އައިޝާ ޑޮކިއުމެންޓަރީ ދައުރުކުރުން މަނާކޮށް، އެ ޑޮކިއުމަންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އެއްވެސް ތަނެއްގައި ނުދެއްކުމަށް އަންގައި ހުރިހައި ރައްޔިތުންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވެފައިވާ ކަމަށް ނިންމައި ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މުވައްޒަފަކު ވަޒީފާއިން ކަނޑާލައިފި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި އެ އަމުރު ރައްދުަވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށެވެ. އެއީ ހުރިހާ ރައްޔިތުންގެ މައްޗަށް ނެރުނު އަމުރެއް ކަމަށްވާއިރު އެސްޓީއޯގެ މުވައްޒަފު ވަޒީފާއިން ވަކިކުރީ އެ ކުންފުނިން ހިންގި އެތެރޭގެ ތަހުގީގަކަށް ފަހު އެވެ.
އެ މީހާ ވަޒީފާއިން ވަކިކޮށް އެސްޓީއޯއިން ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގައި އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ކްރިމިނަލް ކޯޓުގެ އަމުރާއި ހިލާފުވެ، އެ ކުންފުނީގެ މުވައްޒަފުން ގެންގުޅެން ޖެހޭ އާންމު ސުލޫކީ މިންގަނޑާ އޭނާ ހިލާފުވެފައިވާ ކަމަށެވެ.
ހަމައެހެންމެ، އޭނާ ލިޔުނު ޕޯސްޓުގައި ރައީސް މުހައްމަދު މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުއަށް "ނިސްބަތްކޮށް ފުރައްސާކުރާ ފަދަ އިބާރާތްތައް" ބޭނުންކޮށްފައިވާ ކަމަށް އެސްޓީއޯގެ ތަހުގީގުން ވަނީ ނިންމާފަ އެވެ.
އެ މީހާ ވަޒީފާއިން ވަކިކުރީ ވަކި ކޮން ޕޯސްޓެއް ކޮށްގެން ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ރާއްޖޭގެ ވަޒީފާގެ ގާނޫނުގައި ވާގޮތުން މުވައްޒަފުން ތަބާވާން ޖެހޭ މަސައްކަތުގެ އަހުލާގީ މިންގަނޑަށް ތަބާނުވާނަމަ ފިޔަވަޅު އެޅުމުގެ ބާރު ވަޒީފާ ދޭ ފަރާތްތަކަށް ލިބެ އެވެ. އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އޮންނަނީ ނަސޭހަތް ދިނުމެވެ. ވަޒީފާގައި އެއް އަހަރު ވެފައި ނުވާ މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ނަމަވެސް ދެ ހަފްތާގެ ނޯޓިސް ދޭން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބުނެ އެވެ.
ކްރިމިނަލް ކޯޓުގެ ގެގް އޯޑަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދެ ނޫސްވެރިޔެއްގެ މައްޗަށް ގަޒްފުގެ ދައުވާ އުފުލި މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާކަމެކެވެ.
އޭގެ އިތުރުން، އެ މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް އެއްވެސް ސިފައެއްގައި ފެތުރުމަކީ ކޯޓު އަމުރާ ހިލާފުވުން ކަމުގައި ވެސް އެ އަމުރުގައި ކަނޑައަޅައިފައި ވެ އެވެ. އަދި، "އައިޝާ" ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން މުޅިން މަނާކޮށްފަ އެވެ. މީގެ އިތުރުން އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް، އެއްވެސް ފަރާތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުމަކީ ވެސް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަ ބަންދުކުރުމުގެ އަމުރު ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ. ޝަރީއަތުގައި ހިމެނޭ ހަސްމުންގެ އިތުރުން މުޅި ރައްޔިތުންގެ މައްޗަށް މިފަދަ އަމުރެއް ހިންގުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ފުށުއަރާ ކަމެއްގެ ގޮތުގައި ގާނޫނީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވަ އެވެ.
"އައިޝާ" ޑޮކިއުމެންޓަރީގެ ވާހަކަ ދެއްކި އެސްޓީއޯގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ