ރަނގަޅު ގޮތް އެދޭ ނަމަ ކުރަންވީ ކަމަކީ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބު ކުރުން: ގާސިމް
ރަނގަޅު ގޮތް އެދޭ ނަމަ ކުރަންވީ ކަމަކީ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބު ކުރުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ. ޖޭޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ގާސިމު އިބްރާހީމު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ތާއީދުކުރަން ނިންމީ ގައުމުގެ ހަމަޖެހުން ގެއްލި ލޮޅުމެއް އަރާފަދަ ކަމެއް ކުރަން ބޭނުން ނުވާތީ ކަމަށެވެ. އެގޮތުން ގައުމުގެ ދަރަނިތައް ދެއްކޭނެ މަގުތައް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފަހިކޮށްދެވޭނީ ރައްޔިތުންގެ އެއްބާރުލުން އޮތްކަން ފުރިހަމައަށް އެމަނިކުފާނަށް ދައްކުވައިދީގެން ކަމަށްވެސް ވިދާޅުވި އެވެ.ގާސިމު ވިދާޅުވީ ގައުމަށްޓަކައި ޕީއެންސީއަށް ވޯޓު ދޭންޖެހޭ ކަމަށާއި އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ބޭކާރު ކަމެއް ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި، ކައުންސިލްތައް ޕީއެންސީ އަށް ނޫން ބަޔަކަށް ދީގެން ކުރިއަށް އޮތް ތިން އަހަރު ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ އެވެ. ދައުލަތުން ބަޖެޓު ދިނިއްޔާ ނޫނީ ކައުންސިލްތަކަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި ބަޖެޓު ނުދިނަސް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންވީމަ، ރަށަށް ރަނގަޅު ގޮތް އެދޭ ނަމަ ކުރަންވީ ކަމަކީ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބު ކުރުން ކަން ގާސިމް ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.އެ ޕާޓީން ވަނީ އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި އދ. މާމިގިލި އަދި ފެންފުށީ ކައުންސިލް ފިޔަވައި، އެހެން ރަށްރަށަށް ކެންޑިޑޭޓުން ނުނެރެން ކަނޑައަޅައި، ޕީއެންސީއަށް ތާއިދު ކުރަން ނިންމައިފަ އެވެ.ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީލް 4 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ