ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް

ހުޅުމާލޭގެ ގުދަނެއްގައި ރޭ އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ހުޅުމާލެ ޗަނބޭލީ5 ގޯޅިތެރޭގައި ހުރި ލޮޓް ނަމްބަރު 11154 ގޭގައި ހުރި ގުދަނެއްގައި ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ރޭ 03:30 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި މިގޮތުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 03:40 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަލިފާން ރޯވީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައި ކަމަށާއި އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިން އަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީގެއިތުރުން އިމާރާތުގައި ކަރަންޓު ނެތުމުގެ ސަބަބުން އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ