ހަނގުރާމައިގެ ސަބަބުން ފާއިތުވި މަސްދުވަހުގެ ތެރޭގައި 498 ފްލައިޓު ކެންސަލްވި ކަމަށް ތޯރިގު ވިދާޅުވެއްޖެ ހަނގުރާމައިގެ ސަބަބުން ފާއިތުވި މަސްދުވަހުގެ ތެރޭގައި 498 ފްލައިޓު ކެންސަލްވި ކަމަށް ތޯރިގު ވިދާޅުވެއްޖެ

އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ފާއިތުވި މަސްދުވަހުގެ ތެރޭގައި 496 ފްލައިޓު ކެންސަލްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު، ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އިރާން ހަނގުރާމައާ ގުޅިގެން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު، ރާއްޖެއަށް ޒިޔާރަތްކުރި ޖުމުލަ ފަތުރުވެރިންގެ އަދަދު އިތުރު ކަމަށެވެ.
އެހެންނަމަވެސް، މި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އެވަރެޖު އަދަދަށް ބަލާއިރު މަދުވުމެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުން ގާތްގަނޑަކަށް 498 ފްލައިޓް، މި މަސް ތެރޭގައި، ފެބްރުއަރީ 28 އިން މާޗު 28 އަށް ކެންސަލްވެފައި ވަނީ،" ތޯރިގު ވިދާޅުވި އެވެ.
މި ހިނގާ މާޗް 28، ގެ ނިޔަލަށް 627،496 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ތޯރިގު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ މިދިޔަ އަހުރުގެ މިހައިތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށްވުރެ އިތުރު އަދަދެއް ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 610،805 ފަތުރުވެރިންނެވެ.
ތޯރިގު ވިދާޅުވީ މި މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރިީ 145،728 ފަތުރުވެރިން ކަމަށެވެ. އެހެންކަމުން އެވެރެޖުކޮށް ބަލާއިރު، މި މަހު ރާއްޖެއަށް ދުވާލެއްގެ މައްޗަށް ޒިޔާރަތްކުރި ފަތުރުވެރިިންގެ އަދަދަކީ 5200 ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މިދިޔަ އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު ދުވާލަކު 1151 ފަތުރުވެރިންގެ މަދުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ފަތުރުވެރިން މި އަހަރުގެ މާޗު މަހު އައި އަދަދު މި ވަނީ މަދުވެފައި،" ތޯރިގު ވިދާޅުވި އެވެ.
ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށްޓަކައި، މިހާރު ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ފްރިކުއެންސީ އިތުރުކޮށް އިތުރު ގައުމުތަކުން ވެސް ފަތުރުވެރިން ގެނެވޭތޯ އެ އެއާލައިންތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ