ރީ-ރަޖިސްޓްރީވާން މާ ގިނަ ފޯމުލާތީ އިދިކޮޅުގެ ކަންބޮޑުވުން؛ އީސީން ބުނަނީ ސައްހަކަން ކަށަވަރުކުރާނެ ކަމަށް

މި މަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަަށް ގިނަ އަދަދެއްގެ ފޯމު ހުށަހަޅާފައިވާތީ، އޭގެ ތެރޭގައި އެކި ފަރާތްތަކުގެ ނަމުގައި ހުށަހަޅާފައިވާ ވަގު ފޯމު ހިމެނޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ވީ ކިހިނެއް؟- އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލީ މިދިޔަ ހުކުރު ދުވަހު އެވެ. ރީ-ރަޖިސްޓްރީވުމަށް ލިބޭ މުއްދަތު މިއަދު ހަވީރު 4އަށް ހަމަވާއިރު، އީސީން ބުނީ ރީ-ރަޖިސްޓަރީ ކުރަން މިހާތަނަށް 25،493 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން:
މިހާތަނަށް ރީ-ރަޖިސްޓްރީކޮށްދިނީ 10،271 މީހުން
އެކިއެކި ސަބަބުތަކާ ހުރެ 1،546 ފޯމު ބަލައިގެންފައެއް ނުވޭ
ބާކީ ފޯމުތަކުގެ މަައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ
ތަފްސީލް - ރީ-ރަޖިސްޓްރީ ކުރުމަށް އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ފޯމު ހުށަހަޅާފައިވާ ކަމަށް ބުނެ، އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ ފޯމުތަކުގެ ތެރޭގައި ބައެއް ފަރާތްތަކަށް އެނގުމެއް ނެތި އެ ފަރާތްތަކުގެ ނަމުގައި ފޯމު ހުށަހަޅައި ވޯޓުލާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު އެ ކޯލިޝަނަށް ލިބިފައިވާ ކަމަށެވެ.
"އެހެންކަމުން، ހުށަހެޅޭ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ހަރުދަނާ ނިޒާމެއްގެ ތެރެއިން އެކަން ކަށަވަރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، އެ ކޯލިޝަނުން ވަނީ، ޝަކުވާއަށް ހުޅުވާލާ މުއްދަތުގައި ކޮންމެ މީހަކު ވެސް އެ މީހަކު ރަޖިސްޓްރީވެފައި ވަނީ ރަނގަޅު ފޮއްޓަށްކަން ޔަގީން ކުރުމަށް އިލްތިމާސްކޮށްފަ އެވެ. 
ބުނީ ކީކޭ؟ - އިދިކޮޅު ކޯލިޝަނުން ރީ-ރަޖިސްޓްރީވުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރިއިރު، އެ ކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މާލޭގެ މޭޔަރު މުއިއްޒު ވެސް ވަނީ މިއަދު އެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން، ކެމްޕޭނަށް ހދ. ކުމުންދޫއަަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި އޭނާ ވަނީ، ރީ-ރަޖިސްޓްރީ ކުރުމުގައި އޮޅުވާލުންތަކެއް އުޅޭ ކަމަށާއި އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވަން އުޅޭކަމުގެ ތުހުމަތު ކުރައްވާފަ އެވެ.
އީސީގެ ބަސް - ރީ- ރަޖިސްޓްރޭޝަންއާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާ ފޯމުގެ ސައްހަކަން އެ ކޮމިޝަނުން ކަށަވަރު ކުރާނެ ކަމަށެވެ. އެގޮތުން، އެ ކޮމިޝަނުން ބުނެފައި ވަނީ:
ކޮމިޝަންގެ ފޯނު ނަންބަރަކުން، ފޯމު ހުށަހަޅާ ފަރާތްތަކަށް ގުޅާނެ 
އީސީގެ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު ވެސް، އެ ފޯމު ހުށަހަޅާ ފަރާތް ކަށަވަރުކުރުމަށް ލައިވް ފޯޓޯއެއް ވެސް ނަގަން ޖެހޭނެ
އެ ކޮމިޝަނުން ބުނި ގޮތުގައި، ސައްހަ ނޫން ފޯމެއް ހުށަހަޅައިފި ނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު ވެސް އަޅާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ