"ސިޔާސީ ކާޓޫނު" ނަގަން އެންގުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުން: އިންތި "ސިޔާސީ ކާޓޫނު" ނަގަން އެންގުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުން: އިންތި

އަދަދު ނޫހުން ޝާއިއުކުރި ސިޔާސީ ކާޓޫނެއް ނަގަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގި އެންގުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެ ކޮމިޝަނަށް ފާޑުވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ، ދިވެހި މުޖުތަމައުގައި ވައްކަމާއި ރިޝްވަތު ދިނުން އިތުރުވަމުންދާ މިންވަރު ދައްކުވައިދިނުމަށް "އަދަދު" ނޫހުން ކުރަހާފައިވާ ކާޓޫނެއް ނެގުމަށް ކޮމިޝަނުން އިންޒާރު ދިނުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންތި ސުވާލު ކުރެއްވީ، ވައްކަން ކުރުން އާންމުވެފައިވާ މިންވަރު ބުނެދޭ ކާޓޫނެއް ޝާއިއުކުރުމުން އެ ނަގަން އެންގޭނެ އެއްވެސް ގާނޫނީ ހަމައެއް އޮވެދާނެތޯއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގެ ދަށުން އުފެއްދި "ކޮންޓްރޯލް ކޮމިޝަނުން" ނޫސްވެރިކަމަށް އަރައިގަތުމެކެވެ.
މި މައްސަލަ ބަލަމުންދާކަން ކޮމިޝަނުން އަންގާފައިވަނީ އިއްޔެގެ އޮފީސް ގަޑި ނިމުނު ފަހުން، 17:30 ހާއިރުއެވެ. ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަމްދީ އަގީލް ސޮއިކުރައްވައި ފޮނުއްވި ސިޓީގައި، މައްސަލަ ބަލައި ނިމެންދެން އެ ކާޓޫނު ހިމެނޭ ޕޯސްޓު ނަގައި، އެ ސެގުމެންޓުގެ ހިދުމަތް ވަގުތުން މެދުކަނޑާލުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ފަސް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށްވެސް ވަނީ އަންގާފައެވެ.
މި އެންގުމާ ގުޅިގެން "އަދަދު" ނޫހުން ވަނީ ކޮމިޝަނަށް ޖަވާބުދާރީވެފައެވެ. އެ ނޫހުން އެދިފައިވަނީ، އެ ކާޓޫނަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްޗެއް ކަމަށް 'ތުހުމަތު ކުރެވި' އެގޮތަށް ނިންމި ގާނޫނީ ސަބަބުތައް ސާފުކޮށްދިނުމަށެވެ. އަދި ކޮންޓެންޓު ނެގުމާ މެދު ގޮތެއް ނިންމާނީ އެ ސަބަބުތައް ސާފުވުމުން ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ. މިއީ އައު ގާނޫނުގެ ދަށުން ނޫހެއްގެ ކޮންޓެންޓެއް ނަގަން ކޮމިޝަނުން އެންގި ފުރަތަމަ ފަހަރެވެ.
'އަދަދު' ނޫހުގެ ފޭސްބުކް ޕޭޖާއި އެކްސް އެކައުންޓުގައި ޝާއިޢުކުރި 'ސިޔާސީ ކާޓޫނު' ނެގުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި އަމުރު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ