އެމެރިކާއިން އީރާނުގައި އެއްގަމު މަގުން އޮޕަރޭޝަންތަކެއް ހިންގަން ތައްޔާރުވަނީ

އީރާނުގެ ބައެއް މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށް، އެމެރިކާ ސިފައިން އެއްގަމު މަގުން ހިންގާނެ ވަކި ހާއްސަ އޮޕަރޭޝަންތަކަކަށް އެ ގައުމުގެ އަސްކަރީ މަރުކަޒު، ޕެންޓަގަންއިން ތައްޔާރުވަމުންދާ ކަމަށް ވޮޝިންޓަން ޕޯސްޓް ނޫހުން މިއަދު ބުނެފި އެވެ.
މީގެ ތެރޭގައި ހާޖް އައިލެންޑާއި ހޮރްމޫޒް ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތަކަށް އަރައި ހިންގާނެ އަސްކަރީ ހަރަކާތްތައް ހިމެނެ އެވެ.
ކަމާ ބެހޭ އޮފިޝަލުންނާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ، މި އޮޕަރޭޝަންތަކުގައި ހާއްސަ ފައުޖުތަކާއި އިންފެންޓްރީ ބޭނުންކުރަން ރާވާފައިވީ ނަމަވެސް، މިއީ މުޅި އީރާނަށް އަރައިގަތުން ހިމެނޭ ހަނގުރާމައެއް ނޫން ކަމަށެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ވިދާޅުވީ، މިފަދަ ތައްޔާރީތަކަކީ އަދި ފަހުގެ ނިންމުމެއް ނޫން ކަމަށާއި އެކި ހާލަތްތަކަށް ތައްޔާރުވެ އޮތުމަކީ ޕެންޓަގަންގެ ޒިންމާއެއް ކަމަށެވެ. އަދި ރައީސް އަދި ވަކި ގޮތަކަށް ނުނިންމަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހަނގުރާމައަށް ފަސް ހަފުތާ ވެފައިވާއިރު، އެމެރިކާއިން ވަނީ އެ ސަރަހައްދަށް އިތުރު 3,500 ސިފައިންނާއި މެރިން ޔުނިޓްތައް ފޮނުވާފަ އެވެ.
މިކަމާ ގުޅިގެން އީރާނުން ވަނީ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފަ އެވެ. އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، އީރާނުގެ ފައުޖުތައް އޮތީ ތައްޔާރަށް ކަމަށާއި މިސައިލްތައް ހުރީ އަމާޒަށް ފޮނުވާލަން ތައްޔާރުކޮށްފައިވާ ކަމަށެވެ.
މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި ސަރަހައްދީ ފެންވަރުގައި ޑިޕްލޮމެޓިކް މަޝްވަރާތައް ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ