ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ އެފޯޑަބަލް ހައުސިންއާއެކު އެޑްވާންސަށް ދައްކަންޖެހޭ އަދަދު ކުޑަވެ، އަތްފޯރާފަށުގެ ކުއްޔެއްގައި، އާއިލާތަކަށް އަމިއްލަ ގެދޮރު މިލްކުކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން، މިދިޔައަހަރު އޮކްޓޫބަރުގައި 'ނޭޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓް' ފާސްކުރެވިގެން ދިއުމަކީ، ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ މި ޤައުމަށް، ސާފު މިޞްރާބެއް ކަނޑައެޅިގެންދިޔަ ކަމެއްކަމަށެވެ.
މި މަޝްރޫޢަކީ ކާމިޔާބު އަދި ނަތީޖާ ނެރެވޭނެ މަޝްރޫޢަކަށް ހެދުމަށް ސަރުކާރުން ދެއްވަމުންދާ އެހީތެރިކަން ޝަރީފްވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކުލި ދައްކަން ނުޖެހޭ ގޮތަށް ބިން ހަމަޖައްސަވައިދެއްވުމަކީ ނިންމެވި ވަރަށް ހިކުމަތްތެރި އަދި ދުރުވިސްނޭ ނިންމެވުމެއްކަމަށް ވިދާޅުވިއެވެ.
ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ މިމަޝްރޫޢުގެ ދަށުން ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަމަށެވެ. އޭގެ ތެރޭގައި، 2028 ވަނަ އަހަރުގެ މެދާ ހަމައަށް މާލެ ސަރަޙައްދުގައި 3,260 ހައުސިންގ ޔުނިޓް އެޅުމަށް މިނިސްޓްރީއާއެކު ޕާޓްނަރޝިޕް ޤާއިމްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ދެތިން ދުވަސްކުރިން ޗައިނާގެ ސީއެމްއީސީންވަނީ އޭގެ ތެރެއިން 1,224 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށާފައެވެ. އަދި ވިލިމާލޭގައި 300 ހައުސިންގ ޔުނިޓްގެ ބިންގާ މިހާރު އެޅިގެން ދިޔަކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
"މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީޒް-ޓު-އޯން ނުވަތަ ކުލި ދައްކަމުންގޮސް މިލްކުވާ މޮޑެލްއެއް ފުޅާ ދާއިރާއެއްގައި ތަޢާރަފުވެގެންދާނެ. މީގެ ސަބަބުން ކުރިން އިކުއިޓީ ނުވަތަ އެޑްވާންސަށް ދައްކަންޖެހޭ ބޮޑެތި ފައިސާގެ އަދަދު ދެއްކުމުގެ ބުރަ ކުޑަވެ، އަތްފޯރާފަށުގެ މަހު ކުއްޔެއްގައި، އާއިލާތަކަށް މަޑުމަޑުން އެމީހުންގެ އަމިއްލަ ގެދޮރު މިލްކުކުރުމުގެ ފުރުޞަތު ލިބިގެންދާނެ. މިއީ އަޅުގަނޑުމެންގެ ތެރެއިން މަދު އާމްދަނީ ލިބޭ ރައްޔިތުންގެ ހާލަތަށް ރިޢާޔަތްކޮށް ފަރުމާކޮށްފައިވާ، ގިނަފަރާތްތަކެއް ބައިވެރިކުރެވޭނެ، ގެދޮރުވެރިވުމަށް ލިބޭ އެކަށޭނެ ހައްލެއް." މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މި ބިޔަ މަޝްރޫއުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މުޅި ރާއްޖޭގައި ގެދޮރުވެރިކަމަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިކަމަށް ވިދާޅުވިއެވެ. އެގޮތުން، އެޕާޓްމަންޓެއް ގަތުމަށާއި ދިރިއުޅުމަށް ގެއެއް ޢިމާރާތްކުރުމަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު %20 އިން %5 އަށް ދަށްކޮށްފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. 2.1 ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ ލޯނާއި ފައިނޭންސް މުޅިން އަލަށް މިދިޔަ އަހަރު ވަނީ ދޫކޮށްފައެވެ. އަދި ހައުސިންގ މިނިސްޓްރީއާ ގުޅިގެން ރާއްޖޭގައި އެންމެ ކުޑަ ރޭޓުގައި "ހިޔާވެހި ފައިނޭންސިންގ" ދަށުން ފައިނޭންސްދޫކޮށް، ރަށްރަށުގައި އިތުރު ރަހުނަކާ ނުލައި ގެދޮރު އެޅުމަށާއި މަރާމާތް ކުރުމަށް 3 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ވަނީ ފަށާފައެވެ.
އެފޯޑަބަލް ހައުސިން: އެޑްވާންސް ކުޑަވެ އަތްފޯރާފަށުގައި ގެދޮރު މިލްކުކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ