ޔުނިވާސިޓީއެއްގެ ދަރަޖަ ދެވޭ ފެންވަރުގެ ކޮލެޖެއް ރާއްޖެއަކު ނެތް: ފިޒާނާ
ޔުނިވާސިޓީއެއްގެ ދަރަޖަ ދެވޭ އުސޫލަށް ލުއިތަކެއް މިހާރު ގެނެސްފައިވާއިރު, އެ ދަރަޖަ ދެވޭވަރުގެ ކޮލެޖެއް އަދި ރާއްޖޭގައި ނެތް ކަމަށް, މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ކޮލެޖު ހިންގާތާ 15 އަހަރުވެފައިވާނަމަ، އެ ކޮލަޖަކަށް ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭހެން މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހެއް ގެނެސް ބިލު މަޖިލީހުން ފާސްކުރުމާއެކު, މިދިޔަ ނޮވެންބަރު މަހުގެ ނުވަ ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގު ކުރައްވައިފައެވެ. މަންދު ކޮލެޖުގެ ވެރިޔާ, އިބްރާހީމް އިސްމާއީލް (އިބްރާ) މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން, "ޕްރައިވެޓް ޔުނިވާސިޓީއާ ބެހޭ ޤަވައިދު" ގެ ޑްރާފްޓެއް އިއްޔެ ފޮނުވައި، މާދަމާ އެއަށް ކޮމެންޓް ދޭން އަންގާފައިވާ ކަމަށެވެ. https://www.sun.mv/213674 މުޅި މި ކަންތައްގަނޑަކީ ވިލާ ކޮލެޖަށް ޔުނިވާސިޓީގެ ދަރަޖަ ދީ، ދެން އެހެން އެއްވެސް މަރުކަޒަކަށް އެ ދަރަޖަ ނުހޯދޭނޭ ގޮތަށް ނިޒާމު ތަޅުލާންޖަހާ ސަކަރާތެއް ކަމަށް އިބްރާ ތުހުމަތު ކުރެއްވެވިއެވެ. "އަހަންނަކީވެސް މިރާއްޖޭގެ ތަޢުލީމީ ދާއިރާގެ އެންމެ ތިރީ ހަރިފަތުން ފެށިގެން އެންމެ މަތީ ހަރުފަތްތަކުގައި ގިނަ ދުވަސްތަކެއްގައި މަސައްކަތްކުރި މީހަކީމެވެ. ކިޔެވީވެސް އެ ދާއިރާއިންނެވެ. މި ދާއިރާގައި ތިއްބެވި ގިނަ ތަޖުރިބާރުންނާއެކު މަސައްކަތްކުރެވި، އެބޭފުޅުންނާ ގާތްގުޅުމެއް މިހާރުވެސް އޮވެއެވެ. އެއިން އެއްވެސް ބޭފުޅަކު މިއީ ރަނގަޅުކަމެކޭ ވިދާޅުވާތީ އަޑެއްނާހަމެވެ. މަޝްވަރާ ކޮށްލެވުނު ކޮންމެ ބޭފުޅަކުވެސް ފާޅުކުރެއްވީ ކަންބޮޑުވުމެވެ." އިބްރާ ފޭސްބުކްގައި ލިޔުއްވައިފައިވެއެވެ. އޭނާ އިތުރަށް ވިދާޅުވީ މި ކަމުގައި އެންމެ "މަޖާކަމަކީ"، މަޖިލީހުގެ ކޮމިޓީގައި، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއިން ވެސް މިކަމާ ދެކޮޅު ހެދި ކަން ކަމަށެވެ. އެ ސްޓޭޓަސް ޝެއާ ކުރައްވައި އެމްކިޔުއޭގެ ސީއީއޯ ފިޒާނާ ވިދާޅުވީ ރާއްޖޭގައި ޔުނިވާސިޓީއެއްގެ ސްޓޭޓަސް ދެވޭ ފެންވަރުގެ ކޮލެޖެއް އަދި ނެތް ކަމަށެވެ. އެ ބިލް ފާސްކުރިއިރު އެމްކިޔުއޭ އާއި ކަމާ ގުޅުން ހުރި އެހެން ސްޓޭކްހޯލްޑާސް ވެސް ދިން ލަފަޔަށް ރައްޔިތުންގެ މަޖިލީހުން ރިއާޔަތް ނުކުރުމަކީ ދެރަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަ އެހެންމެ ރާއްޖޭގައި މި ވަގުތު ހިންގަމުން އަންނަ ދެ ޔުނިވާސިޓީ ކަމަށްވާ, މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް ފިޒާނާ ވިދާޅުވިއެވެ. ފަހުން ގެނައި ބަދަލާއެކު ކޮލެޖެއް ޔުނިވަސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު ހުންނަންޖެހޭނެ ޝަރުތުތަކުގެ ތެރޭގައި އެމްކިޔުއޭގެ ފްރޭމްވޯކް ލެވެލް ހަތެއް އަދި ލެވެލް ނުވައަކުން މަދުވެގެން ތިން ދާއިރާއަކުން ޕްރޮގްރާމްތައް ހިންގަންޖެހޭނެއެވެ. އެ ދާއިރާތަކަކީ: އާޓް އެންޑް ހިއުމަނިޓީޒް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ލައިފް ސައިންސް އެންޑް މެޑިސިން ނެޗުރަލް ސައިންސަސް ސޯޝަލް ސައިންސް އޭގެއިތުރަށް، އެ ކޮލެޖަކީ އެމްކިޔުއޭ ފްރޭމްވޯކްގެ ލެވެލް ހަތަކުން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުންދާ ކޮލެޖަކަށް ވާންޖެހޭނެއެވެ. ބައިނަލްއަގްވާމީ ޔުނިވަސިޓީ ރޭޓިންއެއް ނުވަތަ ރޭންކެއްގައި ބައިވެރިވެ، ރޭޓުކުރެވިފައިވާ ކޮލެޖަކަށް ވެސް ވާންޖެހޭނެއެވެ. ނުވަތަ އެފަދަ ގިންތިއެއްގެ ޔުނިވަސިޓީއެއްގެ ޕްރޮގްރާމްތައް ހިންގާތާ މަދުވެގެން ފަސް އަހަރުވެފައިވާ ކޮލެޖަކަށް ވާންޖެހޭނެއެވެ. މީގެއިތުރުން، ބައިނަލްއަގްވާމީ ޔުނިވަސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައާއި، ބައިނަލްއަގްވާމީ ކޮލިޓީ އެޝިއުރެންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ އެ ކޮލެޖަކަށް ލިބިގެން ވާންވާނެއެވެ. އަދި، އެ ކޮލެޖަކީ ބައިނަލްއަގްވާމީ ފެންވަރުގެ ރިސާޗާއި، ބޭރު ޔުނިވަސިޓީތަކާއި ޖަމާއަތްތަކުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖަކަށް ވެސް ވާންވާނެއެވެ. ކޮލެޖުގެ އެކަޑަމިކް ފެންވަރު ކަށަވަރުކުރުމުގެ ގޮތުން އެކަޑަމިކް ޕްރޮގްރާމުތަކުގައި ކިޔަވައިދޭ މުވައްޒަފުންގެ މަދުވެގެން 10 އިންސައްތައަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭނެކަމަށް ވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ