މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި 'ސިޓިޒަންސް ކޮމްޕްލައިންޓްސް ބިއުރޯ' މިއަދު އުފައްދަވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނީ ސިޓިޒަންސް ކޮމްޕްލައިންޓްސް ބިޔުރޯއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ހިދުމަތް ދިނުމަށް ރައީސް އޮފީހުގައި ގާއިމުކުރި އޮފީހެއް ކަމަށެވެ.
ތަފްސީލް - މިއަދު އުފެއްދި ބިއުރޯގެ މަސައްކަތްތައް އަމަލީ ގޮތުން ފަށާނީ މި އަހަރުގެ މެދުތެރޭގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ބިއުރޯގެ މަސައްކަތްތައް ފެށުމަށް ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތަކާއި ބިއުރޯއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ:
ސިޓީ، އީމެއިލް، ރައްޔިތުންގެ އަޑު، ޖެމްސް މެސެޖިން އަދި ފޯނާއި ސޯޝަލް މީޑިއާ ފަދަ ޕްލެޓުފޯމުތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކުރުން
އެ ޝަކުވާތަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދާ، އެ ޝަކުވާތަކަށް ޖަވާބު ދިނުން
މި ބިއުރޯގެ ބައެއްގެ ގޮތުގައި 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެނގުން މުހިއްމު - ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށަހެޅޭ ޝަކުވާތައް މެނޭޖުކޮށް އެ ޝަކުވާތަކަށް ޖަވާބު ދިނުމަށް ސަރުކާރުގެ ވަކިވަކި އިދާރާތަކުގައި ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ޑިޖިޓަލް ސިސްޓަމް ބޭނުންކުރާ ގޮތަށް ހަމަޖައްސާ، ސަރުކާރުގެ ހުރިހާ އިދާރާތަކަށް ހުށަހެޅޭ ހުރިހާ ޝަކުވާތަކެއް އެއްތަނަކުން މެނޭޖުކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށެވެ.
"މި މަރުކަޒުގައި ކޮމްޕްލެއިންޓްސް މެނޭޖުކުރާނެ އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭޓް އޮފް ދި އާޓް އޮޓޮމޭޓެޑް ޑިޖިޓަލް ސިސްޓަމެއް ގާއިމްކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
"އެކިއެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ސަރުކާރަށް ހުށަހެޅޭ ހުރިހާ ޝަކުވާތައް މި ސިސްޓަމްގެ ތެރެއިން ރެކޯޑުކޮށް، ކޮންމެ ޝަކުވާއަކަށް ވަކިވަކިން ޓިކެޓު ރެއިޒްކޮށް، ކޮންމެ ޝަކުވާއަކަށް ޖަވާބު ދެވެންދެން މައްސަލަ ކުރިއަށްދާ ގޮތް ސިސްޓަމުގެ ތެރެއިން ޓްރެކް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ،"
މީގެ އިތުރުން، ވަކިވަކި އިދާރާތަކަށް ހުށަހެޅޭ ޝަކުވާތަކާ މެދު އެ ތަންތަނުން އަމަލުކޮށް، ޖަވާބުދޭ ގޮތް މޮނިޓާކޮށް، އެ ތަންތަން ޒިންމާދާރުކުރުވާ ތަނެއްގެ ގޮތުގައި ވެސް އެ ބިއުރޯ އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެތަނަށް މުވައްޒަފުން ހޯދާނީ، ރައީސް ވިދާޅުވި ގޮތުގައި، ރައީސް އޮފީހާއި ސަރުކާރުގެ އެކި ވުޒާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް އެކަށީގެންވާ މުވައްޒަފުން ބަދަލުކޮށް، ކަމާ ގުޅޭ ތަމްރީނު ދީގެން ކަމަށެވެ.
"މި އިދާރާ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 5 މަހުގެ ތެރޭގައި ގާއިމުކޮށް ރައްޔިތުންނަށް ހިދުމަތް ދޭން ފަށާނަން،" ރައީސް ވިދާޅުވި އެވެ.
އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާ ހުށަހަޅަން ހާއްސަ އޮފީހެއް އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ