ރާއްޖެއަށް ބޭނުންވާ ބޭހާއި އަސާސީ މުދަލުގެ ބާވަތްތައް އިތުރު މާކެޓުތަކުން ގެނައުމަށްޓަކައި ސަރުކާރުން އެކި ގައުމުތަކާ މަޝްވަރާކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މުދާ ގެންނަ މާކެޓުތަކުގެ އިތުރަށް ރާއްޖެއަށް އެންމެ ގިނައިން އަސާސީ ބާވަތްތައް އެތެރެކުރާ ގައުމުތައް ބަލައި، މި ބާވަތްތައް އެހެން މާކެޓުތަކުން އެތެރެކުރެވޭނެ ގޮތްތައް ސަރުކާރުން ބަލަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން މިހާރު މުދާ އެތެރެކުރާ ގައުމުތަކުން، އިތުރު ބާވަތްތައް އެތެރެކުރެވޭނެ މަގުފަހިކުރެވޭތޯ ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އޭގެ ތެރޭގައި މިހާރު ވެސް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާ އާއި ޗައިނާގެ އިތުރުން މެލޭޝިއާ، ތައިލެންޑް، ވިއެޓްނާމް އަދި އިންޑޮނީޝިއާ ފަދަ ގައުމުތައް ހިމެނެ އެވެ.
"އޭގެ ތެރޭގައި މިވަގުތު ވިޔަފާރީގެ ގުޅުން ބަދަހިކުރެވިފައި މާ ބޮޑަށް ނެތް ބައެއް މާކެޓުތަކާ އެއްކޮށް މިދަނީ މިހާރުން މިހާރަށް ވެސް ސަރުކާރުން އެ ފަރާތްތަކާ ވާހަކަދައްކައިގެން މި ގުޅުން ގާއިމްކުރުމުގެ މަސައްކަތްތައް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ތަފްސީލު - ސައީދު ވިދާޅުވީ މި މަސައްކަތުގެ ސަބަބުން މީގެ ކުރިން ގާއިމްވެފައި ނެތް ވިޔަފާރީގެ އިތުރު ގުޅުންތައް ގާއިމްވެގެން އަންނާނެ ކަމަށެވެ.
މިސާލަކަށް އިންޑޮނީޝިއާއަކީ ވަރަށް ބޮޑަށް ޓޫރިޒަމް ދާއިރާއަށާއި ރިސޯޓާއި ގެސްޓްހައުސް ފަދަ ތަންތަން ހަދަން ބޭނުންވާ މުދަލާއި ފަރުނީޗަރާއި ފިޓިންސްގެ ފަދަ ތަކެތި އެތެރެކުރާ ގައުމަކަށް ވިޔަސް، އެ ނޫނަސް އިތުރު ބާވަތްތަކުގެ މުދާ ގެނެވިދާނެ ގައުމެކެވެ.
ސައީދު ވިދާޅުވީ އެފަދަ ގައުމުތަކުން އަސާސީ މުދާ ބޭނުންވެއްޖެ ހާލަތެއްގައި އެ މުދާ ލިބޭނެ އިންތިޒާމު ހަމަޖައްސައި، ކަނޑާއި ވައިގެ މަގުން މުދާ ގެނެވޭނެ އިންތިޒާމު ހަމަޖައްސަން އެ ގައުމުތަކުގެ ސަރުކާރާ އަންނަނީ މަޝްވަރާކުރަމުންނެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން މުދާ އުފުލޭނެ މުޅިން އާ މަގުތަކެއް އެ މާކެޓުތަކުން އުފެދިގެން އަންނާނެ ކަމަށެވެ.
ތައިލެންޑާ އެކު 2016ގައި ވެފައިވާ އިކޮނޮމިކް ކޯޕަރޭޝަން އެގްރިމަންޓަށް އިޝާރާތްކޮށް ސައީދު ވިދާޅުވީ އެ އެއްބަސްވުމާ އެކު ކުރިއަށްގޮސްފައި އޮތީ އާންމުކޮށް ރާއްޖެއަށް ތައިލެންޑުން އެތެރެކުރާ މުދާ ފިޔަވައި އެހެން ބާވަތްތަކަށް ސްކޯޕް ބަދަލުނުވެ ކަމަށެވެ.
ސައީދު ވިދާޅުވީ ތައިލެންޑުގެ އިތުރުން އަސާސީ މުދާ އެތެރެކުރުމުގައި މެލޭޝިއާއާ އެކު ވެސް އިތުރަށް ކުރެވޭނެ މަސައްކަތްތައް އެބަހުރި ކަމަށެވެ.
މި ސަރުކާރުން ވަނީ އަސާސީ މުދަލުގެ ގޮތުގައި ހިމެނޭ ބާވަތްތައް އިތުރުކޮށް، 26 ބާވަތް ހިމެނޭ ލިސްޓެއް އެކުލަވާލާފަ އެވެ.
"އެ މުދާ އިތުރު މާކެޓުތަކުން ބޭނުންވެއްޖެ ހާލަތެއްގައި ގެނައުމަށްޓަކައި، މިސާލަކަށް ލެޓާ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްގެން ވީހާ އަވަހަށް ފެށުން ކަހަލަ ކަންތައްތައް ނުވަތަ އެ ގެނެވޭނެ އެއާ ލިންކު މިވަގުތު ނެތް ކަމަށްވާ ނަމަ، ޓްރާންސްޕޯޓް މިނިސްޓްރީއާ ވާހަކަދައްކައިގެން ވީހާ އަވަހަަށް އެއާ ލިންކޭޖް ގާއިމްކޮށްގެން މިކަން ކުރެވޭނެ ގޮތެއް އޮތްތޯ ވެސް އެބަ މަސައްކަތް ކުރަން،" ސައީދު ވިދާޅުވި އެވެ.
"ނެތް ކަމަށްވާ ނަމަ އެންމެ ކަނެކްޓިވިޓީ ފަސޭހަ ރޫޓުތަކުން މި މުދާ ގެނެވޭނެ ގޮތްތައް ވެސް އެބަ ބަލަން."
އޭގެ ބޭނުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ގައުމުގެ ޑިމާންޑަށާއި އެ މުދަލަކަށް ރާއްޖޭގައި އޮތް ޑިމާންޑަށް ބަލައި، އަބަދު ވެސް ސްޓޮކް ދެމެހެއްޓުމެވެ.
އަސާސީ މުދާ އިތުރު މާކެޓުތަކުން ގެނެވޭތޯ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ