ދައުލަތަށް ފައިސާ ދައްކަން އެންގުމުގެ ބާރު ފިނޭންސް މިނިސްޓްރީއަށް ލިބިގެން ނުވޭ: އަސްލަމް

ދައުލަތަށް ފައިސާ ދައްކަން އެއްވެސް މީހަކަށް އެންގުމުގެ ބާރު ފިނޭންސް މިނިސްޓްރީއަށް ލިބިގެންނުވާ ކަމަށް އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް މިއަދު ސަން އަށް ވިދާޅުވީ ދައުލަތަށް ފައިސާ ދައްކަން އެންގުމުގެ ބާރު ލިބިފައިވާ މުއައްސަސާތަކެއް އެބަހުރި ކަމަށާއި އެފަދަ އެންގުންތައް އަންގަންޖެހޭނީ އެ މުއައްސަސާތަކުން ކަމަށެވެ. "މިކަހަލަ ކަންކަމާ ބެހޭގޮތުން ސަރުކާރުގައި ހެދިފައި ހުރި މުއައްސަސާތަކެއް އެބަހުރި ދެއްތޯ. އެތަންތަނުން އެކަންކަމާ ބެހޭ ކަންކަން މީހުންނަށް އަންގައި ހުކުމް ކުރާނީ. އޭގެތެރޭގައި ހިމެނޭ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭގެތެރޭގައި ހުރޭ ކޯޓުތައް ވެސް. އެހެން ގޮސް ހުރޭ ތަންތަން. އެތަންތަނަށް އެންގޭނީ،" އަސްލަމް ވިދާޅުވިއެވެ. ހައުސިން މިނިސްޓަރު ކަމުގައި އަސްލަމް ހުންނެވިއިރު މޮބައިލް ފޯނު ބިލު އަދާކުރެއްވުމަށް ޚަރަދުކުރެއްވި 312،928 ރުފިޔާ ހަތް ދުވަހުގެ ތެރޭގައި ދެއްކެވުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންގާފައެވެ. އެ މައްސަލަ ފާހަގަކޮށްފައި ވަނީ ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެވެ. ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދަށް ރިއާޔަތްކުރާއިރު އެ ފައިސާ އަކީ އަސްލަމް ޒިންމާވާންޖެހޭ ފައިސާއެއް ކަމަށެވެ. ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކަވައިފިނަމަ އެޓާނީ ޖެނެރަލް މެދުވެރިކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަސްލަމް ވިދާޅުވީ ފައިސާ ދައްކަން އޭނާ އަށް ފިނޭންސް މިނިސްޓްރީން އެންގީ ސަރުކާރުގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭގޮތުން އަލްޖަޒީރާ އިން ރިޕޯޓެއް ނެރޭތީ ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް ބަދަލުކޮށްލަން ކަމަށެވެ. "އަޅުގަނޑު ގަބޫލުކުރަނީ ވަރަށް ސިޔާސީ ކަމެއް ކަމަށް. އަލްޖަޒީރާއިން ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކައާ ބެހޭގޮތުން ޑޮކިއުމެންޓްރީއެއް ނެރޭތީ ނޫނީ އެކަމާ ބެހޭ ތަހުގީގީ ރިޕޯޓެއް ނެރޭތީ އޭތި ރައްޔިތުންގެ ސިކުނޑިން އެއްކައިރިކޮށްލާފަ އެހެން ދިމާލަކަށް އެޓެންޝަން ޑައިވާޓް ކުރަން ސަރުކާރުން ކުރާ ކަމެއް،" އަސްލަމް ވިދާޅުވިއެވެ. އަސްލަމް ދެއްކެވި އެ ވާހަކަތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ