އިންޑިއާ ސިފައިން ނުފައިބާނެ, ޖެހޭނީ އެ މީހުންގެ އަތުގައި ހިފައިގެން ބޯޓަށް އަރުވަން: އުމަރު

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށާއި އެ މީހުން މި ގައުމުން ބާލަން ޖެހޭނީ އަތުގައި ހިފައިގެން ގޮސް ބޯޓަށް އަރުވައި ފޮނުވާލައިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަމިއްލަ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންގެ މެދުގައި މިރޭ ސަންގު ޓީވީން ބޭއްވި ބަހުސްގައި ވާހަކަ ދައްކަމުން އުމަރު ވިދާޅުވީ, ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށް 2019 ވަނަ އަހަރު ދިވެހީންގެ ސަމާލުކަމަށް ގެނައި ކަމަށާއި ނަމަވެސް އޭރު ގިނަ މީހުން އެކަން ނެގީ ސަމާސާއެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް މިއަދު ސަރުކާރު ފިޔަވައި ހުރިހާ ލީޑަރުން ވެސް އެކަން ގަބޫލު ކުރާ ކަމަށް އުމަރު ވިދާޅުވިއެވެ. "އިންޑިއާ ސިފައިން ނުބޭލޭނެ އިންޑިއާ ފަސްޓް ޕޮލިސީއަކަށް، އިންޑިއާ ސިފައިން ބޭލޭނީ ހަމަ އަތުގައި ހިފައިގެން ގޮސް މަތިންދާ ބޯޓަށް އަރުވަން ޖެހޭނީ. އެ ނޫން އެހެން އެއްވެސް ގޮތެއް ނޯންނާނެ. ސްޓްރޯންގް ލީޑަރެއް ބޭނުންވަނީ މިކަން ކުރަން," އުމަރު ވިދާޅުވިއެވެ. އުމަރު ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ 200އެއްހާ ސިފައިން އެބަތިއްބެވެ. އަދި އެއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މިނިވަން ކަމަށް އެޅުނު އެންމެ ބޮޑު ހިޔަނި ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. "މިއީ ދިވެހިރާއްޖެއަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. މިކަން ޖެހޭނެ ހަމަޖައްސަން," އުމަރު ވިދާޅުވިއެވެ. ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްއަށް އުމަރު ވަޑައިގަތުން --- ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރެއް ދުއްވުމަށް ރާއްޖެ އައި އިންޑިއާ ސިފައިން ބޭލުމަށް ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަސައްކަތްތަކެއް ކުރި ކަން އުމަރު ފާހަގަކުރެއްވިއެވެ. "ރައީސް ޔާމީން އެންގެވި ހެލިކޮޕްޓަރުތަކާ އެއްޗެއްހި ހިފައިގެން ދާން. އެކަމު އެމީހުން ނުދިޔަ. ނުދިޔައީމަ ވިސާ ކެންސަލް ކުރީ އައިސްތިބި އެންމެންގެ. ދެންވެސް ނުދިޔަ. ހެލިކޮޕްޓަރު ބާއްވާފައި އޮތް ތަނުން ކަރަންޓް ވެސް ކަނޑާލި ދެންވެސް ނުދިޔަ," އުމަރު ވިދާޅުވިއެވެ. އެހެންކަމުން އޭރު އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ އިންތިޚާބުކޮށްފައިވާ ރައީސްގެ އެންގެވުމާ ޚިލާފަށް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. "މިސަރުކާރުން އައިސް އަލުން އެ މީހުންގެ މުއްދަތުތަކާ އެއްޗެހި އިތުރުކޮށްދީ ހެދީ. އޭގެ ބަދަލެއްގެ ގޮތުން އަޅުގަނޑުމެންގެ މިނިވަކަން ވިއްކާލުމުގެ ބަދަލެއްގެ ގޮތުން ކެމްޕޭން ފައިސާ އާއި ހުރިހާއެއްޗެއް އެދަނީ އަޅަމުން. މަގުމަތި ބައްލަވާލައްވާ ދަމާލާފަ ހުރި ފޮތިތަކާ އެއްޗެހި. ވަރަށް ނުރައްކާތެރި ކަމެއް," އުމަރު ވިދާޅުވިއެވެ. އުމަރު ކުރެއްވި ބޮޑެތި ތުހުމަތުތައް މުޅިން ދޮގު ނުކުރެއްވި ނަމަވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން މިލްޓްރީ މަސައްކަތެއް ކުރުމަށް މި ރާއްޖޭގައި ނެތް ކަމަށެވެ. "ބައެއް ފަހަރު އެކްސަސައިޒް ތަކާއި ޓްރެއިނިން ހެދުމަށްޓަކައި އިންޑިއާއެއް ނޫން އިނގިރޭސި ސިފައިން ވެސް މިތަނަށް އާދޭ. ޗައިނާ ސިފައިން ވެސް އާދޭ," ރައީސް ޞާލިޙް ވިދާޅުވިއެވެ. ސަންގު ޓީވީން މިރޭ ގެނެސްދިން ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގެ ތެރެއިން --- ބަހުސްގައި ވާހަކަ ދައްކަވަމުން އުމަރު ވަނީ މި ސަރުކާރަށާއި މީގެ ކުރީގެ ސަރުކާރުތަކަށް ވެސް ފާޑު ވިދާޅުވެފައެވެ. އަދި ވިދާޅުވީ, ބޮޑެތި ޕާޓީތަކަށް މި ރާއްޖޭގެ ވެރިކަން ކުރަން ފުރުސަތު ދެެވިއްޖެ ކަމަށާއި ނަމަވެސް ކަންކަން އިސްލާހު ނުކުރެވި ގޯހުން ގޯހަށް ދާ ކަމަށެވެ. "އެހެންވީމަ އަޅުގަނޑުމެން އެބަ ޖެހޭ އިންޑިއާ ފަސްޓް ޕޮލިސީ ދޫކޮށްލަން. މިހާ ހިސާބަށް އަޅުގަނޑުމެން ގެންގުޅުނު އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން ދިވެހީންނަށް ލިބުނީ ކުރިއެރުމެއް ނޫން. ދިވެހީންނަށް އެހެން ގައުމުތަކާ ޖެހުނީ އަޅުގަނޑުމެންނާ. އެހެންވީމަ އަޅުގަނޑުމެންގެ ސިޔާސަތަކީ އިންޑިއާ ފަސްޓް ޕޮލިސީއެއް ވެސް ނޫން. ޗައިނާ ފަސްޓެއް ވެސް ނޫން," އުމަރު ވިދާޅުވިއެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ކޮންޓްރޯލް އެއްކޮށް ގެއްލިފައިވާ ކަމަށް ތުހުމަތު ކުރައްވާ އުމަރު ވިދާޅުވީ, ވަކި ގައުމަކަށް ބަރޯސާ ވުމުގެ ބަދަލުގައި މޯލްޑިވްސް ފަސްޓް ޕޮލިސީއެއް ގެންގުޅެން ޖެހޭ ކަމަށެވެ. އުމަރުގެ ވެރިކަމެއްގައި އިންޑިއާ އާއި ޗައިނާއާ ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވެ އެކަމުގެ ސަބަބު ވެސް ދެއްކެވިއެވެ. "މި ދެ ގައުމަކީ ވެސް އިގްތިސާދީ ގޮތުން ވަރަށް ބޮޑު ދެ އިގްތިސާދު. އެ ދެ ގައުމާ އިގްތިސާދީ ގޮތުން ގުޅުމަށް ބޭނުންވާ ހުރިހާ ލިންކްތަކެއް އަޅުގަނޑުމެން އަޅާފައި ބާއްވާނަން. އެކަމު އެއްވެސް ގައުމެއްގެ އުނގަށް އަޅުގަނޑުމެން އަރައިފިއްޔާ ޗައިނާ އުނގަށް އެރިކަމުގައި ވިޔަސް އިންޑިއާގެ އުނގަށް އެރި ކަމުގައި ވިޔަސް މިގައުމުގެ މިނިވަންކަން ވެސް ފުނޑުފުނޑު ވެގެން ދާނެ. އަދި މި ގައުމުގެ އިގްތިސާދު ވެސް ފުނޑުފުނޑު ވެގެން ދާނެ," އުމަރު ވިދާޅުވިއެވެ. ވޭތުވެ ދިޔަ ސަރުކާރުތަކުން އިންޑިއާ އާއި ޗައިނާގެ 'އުނގު' ތެރޭގައި އޮތް ކަމަށް ތުހުމަތުކޮށް އުމަރު ވަނީ އެކަމުގެ ސަބަބުން ދިވެހީންނަށް ލިބުނު ފައިދާއަށްވުރެ ބޮޑަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. "އަޅުގަނޑުމެން އަޅުގަނޑުމެންގެ ނަގިއްޔެއް ތަނަކަށް ލާކަމުގައި ވަނީ ނަމަ ލާން ވާނީ މެދުއިރު މައްޗަށް އަޅުގަނޑުމެން ލާންވާނީ. އެމީހުންގެ ނޯއްނާނެ މާ ބޮޑު ޕޮލިޓިކަލް އިންފުލުއެންސެއް," އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ