''މިއީ އަދި ނިމުމެއް ނޫން، މިއީ ފެށުމެއް''

ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުން ރާއްޖެއަށް ނިމުނަސް އެއީ އަދި ނިމުމެއްނޫން ކަމަށާއި މިއީ އުންމީދީ ފެށުމެއް ކަމަށް ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން ބުނެފިއެވެ. މިއަދު ހަވީރު ނޭޕާލް އަތުން އެއްވަރުވުމާއެކު ރާއްޖެއަށް ވަނީ މުބާރާތް ނިމިފައެވެ. މިއަދު ހަވީރު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ޒުވާން ޓީމަށް ވަނީ މުބާރާތް ނިމިފައެވެ. ރާއްޖެއިން މުބާާރާތް ނިންމާލީ ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު އެވެ. މެޗަށް ފަހު ދައުލަތުގެ މީޑިއާއާ ވާހަކަދައްކަމުން އިލާން ވަނީ ޓީމުގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތަށާއި ސަޕޯޓަރުން ދިން ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އޭނާ ބުނީ މުބާރާތަށް ތައްޔާރުވުމަށް ލިބުނު ކުރު މުއްދަތުގައި ވެސް ރާއްޖެއިން ނުކުތީ ރަނގަޅު ތަމްރީނުތަކަކާ އެކު ކަމަށެވެ. މުބާރާތުން ވަކިވާން ޖެހުމުގެ މާޔޫސްކަން އޮތް ނަމަވެސް، އިލާން ބުނި ގޮތުގައި މިއީ ކުރިއަށް އޮތް ތަނަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. "މިއީ ހަމަ މަޑުމަޑުން ސްޓެޕް ބައި ސްޓެޕް ޕްރޮސެސްއެއް، އެއް ދުވަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބެއް ނުވާނެ" އިލާން ބުންޏެވެ. އިލާން ބުނީ މިއީ ފެށުމެއް ކަމަށާއި އަންނަ އަހަރުވެސް، މިއަހަރުވެސް އޮންނަ މުބާރާތްތަކުގައި އިތުރަށް މަސައްކަތްކޮށް ވާދަކުރާނެ ކަމަށް އިލާން ބުންޏެވެ. ތިން މެޗުގައި ވެސް ސަޕޯޓަރުންގެ ފަރާތުން ފެނުނު ފޯރިއަށް އިޝާރާތްކޮށް އޭނާ ބުނީ، ދަނޑު ފުރާލައިގެން ސަޕޯޓަރުން ދިން ހިތްވަރަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ