަވެސް، ނަބަވީ މަންހަޖުން ހުށަހަޅައިދެނީ މިއަށްވުރެ މާ ފުރިހަމަ އަދި މާ ޢަދުލުވެރި އޮނިގަނޑެކެވެ. އެއީ ޖަޒުބާތުތައް ދެނެގަތުމާއި ހުނަރުތައް ފާހަގަކުރުމާއި ލީޑަޝިޕް ތަރައްޤީކުރުމާއި މާނަހުރި ޒިންމާތައް ޙަވާލުކުރުމާއި އަދި ރޫޙާނީ އިރުޝާދު ދިނުމެވެ. މި މަންހަޖުގެ ޚާއްސަ އެއް ކަމަކީ، "އަދަބު ދިނުން" އެއީ ތަރުބިޔަތުގެ ފެށުން ކަމުގައި ނުބެއްލެވުމެވެ. ނަމަވެސް އެއީ ނަފްސާނީ ބިންގާ ވަރުގަދަކުރުމަށްފަހު، ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ނޫނީ ބޭނުން ނުކުރާ، ޢަދުލުވެރިކަމުގެ އެންމެ ފަހުގެ ފިޔަވަޅެވެ. އެހެންކަމުން، ތަރުބިޔަތު ކުރުމުގައި ނަބަވީ އުޞޫލުތަކަށް ރުޖޫޢަވުމަކީ ހަމައެކަނި ދީނީ ކަމެއްގެ ގޮތުގައި ދެކިގެން ފުދޭކަށް ނެތެވެ. މިއީ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށާއި، އަންނާން އޮތް ޖީލުތައް ސަލާމަތްކުރުމަށް ޓަކައި ދޫކޮށްލެވޭންނެތް ވާޖިބެކެވެ. އަދި މިއީ ރޫޙާނީ ބިންގާ ވަރުގަދަ، ނަފްސާނީ ގޮތުން ދުޅަހެޔޮ، އަދި އިޖުތިމާޢީ ޒިންމާ އުފުލާނެ ޒުވާނުންތަކެއް ބިނާކުރުމަށް ޓަކައި، މިހާރުން މިހާރަށް ކުރަންޖެހިފައިވާ މަސައްކަތެކެވެ. ރިފަރެންސް:އަޙްމަދު، 22211.އަބޫ ދާއޫދު، 3645. މުސްލިމް، 2477.އައްތިރުމިޛީ، 3791.މުސްލިމް، 2426.އަލް ބުޚާރީ، 1496.އަލް ބުޚާރީ، 4710.އައްތިރުމިޛީ، 2516.Benson, Peter L., Peter C. Scales, Stephen F. Hamilton, and Arturo Sesma Jr. “Positive Youth Development: Theory, Research, and Applications.” In Handbook of Child Psychology, 6th ed. Hoboken, NJ: Wiley, 2005.Gardner, Howard. Frames of Mind: The Theory of Multiple Intelligences. New York: Basic Books, 2011.King, Pamela Ebstyne, and Chris J. Boyatzis. “Religious and Spiritual Development.” In Handbook of Child Psychology and Developmental Science. Hoboken, NJ: Wiley, 2015.Larson, Reed W. “Toward a Psychology of Positive Youth Development.” American Psychologist 55, no. 1 (2000): 170–183.Siegel, Daniel J. The Developing Mind: Toward a Neurobiology of Interpersonal Experience. New York: Guilford Press, 1999.Yeager, David. 10 to 25: The Science of Motivating Young People. London: Cornerstone Press, 2024.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ